ޚަބަރު

އިންޑިއާ ރައްޔިތަކަށް ދެރައެއް ވެއްޖެނަމަ، ދެ ގައުމުންވެސް ފިޔަވަޅުު އަޅަން މަޖުބޫރުވާނެ: ފޮރިން މިނިސްޓްރީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ދެގައުމުގެ ސަރުކާރަށްވެސް ފިޔަވަޅެއް އަޅަން މަޖުބޫރުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގެ ދިރާސާއަށް މިއަދު ވަނީ ފޮރިން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އެގައުމުގެ ރައްޔިތަކަށް ދެރައެއް ނުވަތަ އުދަނގޫތަކެއްވާ ނަމަ، އެގައުމުގެ ސިޔާސީ މީހުން އެ މައްސަލަ ނަގައި، ސަރުކާރާ ސުވާލުކުރަން ފަށާނެ ކަމަށެވެ.

"އިންޑިއާގެ ސިޔާސީ ބޭފުޅުން އެ ބޭފުޅުން ޕާލިމަންޓުގައި މި އިޝޫ ނަންގަވާފައިވާނެ. އިންޑިއާ ސަރުކާރުގައި ސުވާލުކުރަން ފަށާނެ, މިހާ އެހީތެރިކަންވަމުންދާ ގައުމެއްގައި އިންޑިއާގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަނީ. އެހެންވީމަ އެ އޮންނަ ގާތްކަމާމެދު ސުވާލު އުފައްދާނެ. އެމީހުން އެ ބާއްވާ ގާތްކަން ރާއްޖޭން ބާއްވާތޯ. އެކަމުގެ ސަބަބުން ހީނަރުކަން އަންނަން މަޖުބޫރުވާނެ. އަދި ފިޔަވަޅުއަޅަންވެސް މަޖުބޫރުވާނެ،" ގަފޫރު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ވިދާޅުވީ، މައްސަލަ ގޯސްވާން ބޭނުންވަނީ "އެންމެ ޓްރިގާއެއް" ކަމަށެވެ.

"އިންޑިއާގެ ރައްޔިތަކަށް މިކޮޅުން ގެއްލުމެއް ވެއްޖެނަމަ, އޭގެ ސަބަބުން, އެ މައްސަލަތައް އިންޑިއާގައިވެސް ތިބޭނެ ޕޮލިޓީޝަނުންވެސް, އިންޑިއާގައި މީޑިއާތައްވެސް, އެ މައްސަލަ ރެއިޒް ކުރަން ފަށާނެ. ރެއިޒް ކުރަން ފެށީމަ އިންޑިއާ ސަރުކާރަށްވެސް, އަދި ދިވެހި ސަރުކާރަށްވެސް ޖެހޭނެ ފިޔަވަޅުތަކެއް އަޅަން. އެ ހިސާބަށް ދިޔައީމަ ދެގައުމުގެ ގުޅުމަށް އަސަރުކޮށްފާނެކަމީ ޝައްކެއް އޮތްކަމެއް ނޫން," ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތަށް އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުތަކެއް ކޮށްފައި އޮތް ކަމަށް ނުބެލެވުނު ނަމަވެސް، އިންޑިއާއާއެކު ރާއްޖޭން ބާއްވާ ގުޅުމަކީ ހާއްސަ އަދި ވަރަށް ރަހުމަތްތެރި ގުޅުމެއް ކަމަށެވެ.