އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ނޯވިޗާ ދެކޮޅަށް ކުޅުނު މެޗު، 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

ރަށުން ބޭރުގައި ސިޓީން ހޯދި ބޮޑު މޮޅާއެކު އެޓީމަށް ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ލިބިފައިވާ އިރު، އެންމެ ގާތުން ދެވަނައިގައި ސިޓީއާ ވާދަކުރަނީ ލިވަޕޫލެވެ. ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 25 މެޗުން 63 ޕޮއިންޓާ އެކުގައެވެ. ސިޓީއަށްވުރެ ދެމެޗު މަދުން ކުޅެފައިވާ ލިވަޕޫލަށް މިހާތަނަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ.

ތަފާތު ބޮޑު ފަރަގެއްގައި ސިޓީ އެއްވަނައިގައި އޮތް ނަމަވެސް ރޭގެ މެޗަށްފަހުވެސް ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ލީގަށް އަދިވެސް "ވަރުގަދައަށް ވާދަވެރިކަން" އެބައޮތް ކަމަށެވެ. ގާޑިއޯލާ ބުނެފައި ވަނީ ސިޓީއަށް ލީގުނ ލިބޭނެ ކަމަށް އަދި ނިންމެއް ނެތް ކަމަށާއި، ބާކީ ގިނަ މެޗުތަކެއް އޮތުމުން ލިވަޕޫލަށް ސިޓީއާ ހަމަކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސިޓީން ޑޮމިނޭޓް ކުރި މެޗުގެ ފުރަތަމަ ހާފުގައި ސްޓާލިން ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައިފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސްޓާލިންގެ ފުރަތަމަ ގޯލު ފެނުނީ ކައިލް ވޯކާގެ ހުރަހަކުންނެވެ.

ސިޓީން ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ސްޕޯޓިން ލިސްބަންއާ ދެކޮޅަށް މި ހަފުތާ ތެރޭ ނުކުންނަން ޖެހިފައި އޮތުމާއެކު ބައެއް މުހިއްމު ކުޅުންތެރިން ރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިފައެއް ނުވެއެވެ. އޭގެ ތެރޭގައި ޖާއޯ ކާންސެލޯއާއި ކެވިން ޑިބްރޭނާ ހިމެނެއެވެ. އެހެން ނަމަވެސް އެ ކުޅުންތެރިން ނެތްތައް ސިޓީގެ ކުޅުމުން ދައްކާފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެ އިރުކޮޅެއްގެ ތެރޭގައި ސިޓީގެ ލީޑު ފިލް ފޯޑެން ފުޅާކޮށްދިން އިރު، އޭގެ އިރުކޮޅެއް ފަހުން ބާނާޑޯ ސިލްވާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސިޓީން އެންމެފަހުން ކުޅުނު 15 މެޗުގައިވެސް އެޓީމު ބަލިވެފައި ނުވާ އިރު، މެޗުގެ ތިންވަނަ ގޯލު ސްޓާލިން ފަރާތުން ފެނުނީ ރުބެން ޑިއާޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗު ނިމެން ދަނިކޮށް ޒުވާން ކުޅުންތެރިޔާ ޑެލަޕް ހޯދައިދިން ޕެނަލްޓީގައި ސްޓާލިން ހެޓްރިކް ފުރިހަމަކުރި އިރު، އެއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފަސްވަނަ ހެޓްރިކެވެ. ސްޓާލިން ޖެހި ޕެނަލްޓީ ކީޕަރު މަތަކުރި ނަމަވެސް އޭނާ ވަނީ ރީބައުންސް ގޯލަށް ވައްދާލައިފައެވެ/