އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑުން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
އެންމެފަހުން ޔުނައިޓެޑުން ކުޅުނު ތިން މެޗުވެސް 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، އޭގެ ތެރެއިން މިޑަލްސްބަރާއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް މެޗު ދިޔައީ ޕެނަލްޓީއަށެވެ. އެމެޗުން ބަލިވެ ޔުނައިޓެޑް ވަނީ އެފްއޭ ކަޕުންވެސް ކަޓައިފައެވެ. މި ހަފުތާ ތެރޭގައި ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ދެން އެއްވަރުވީ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ބާންލީއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މިއަދުގެ މެޗުގައިވެސް ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޖޭޑަން ސާންޗޯއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މާކަސް ރަޝްފޯޑެވެ.
އެ ގޯލަށްފަހު ފުރަތަމަ ހާފުގައި ޔުނައިޓެޑުން އިތުރު ހަމަލާތަކެއް ތަނަވަސްކުރިއެވެ. ޕައުލް ޕޮގްބާގެ ބޯޅައެއް ގޯލު ތެރެއަށް ވައްދާލި ނަމަވެސް އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.
އެންމެފަހުން ކުޅުނު ހަ މެޗުގައިވެސް ރޮނާލްޑޯގެ ފަރާތުން ގޯލެއް ފެނިފައިނުވާ އިރު، އެއީ މިދިޔަ 11 އަހަރުގައިވެސް ރޮނާލްޑޯގެ ފަރާތުން ފެނުނު އެންމެ ދަށް ފޯމެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ފުޅާ ނުކުރެވުމުގެ ފައިދާ ނަގައި، ދެވަނަ ހާފުގެ ކުރީކޮޅުގައި ޗޭ އެޑަމްސް ޖެހި ގޯލުން ޔުނައިޓެޑް ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއަށްވަދެ އެޑަމްސް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
ދެވަނަ ހާފުގައި ސައުތުހެމްޓަން ވަރުގަދަކޮށް ފެނުނު އިރު، އަރްމަންޑޯ ބްރޯހާ ފޮނުވާލި ހަމަލާ މަތަކުރީ ޑޭވިޑް ޑެހެއާއެވެ. އޭގެ އިތުރުން ސްޓުއާޓް އާމްސްޓްރޯންގަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.
މެޗު އެއްވަރުވުމާއެކު ޔުނައިޓެޑަށް ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އެޓީމަށް 24 މެޗުން 40 ޕޮއިންޓު ލިބިފައިވާ އިރު، މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތް ވެސްޓްހަމްއަށްވެސް 24 މެޗުން 40 ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑް ކައިރިން ހޯދި ޕޮއިންޓާއެކު ސައުތުހެމްޓަން އޮތީ 10 ވަނައިގައެވެ. އެޓީމަށް 24 މެޗުން ލިބެނީ 29 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު