ފުޓުބޯޅައިގައި މިއަހަރު ފެންނާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުން މިރޭ ފެންނާނެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ނުކުންނާނީ ޕެރިހުގައެވެ. ނުފޫޒަށް ބަލާ އިރު، ދެ ކްލަބަކީވެސް ޔޫރަޕްގެ ގަދަ ދެ ބާރެކެވެ. ފައިސާގެ ގޮތުން މިވަގުތު ރެއާލް ކުޑަކޮށް އަޑި އަޅާލައިފައި އޮތް ނަމަވެސް، ފައިސާއިންވެސް ދެ ކްލަބަކީ ނުފޫޒުގަދަ ދެ ކްލަބެކެވެ. ދަނޑުމަތީގައި ފެންނަ ކުރިމަތިލުމުގެ ބޭރުން ބައެއް ވާހަކަތަކަށްވެސް ޝައުގުވެރި ކުރުވައެވެ.
މިދިޔަ އަހަރު ތެރޭގައި ފުޓުބޯޅައަށް، ހާއްސަކޮށް ކްލަބު ފުޓުބޯޅައަށް އައި އެއް އިންގިލާބަކީ ފައިސާގެ ބޮޑު ނުފޫޒަކާއެކު އައި ޔޫރޮޕިއަން ސުޕަ ލީގު (އީއެސްއެލް) އެވެ. ޔޫރަޕްގެ ވަރުގަދަ 12 ކްލަބުގެ ބައިވެރިވުމާއެކު އިއުލާނުކުރި އީއެސްއެލްއާއެކު މުޅި ފުޓުބޯޅަ ގުޑުވާލައިފިއެވެ. ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ ބައްރު ކަމަށްވާ ޔޫރަޕްގެ ތެރޭގައި މުޅިން "ހައިޖާން" ވެގެން އޭރު ދިޔަ ނަމަވެސް އެކަން ފެއިލިވީ އޭގެ ބައެއް ކްލަބުތަކުން ޔޫއެފާ ކައިރީ "ސައިޒް" ވުމުންނެވެ. 12 ކްލަބުގެ ތެރެއިން ތިން ކްލަބަށް ސުޕަ ލީގުގެ ބައިވެރިވުން ހަނިވިއިރު، މިއަދާ ހަމައަށްވެސް ސުޕަ ލީގުގައި ހިފައިގެން އެންމެ ގަދަކޮށް ހުރީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ.
އަނެއްކޮޅުން އޭރުން ފެށިގެން މިއަދާ ހަމައަށް އަބަދަށް ޔޫއެފާގެ އެހީގެ އަތަކަށް ހުރީ ޕީއެސްޖީގެ ރައީސް، ނަސެރް އަލް ހެލައިފީއެވެ. ދެ ކްލަބުގެ ދެމެދު "ޓެންޝަން" މަތިވެގެން ގޮސްފައިވާ މިހާލަތުގައި މިދިޔަ އަހަރު ހިނގައިދިޔަ ސުޕަ ލީގުގެ ކަންތަކާއެކު ކިލިއަން އެމްބާޕޭގެ ޓްރާންސްފާ ކަންތައްވެސް މިހާރު ހިމެނެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުން ހިލޭ ޓްރާންސްފާއެއްގައި ރެއާލްއަށް ދިޔުމަށް އެމްބާޕޭ ވަނީ މިހާރު ނިންމާފައެވެ. އެހެން ނަމަވެސް އެކަމަށް އަދި އެއްވެސް ރަސްމީ ބަހެއް ނެތެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ރެއާލްއަށް ފޮނުވައިދޭން އެމްބާޕޭ އެދުނު ނަމަވެސް ޕީއެސްޖީން އެކަމަށް ހުރަސް އަޅައި، އެމްބާޕޭ މަޑުކުރުވިއެވެ. އެމްބާޕޭ މަޑުކުރުވީ އެއްބަސްވުން އާކުރުމަށް ނަމަވެސް އަދިވެސް އެމްބާޕޭ ޕީއެސްޖީ އެއްބަސްވުން އަލެއް ނުކުރެއެވެ. އެ މައްސަލައިގައި ދެ ކްލަބުގެ ވެރިންގެ ބަހުގެ ހަމަލާތައްވެސް ހިނގައިފައިވެއެވެ.
އެ ހުރިހާ ކަމެއްގެ ވާހަކަތަކާއެކު، މިރޭ އޮންނަ މެޗުގެ ކުރިން ޕީއެސްޖީއާއި ރެއާލްގެ ވެރިން ޕެރިހުގެ ހާއްސަ ރެސްޓޯރަންޓެއްގައި ބައްދަލުކުރާނެއެވެ. އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ވެރިންގެ ބައްދަލުވުން ހިނގާނީ އަލް ހެލައިފީ ހިޔާރުކުރާ ޕެރިހުގެ މަޝްހޫރު ޝެފް ގައީ ސަވޯއީގެ ރެސްޓޯރަންޓަކުންނެވެ. ޕެރިހުގެ މަނޯއީގައި ހުންނަ ރެސްޓޯރަންޓަކީ ތިން މިޗެލިން ތަރީގެ ރެސްޓޯރަންޓެކެވެ. އެ ރެސްޓޯރަންޓަކީ 2020 ވަނަ އަހަރު ދުނިޔޭން ހޮވި އެންމެ މޮޅު ރެސްޓޯރަންޓެވެ.
ސަވޯއީގެ ރެސްޓޯރަންޓްގެ އަގުތަކަށް ބަލާ އިރު، ރަހަބަލައިލުމުގެ މެނޫގެ އަގަކީވެސް 530 ޔުރޯއެވެ. އެއީ ބުކިން އަގެވެ. އާންމުކޮށް ކެއުމަކަށް 1240 ޔޫރޯ އެ ރެސްޓޯރަންޓުން އަރާނެއެވެ. އެ ބައްދަލުވުން، އެ ކެއުން ހާއްސަވީ ދެ ކްލަބުގެ ވެރިން ތިބި ހާލަތަކަށް ބަލައިފައެވެ. ޓްރާންސްފާތަކާއި ތަރިންގެ ވާހަކަތައް ދެކެވޭނެ ބައްދަލުވުމަކަށް އެ ބައްދަލުވުން ވާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު