ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އާއިލާއާއެކު ރައްކާތެރި ސަރަހައްދުތަކަށް!

މުހައްމަދު އިޝާން

ޔޫކްރެއިންގައި ތިބި ބައެއް ދިވެހި ދަރިވަރުން އާއިލާއާއެކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެއްޖެއެވެ.

ޔޫކްރެއިން ބޯޑަރުގެ އެކި ހިސާބުތަކުގައި ރަޝިއާގެ ސިފައިން ގާއިމުވެފައިވާތީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ވަނީ މަސްލަހަތު ގޯސްވެފައެވެ. އެމެރިކާއިން ބުނެފައިވަނީ ރަޝިއާއިން މަސައްކަތް ކުރަމުންދަނީ ޔޫކްރެއިން އިސްތިއުމާރުކުރުމަށް ކަމަށެވެ. އެމެރިކާ ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު ވަނީ އެގައުމުތަކުގައި ރައްޔިތުން ޔޫކްރެއިނުން ފޭބުމަށް އަންގައިފައެވެ. އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ވަނީ އެގޮތަށް އަންގައިފައެވެ.

ޔޫކްރެއިނަކީ ދިވެހި ގިނަ ދަރިވަރުން ކިޔަވަން ދާ ގައުމެކެވެ. ބައެއް ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ ޔޫކްރެއިންގެ ދެ ސިޓީ ކަމަށްވާ ހާކިވް އަދި ކިއޭވް އަށް ވެސް މިހާރު ރަޝިއާގެ ސިފައިން ވަނީ ޖަމާވެފައެވެ.

ހާކިވްގައި އެމްބީބީއެސް ހަދަމުން އަންނަ ދަރިވަރަކު މިރޭ "ވަން" އަށް ބުނީ އެ ސިޓީގައި ފުދޭ ވަރަކަށް ގިނަ ދިވެހި ދަރިވަރުން އާއިލާއާއެކު އުޅެމުންދާ ކަމަށާއި އެ ސިޓީގެ ބޯޑަރު ގުޅެނީ ރަޝިއާއަށް ކަމަށްވުމުން އެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ ސިފައިންނާއި އެމެރިކާގެ ސިފައިން އަދި ޔޫކްރެއިންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ތިން ގައުމުގެ ސިފައިން ހަރަކާތްތެރިވަމުން ދަނީ ޓޭންކަރު އަދި ރައިޓު ގިޔަރުގައި ބަޑި ހިފައިގެން ކަމަށެވެ. އަދި ގިނަ ބަޔަކު އެ ސިޓީ ދޫކޮށް ދާން ފެށުމުން ބައެއް ދިވެހިން ވެސް މެދުތެރޭ ސިޓީތަކަށް ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ފޮރިން މިނިސްޓްރީން ދިވެހި ދަރިވަރުންނަށް ގުޅައި މައުލޫމާތު ސާފުކުރަން ފެށީ ބައެއް ދިވެހިން މެދުތެރޭ ސިޓީތަކަށް ބަދަލުވިކަން ބެލްޖިއަމްގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އެންގުމުން ކަމަށާއި ނަމަވެސް އޭގެ ކުރިން ދަރިވަރުން ފޮރިން މިނިސްޓްރީއަށް ގުޅައި މައުލޫމާތު ސާފުކުރަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި މިހާރު ޔޫކްރެއިންގައި އުޅޭ ދިވެހިން އެންމެ ކައިރީގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި ރަޖިސްޓްރީވުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފުސީލު ހޯދަން "ވަން" އިން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ގުޅުމުން ވިދާޅުވީ ފޮރިން މިނިސްޓްރީން ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި ތިބި 50 އަށްވުރެ ގިނަ ދިވެހި ދަރިވަރުންގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.

ހުރިހާ ދަރިވަރުންނާ ވެސް މިނިސްޓްރީން ގުޅައި ހާލު ބަލަމުން އަންނަކަން މިއުވާން ފާހަގަކުރެއްވިއެވެ. ނަމަވެސް އެގައުމު ދޫކޮށް ފައިބަން ދިވެހި ދަރިވަރުންނަށް އެންގިކަން ސާފުކޮށް ނުދެއްވައެވެ.