ޑުބާއީގެ އަބޫ ދާބީގައި ކުޅުނު ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލްގެ ޕަލްމޭރާސް ބަލިކޮށް، ޗެލްސީން ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލްގައި ޗެލްސީން ޕަލްމޭރާސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

މިރޭ ޗެލްސީން ކުޅުނު ކްލަބު ވޯލްޑް ކަޕްގެ ފައިނަލަކީ އެ ކްލަބުގެ ތާރީހުގައި ކުޅުނު ދެވަނަ ކްލަބު ވޯލްޑް ކަޕް ފައިނަލެވެ. 2012 ވަނަ އަހަރު ޗެލްސީން ކުޅުނު ފުރަތަމަ ކްލަބު ވޯލްޑް ކަޕް ފައިނަލުން އެޓީމު ބަލިވީ ބްރެޒިލްގެ ކޮރިންތިއަންސް އަތުންނެވެ. އެ ފައިނަލުން ބަލިވި ނަމަވެސް ޗެލްސީން މިރޭ ވަނީ ދުނިޔޭގެ ފުޓުބޯޅައިގައި އެ ކްލަބަށް ހޯދެން އޮތް ހުރިހާ ތަށްޓެއް ހަމަކޮށްފައެވެ.

ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް މިރޭގެ މެޗު ބެއްލެވުމަށް ސްޓޭޑިއަމްގައި އިންނެވި އިރު، ރަޝިއާގެ ބިލިއަނަރު އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. މިރޭގެ ކުރިން ޗެލްސީއަށް ނުލިބި އޮތް ހަމައެކަނި ތަށްޓަކީ ކްލަބު ވޯލްޑް ކަޕެވެ.

މިރޭ މެޗު ފެށިގެން ޗެލްސީން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް އެޓީމަށް އުނދަގޫވީ ގޯލެއް ޖެހުމަށެވެ. ޕަލްމޭރާސްއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ކައުންޓާ އެޓޭކްގައި ކުޅުނު އިރު، ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ. ޗެލްސީއަށްވެސް އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީން އެޓޭކަށް ބޮޑަށް ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ލީޑު ނެގިއެވެ. އަރިމަތިން ކަލުމް ހަޑްސަން އޮޑޯއީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ ރޮމެލޫ ލުކާކޫއެވެ. ލުކާކޫ އަކީ ޗެލްސީ ފައިނަލް ގެންދަން ސައުދީގެ އަލް ހިލާލް ކޮޅަށް ސެމީގައިވެސް ގޯލު ޖެހި ކުޅުންތެރިޔާއެވެ.

އޭގެ އިރުކޮޅެއްފަހުން ޗެލްސީގެ އުފާވެރިކަން މާޔޫސް ކަމަށް ބަދަލުވީ ޕަލްމޭރާސްއަށް ލިބުނު ޕެނަލްޓީއެއްގެ ސަބަބުންނެވެ. ތިއާގޯ ސިލްވާ އަތުގައި ބޯޅަ ޖެހުމުން ޕަލްމޭރާސްއަށް ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކަލްވަލްކާންޓޭ ވޭގާއެވެ. އެ ޕެނަލްޓީއާއެކު ޗެލްސީން އަނެއްކާވެސް ކުރިއަށް ޖެހި މަސައްކަތް ކުރި ނަމަވެސް އެޓީމަށް އަނބުރާ ލީޑު ނަގަން އުނދަގޫވިއެވެ.

އިތުރު ވަގުތުގައިވެސް ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް އެޓީމަށް މެޗުން މޮޅުވާން ލިބުނު ފުރުސަތަކީ 117 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެކެވެ. ސެޒާ އަޒްޕިލިކުއެޓާ ޖެހި ބޯޅައެއް ޕަލްމޭރާސް ޑިފެންޑަރު އަތުގައި ޖެހުމުން ވީއޭއާރް ބަލައި ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހީ ހަވާޓްސްއެވެ.

ފައިނަލަށް ފަހު ޗެލްސީއަށް ތަށި ދީފައިވާ އިރު، ކްލަބު ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާއެވެ.