ހިޔާ ފުލެޓު ޓަވަރެއްގައި މަސްތުވާތަކެތި ބޭނުން ކުރަން އިން މީހަކު ހުއްޓުވި އަންހެން ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީ ޒަހަމްކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އަންހެން ސެކިއުރިޓީ އޮފިސަރެކެވެ.

ވަށި ކޮމްޕެނީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު މެންދުރު 1:15 ހާއިރު ހިޔާގެ ޓަވަރެއްގައި މަސްތުވާތަކެތި ބޭނުން ކުރަމުންދިޔަ މީހަކު ހުއްޓުވުމަށް އެ ޓަވަރުގައި ޕެޓްރޯލް ކުރަމުންދިޔަ އަންހެން ސެކިއުރިޓީ އޮފިސަރަކު މަސައްކަތް ކުރަމުން އަންނަނިކޮށް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ސެކިއުރިޓީ އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެކުންފުނިން ބުންޏެވެ. އަދި އޮފިސަރަށް ހަމަލާދީފައިވަނީ އެ ޓަވަރުން އާންމުކޮށް ފެންނަ މީހެއް ނޫން ކަމަށްވެސް އޮފިސަރާ ހަވާލާދީ އެ ކުންފުނިން ވަނީ ބުނެފަ އެވެ.

"އަންހެން ސެކިއުރިޓީ އޮފިސަރުގެ ހިތްވަރުގަދަ ކަމާއި ކުޅަދާނަކަން މި ކުންފުނިން ފާހަގަކޮށް ސާބަސްދެމެވެ. އަދި ހިޔާ ސަރަހައްދުގައި ހިނގަމުންދާ ގަވާއިދާ ހިލާފު އެންމެހާ ކަންކަން ހުއްޓުވައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކާއެކު ވަނީ އިންތިޒާމުތަކެއް ހަމަޖެހިފަ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ފުލުހުން ބުނީ މިއަދު މެންދުރު 1:35 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާ ސަރަހައްދަށް މީހުން ބަދަލު ވުމުގެ ކުރިންވެސް އޭގެ ފަހުންވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ "އައްޑާ"އަކަށް އެ ސަރަހައްދު ހަދާފައިވާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.