އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާކަން ރަސްމީކޮށް ހާމަ ކުރައްވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، އެމަސައްކަތުގައި އޭނާގެ އާމާޒަކީ ކޮބައިކަން މިއަދު އާއްމު ކުރައްވައިފިއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި، ގަމު ދާއިރާގެ ގޮނޑި ފުރުއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމުން، މަޖިލިސް ގޮނޑިން އިސްތިއުފާ ދެއްވައި ކެބިނެޓާ ގުޅިވަޑައިގެންނެވި ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދް ކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.

އެއަށްފަހު ފައްޔާޒު ވިދާޅުވެފައި ވަނީ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ.

އެކަމުގައި އެމްޑީޕީގެ ލޮބުވެރި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށާއި، މި އިންތިހާބު ގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާނެކަން އާއްމު ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ، އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވުމުގެ ކުރިން، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒުގެ އިތުރުން އެޕާޓީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އަދި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު މުހައްމަދު ރަޝާދު ވާދަ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ވޯޓުލުން އޭޕްރީލް 16 ގައި ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެ ހުޅުވާލުމުން، އެ މަގާމަށް ވާދަ ނުކުރެއްވުމަށް އަމްރު މިއަދު ވަނީ ނިންމަވައިފައެވެ.

އެމްޑީޕީގެ އިސް ތަރުޖަމާނު ކަމުގެ މަގާމުގައި މިހާރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަން ނިންމަވައި ރޭ އެކަން އިއުލާނުކުރައްވައިފައެވެ.

އިންތި އެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންނާއި އާއްމު މެންބަރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިންތިއަށްވެސް ތާއީދު ކުރާކަން އަންނަނީ ހާމަ ކުރަމުންނެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހިމެނި ވަޑައިގަންނަވަ އެވެ.

ޗެއާޕާސަން ކަމުގެ މަގާމު ހިމެނޭގޮތަށް އެމްޑީޕީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް އެމްޑީޕީން މިހާރު ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އީމެއިލް [email protected] އަށް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 19 ވާ ހޮނިހިރު ދުވަހުގެ 4:00 ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އެމަގާމުތަކަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދރވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ޗެއާޕާސަންކަމުގެ ދައުރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.