މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދުއަށް ތަމްސީލު ނުކުރެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފެށުމާއެކު އާތިފް ޝަކޫރުގެ ދިފާއީ ވަކީލުގެ ޓީމުގައި، ޝަރުއީ ދާއިރާގައި އިސް މަގާމުތައް އަދާކުރެއްވި ފާހަގަ ކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާޖެެނެރަލް މަރިޔަމް ނިހާޔަތާއި، އެސިސްޓެންޓް ޕްރޮސިކިއުޓާޖެނެރަލް އައިޝަރު ފަޒުނާ ހިމެނިވަޑައިގަންނަވައެވެ.
އެ މައްސަލަގައި ދިފާއީ ވަކީލެއްގެ ގޮތުގައި ނިހާޔަތަށް ތަމްސީލު ނުކުރެވޭނެ ކަމަށް މީގެ ކުރިން ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.
އެގޮތަށް ނިންމަވަމުން އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވެފައި ވަނީ، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ނިހާޔަތު ހުންނެވި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ މަޝްވަރާތަކުގައި ބައިވެރިވެފައިވާތީ އެ މައްސަލައިގައި އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި، ދިފާއީ ވަކީލެއްގެ ގޮތުގައި ފަޒުނާއަށް ތަމްސީލް ކުރެވިދާނެ ކަމާމެދު، ދައުލަތުން ވަނީ ސުވާލު އުފައްދައިފައެވެ.
އެގޮތުން، ފަޒްނާ އަކީ ޕީޖީ އޮފީހުގައި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެއް ކަމަށާއި އޭނާ އެ މަގާމު އަދާކުރައްވާފައި ވަނީ، އޭޕްރީލް 10، 2016 އިން ފެށިގެން އޯގަސްޓު އަށެއް، 2018 އަށް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
އާތިފް ޝަކޫރުގެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހާއި ދައުލަތުގެ އިދާރާތަކާ ދެމެދު، ނޮވެމްބަރު 14، 2017 އިން ފެށިގެން މަޝްވަރާ ކުރަމުން ގޮސްފައިވާ ކަމަށާއި، އެ މުއްދަތުގައި ފަޒްނާ ދިޔައީ ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވަމުންކަން ވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މައްސަލައިގައި ފަޒްނާއަށް ވަކާލާތު ކުރެވޭނެކަމަށް ތަކުރާރުކޮށް ދިފާއުން ބުނަމުންގެންދިޔައެވެ.
އެންމެފަހުން އެ މުއްދަތުގައި ޕީޖީ އޮފީހުގައި ފަޒްނާ މަސައްކަތް ކުރިކަން ސާބިތު ކުރުމަށް ލިޔެކިޔުންތައް ހުށަހެޅުމަށް ނިންމައި އެ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވިއެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ، ދިފާއީ ވަކީލެއްގެ ގޮތުގައި ފަޒްނާ މަސައްކަތް ކުރުމާބެހޭގޮތުން ކޯޓުން ގޮތެއް ނިންމުމުގެ ކަންތަކެވެ.
މިއަދުގެ އަޑުއެހުން ފައްޓަވަމުން އިސް ގާޒީ ޝަކީލު ވިދާޅުވީ، ޕީޖީ އޮފީހުގައި ފަޒްނާ މަސައްކަތްކުރި، ލިއެކިޔުންތައް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ވާހަކަ ދެއްކެވުމަށް ދެފަރާތަށް ފުރުސަތު ދެއްވިއެވެ. އެ މައްސަލައިގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މި މައްސަލައިގައި ފަޒްނާއަށް ތަމްސީލު ނުކުރެވޭނެކަން ބަޔާންކޮށްދޭ ލިއެކިޔުން ހުށަހަޅާފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ޕީޖީ އޮފީހުގައި ފަޒްނާ އުޅުއްވި މުއްދަތުގައި އާތިފް ޝަކޫރުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ދިޔަކަމަށާއި، އެކަމުގައި ދައުލަތުން އެ މައްސަލައާގުޅޭ ލަފާ ދީފައިވާ ކަން އެނގޭނެ ލިއެކިޔުން ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ދިފާއީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ، މި މައްސަލައިގައި ދިފާއީ ވަކީލުންގެ ބެންޗާމެދު "ދައުލަތުން އޮބްސެޝަންއެއް" ގެންގުޅޭކަމަށެވެ.
ފަޒްނާ ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިއެކިޔުމެއްގައި އޭނާގެ ނަން ނުވަތަ ސޮއި ނުހިމެނޭ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި އެއްވެސް މަސައްކަތެއްގައި އޭނާ މަސައްކަތްކުރިކަން އެލިޔުންތަލުން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ އަދި އެއީ ޑިއުޓީ ޕްރޮސެކިއުޝަން ފޯމުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަމްސީލު ނުކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ދިފާއީ ވަކީލެއްގެ ގޮތުގައި ފަޒުނާއަށް ތަމްސީލު ނުކުރެވޭނެކަމަށް ގާޒީ އަހުމަދު ޝަކީލު ކަނޑައެޅުއްވިއެވެ. ގާޒީ ވިދާޅުވީ، މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައިގެން މަޝްވަރާތައް ކުރިއަށްގެންދިޔަ މުއްދަތުގައި، އެ އޮފީހުގައި ފަޒްނާ މަސައްކަތް ކުރައްވާފައިވާކަން ލިއެކިޔުންތަކުން އެނގޭ ކަމަށެވެ.
ޚަބަރު
ޚަބަރު