"ބަލާބެލުމަކަށް ހިޔެއްވެސް ނުވާނެ ބަލި ކުއްޖެއްހެން. ވަރަށް ހަލަނިކޮށް އުޅޭނީ. އެކަމަކު 10 ވަރަކަށް ފިޔަވަޅު އަޅާއިރަށް ހުންނާނީ ބަލިވެފަ. މާ ނޭވާ ލެވިފަ. މިހާރު ވަރަށް ސަކަރާތް. ކޮންމެ ރެޔަކު އުދަނގޫތަކެއް ވެގެން ހޭލާފަ ވަރަށް ރޮއެ ހަދާ. ވަރަށް ގިނައިރު މިހެން ރޮއެ ރޮއެފަ ހޮޑުލައިފަ ނިދޭނީ. ޑޮކްޓަރު އޮންނަނީ ބުނެފަ ނުރޮއްވަން. މާބޮޑަށް ހާލު ދެރަވެދާނެތީ. ވަރަށް ދެރަވޭ މިހެން ވާތީ."

މިއީ ލ. ދަނބިދުއަށް އުފަން ފާތިމަތު ޝަޒުރާ އާއި މޫސާ ހާޝިމް އަށް އަލަށް ލިބުނު އެއްމާބަނޑު ދެކުދީންގެ ތެރެއިން އެއްކުއްޖެއްގެ ހާލަތެވެ. ދެވަނަ ދަރިފުޅުގެ ހާލަތު މިހާ ގޯސް ނުވި ނަމަވެސް އެ ކުއްޖާގެ ވެސް ހިތުގެ ބޮޑު މައްސަލަތަކެއް ހުރެ އެވެ.

ހައިރާ މޫސާ ހާޝިމް އާއި ހިރާ މޫސާ ހާޝިމް އުފަންވީއްސުރެން އަންނަނީ ހިތުގެ ބޮޑު ބަލިތަކެއް ތަހައްމަލް ކުރަމުންނެވެ. އުމުރުން އެއް އަހަރާއި ތިން މަހުގެ ތުއްތު މި ދެ ކުދީންގެ ތެރެއިން ހައިރާގެ ހާލަތު ނާޒުކެވެ. ހައިރާ ކަމަކާ ހާސްވެ ނުވަތަ ތަދުވެ ރޮއެފާނެތީ މި ދެމަފިރިން އަބަދުވެސް ތިބެނީ އެކުއްޖާގެ ކަންކަމަށް ހުސްވެއެވެ. ދެކުދީންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އުފުލުމަށް ދެމަފިރިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ކުރިން އަޅުގަނޑު ސްކޫލުގަ ވަޒީފާގަ އުޅުނިން. އެކަމަކު ބަނޑުބޮޑުވެ ބަނޑަށް ހަތް މަހުން ފެށިގެން ވަރަށް ބޮޑަށް ބަނޑުގަ ރިއްސާ. ކެތް ނުވާ ވަރަށް ރިއްސާ. އެހެންވެ އަބަދު ގަމަށް ޑޮކްޓަރަށް ދައްކަން ދާން ޖެހޭތީ ވަޒީފައިން ކެނޑުނީ. ގަމަށް ދާން ފެށީމަ ޑޮކްޓަރު ބުނެފި ދެން ގަމުގަ މަޑުކުރަން. ދެން ވިހަން ދެން އޭރު ތިބީ ގަމުގަ." ވަޒީފާއިން ވަކިވާން ޖެހުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ޝަޒުރާ އާއި ހާޝިމް ކައިވެނި ކުރީ 2019 ވަނަ އަހަރު އެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނީ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ އެވެ.

ފުރަތަމަ ހެދި ލޭގެ ޓެސްޓުތަކުން ބަނޑު ބޮޑު ކަމަށް ދައްކަ އެވެ. ނަމަވެސް ދެ މަސް ތިން މަސްވެގެންދިޔައިރުވެސް ސްކޭނަކުން އެއްވެސް އެއްޗެއް ނުދައްކަ އެވެ. އެކަމާ ދެމަފިރިންވެސް ވަރަށް ހާސްވެ ކަންބޮޑުވި އެވެ.

"އެންމެ ފުރަތަމަ ބަނޑުބޮޑުކަން އެނގުނީމަ ސްކޭން ކުރަން ދިޔައީމަ އެއް މަހުގަވެސް ދަރިފުޅެއް ނުދައްކާ. ދެން އޭގެ ފަހުން ދެ މަހުގަ ވެސް ތިން މަހުގަވެސް ސްކޭން ކުރީމަ އެއްވެސް އެއްޗެއް ނުދައްކާ. އެކަމަކު ލޭގެ ޓެސްޓުން ބަނޑުބޮޑުކަމަށް ދައްކާ. ދެން ދެފަހަރެއްގެ މަތިން ބޭސްދީގެން ސްކޭން ކޮށްގެންވެސް އެއްޗެއް ނުފެނުނު. ދެން ބުނީ ހަތަރު މަސް ވީމަ ސްކޭނުން ނުދައްކަންޏާ ބަނޑު ދޮވެލަން ޖެހޭނެ ކަމަށް. އެކަމާ ވަރަށް ދެރަވެފަ ތިބީ. އެކަމަކު ހަތަރު މަހުން ސްކޭން ކުރަން ދިޔައިރު ޑޮކްޓަރުވެސް ހުރި. ސްކޭން ޑޮކްޓަރުވެސް ހުރި. ދެން ވަރަށް ގިނަ އިރުވަންދެން ބަލަން ތިބީމަ ފިރިމީހާއާ ދެމީހުން ވަރަށް ހާސްވި. މައްސަލައެއް އުޅެނީހޭ ބުނީމަ ބުނި. ނޫނެކޭ. ޓުވިންސެކޭ މިއީ. އެ ދުވަހު ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގެ. ވަރަށް އުފާވި." ހިރާ އާއި ހައިރާ ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު ލިބުނު ގޮތް ހިއްސާ ކުރަމުން ޝަޒުރާ ބުންޏެވެ.

ބަނޑަށް ފަސް މަހުން ހަދާ އެނޯމަލީ ސްކޭންވެސް ދެ ފަހަރެއްގެ މަތިން ޝަޒުރާ ހެދި އެވެ. ނަމަވެސް އެއިން އެއްވެސް ސްކޭނަކުން ބަނޑުގައިވާ ދެ ދަރިންގެވެސް ސިއްހީ އިތުރު މައްސަލައެއް އުޅޭ ކަމެއް ޑޮކްޓަރުން ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބަނޑަށް ހަތް މަހަށް އެޅީއްސުރެ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާ ކަމަށް ޝަޒުރާ ބުންޏެވެ. އަދި އެކަމާ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކުމުންވެސް މާބޮޑު މައްސަލައެއް ހުންނަ ކަމަށް ނުބުނާ ކަމަށާއި ނަމަވެސް އަށް މަސްވީތަނުން ކުދީންގެ ބަރުދަން ދަށަށް ދާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް އޭނާ ބުންޏެވެ.

ޝަޒުރާ ބުނީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ ސިޒޭރިއަނަކަށް ދިޔަ ކަމަށާއި ދެ ކުދިން ނެގުމަށްފަހު އެއްކުއްޖެއްގެ އޮކްސިޖަން ދަށްވާތީ ބޭބީ ނާސަރީއަށް ގެންދިޔަ ކަމަށެވެ. ފަހުން ދެ ކުދިންވެސް ނާސަރީއަށް ގެންދިޔަ ކަމަށާއި އެކަމަކު އެތަނުން އެއްކުއްޖަކު ފަހުން އޭނާ ގާތަށް ވޯޑަށް ބަދަލު ކުރި ކަމަށް ބުންޏެވެ.

"މި ދެކުދިންގެ ތެރެއިން ހިރާ އަޅުގަނޑު ގާތަށް ގެނައި، އެކަމަކު ހައިރާ އޮކްސިޖަން ނުހިފަހައްޓާތީ ނާސަރީގަ ބޭއްވީ، ދެން އެކޯއެއް ހަދާފަ ބުނީ ހިތުގަ އެބަހުއްޓޭ އެހެން އަޑެއް. ބާރު އަޑެއް އެބަ އިވެޔޭ ނޭވާ ލާއިރު. ދެން އޮޕަރޭޝަން ކުރިތާ ތިން ވަނައަށް ވީ ދުވަހު މާލެ ފޮނުވާލީ. ދެން މާލެއިންވެސް ޓެސްޓުތައް ހަދާފަ ބުނީ ހައިރާގެ ހިތް އުފެދިފަ ވަނީ އެހެން ކުދިންނާ ތަފާތުކޮށޭ." އޭނާ ކިޔައިދިނެވެ.

އެގޮތުން ހިތުގެ މައި ޕަންޕިން ޗެންބާ ދޭތެރޭގައި ހުންނަ ފާރު އުފެދިފައި ވަނީ ވަރަށް ކުޑަކޮށް ކަމަށާއި ހިތުގައި ވަރަށް ބޮޑު ލޯވަޅެއް ހުންނަ ކަމަށް ބުނި ކަމަށް ޝަޒުރާ ބުންޏެވެ. އަދި ހިތުގެ ވާތް ފަރާތުގައި ހުންނަން ޖެހޭ އަޔޯޓާ ހައިރާގެ ހިތުގައި އުފެދިފައި ހުރީ ކަނާއަތްފަރާތުގައި ކަމަށާއި އެހެން ކަމުން ހިތުގެ ވާތް ފަރާތުން ޕަންޕުވާ އެއްޗެހި ބޭރުވާނެ ގޮތެއް ނުހުންނަ ކަމަށް ޝަޒުރާ ބުންޏެވެ. އޮކްސިޖަން ހިފައިގެން ފުއްޕާމެއަށް އަންނަ ލޭ އެޅެނީ ހިތުގެ ވާތް ފަރާތަށް ކަމަށްވެސް އޭނާ ބުންޏެވެ.

ހައިރާގެ މި މައްސަލަތަކާ ގުޅިގެން ހިރާވެސް ހިތުގެ ޓެސްޓުތައް ކުރި ކަމަށާއި އެ ޓެސްޓުތަކުންވެސް ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރެވުނު ކަމަށް ޝަޒުރާ ބުންޏެވެ. އެގޮތުން ހިތުގެ މައި ޕަންޕިން ޗެންބާ ދޭތެރޭގައި ހުންނަ ފާރު އުފެދިފައި ހުރި ނަމަވެސް އެ ފާރުގައި ބޮޑެތި ލޯވަޅުތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

ދެކުދިންގެ ހިތުގެ ބަލިތަކާއެކު އެ ދެމަފިރިންގެ ހިތްވެސް ވަނީ ކުދި ކުދިވެފަ އެވެ. ވިހައިގެން ތިންވަނައަށް ވީ ދުވަހު މާލެ އައިގޮތަށް ތިން މަސްދުވަސް ވަންދެން މާލޭގައި ތިބެން ޖެހުމުގެ ސަބަބުން އަތްމަތި އެއްކޮށް ހުސްވެ ހޮސްޕިޓަލުން ޒިންމާ ނުނަގާގޮތަށް ހޮސްޕިޓަލުން ދޫކޮށްލުމަށް ޝަޒުރާ އެދުނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ.

މާލޭގައި ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފައިގެން އުޅެވޭ ވަރަށް ފައިސާ ނެތުމުން ޝަޒުރާގެ މި މަޖުބޫރީ ހާލަތަށް ރިއާޔަތްކޮށް ޑޮކްޓަރު ނިންމީ ހަފުތާއަކު އެއްފަހަރު ޑޮކްޓަރަށް ދައްކަން އައުމަށް ޝަރުތުކޮށް ޝަޒުރާ ހޮސްޕިޓަލުން ދޫކޮށްލުމަށެވެ. އަދި ދަރިފުޅުގެ ބަރުދަން އޮޕަރޭޝަން ކުރެވޭ ވަރަށް އިތުރު ކުރުމަށް ޝަޒުރާ ވަނީ ގިނަ މަސައްކަތް ކޮށްފަ އެވެ.

"ބޭބީ ނާސަރީގަ ބޭބީ ބާއްވާފަ ގެނައިއިރު ބޭބީ ބަރުދަން ވަރަށް ބޮޑަށް ލުއިވެފަ ހުރީ. 1.5 ކިލޯ ވަރު ހުރީ. ދެން ޑޮކްޓަރު ބުނެފި މި ބަރުދަނުގަ ބޭބީގެ އެ އޮޕަރޭޝަން ނުކުރެވޭނެ ކަމަށް. ދެން އަނެއް ބޭބީ (ހިރާ) އޮޕަރޭޝަން ނުކޮށް ފަހަރެއްގަ އެ ލޯވަޅުތައް ބެދިދާނެ ކަމަށް ބުނީމަ ގަވާއިދުން ދެ ބޭބީވެސް ދައްކަމުން މި ދިޔައީ. އެކަމަކު އެންމެ ހިތްދަތި ވަނީ ދެ ބޭބީވެސް އޮޕަރޭޝަން ކުރަން ޖެހޭތީ. ހައިރާ ބޭބީ މިހާރުވެސް އާންމު މީހެއްގެ ހުންނަ ވަރަށް އޮކްސިޖަން ލެވެލެއް ނުވޭ. އެކަމަކު ފޯލް އެއްވެސް ނުވޭ. އެހެންވެ އޮކަސިޖަން ނުގުޅާ މި ހުންނަނީ. އެކަމަކު ކުޑަކޮށް ހިނަގާލިޔަސް ވަރަށް ވަރުބަލިވާނެ." އޭނާ ކިޔައިދިނެވެ.

2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އުފަންވި ހިރާ އާއި ހައިރާގެ އޮޕަރޭޝަނަށް މިހާރު ދެ މަފިރިން ތައްޔާރު ވަމުން އަންނައިރު އެންމެ ބޮޑަށް އެކަމަށް ހުރަސް އަޅަނީ އެ ދެމަފިރިންގެ މާލީ ހާލަތެވެ. ހާޝިމަށް ދާދި ފަހުން ފެނަކައިގެ ދަނބިދޫ ބުރާންޗުން ވަޒީފާ ލިބުނު ނަމަވެސް މިވަރުގެ ބޮޑު އޮޕަރޭޝަނަކަށް ދާ ވަރަކަށް ފައިސާއެއް ނެތެވެ.

މިއީ ރާއްޖެއިން ކުރެވެން އޮތް އޮޕަރޭޝަނެއް ކަމަށް ބުނެ އާސަންދަވެސް އަދި ނުލިބޭ ކަމަށް ޝަޒުރާ ބުންޏެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއެކު ބޭރަށް ގޮސްގެން އޮޕަރޭޝަން ކުރުމަށް އާސަންދަ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ނިކަމެތި މީހާވެސް ބޭނުންވާނެ ރަނގަޅު ހޮސްޕިޓަލަކަށް ގޮސްގެން ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމައި ފުރާނަ ސަލާމަތްކުރަން. އެގޮތަށް ހަމަ އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ބޭނުންވޭ. އެކަމަކު އާސަންދަ އަދި ލިބުނަސް އެކޮޅުގަ ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން އާންމުންގެ ދީލަތި އެހީއެއް. އެހީ ނުވެވޭނަމަ ހެޔޮ ދުއާ ކޮށްދިނުން އެދެން." އަސަރާއެކު އޭނާ ބުންޏެވެ.

ޝަޒުރާ ބުނީ ފޭސްބުކުގައި ދެ ދަރިންގެ ވާހަކަ ޖެހުމުން ގިނަ ބަޔަކު އޭނާއަށް ގުޅައި މި އޮޕަރޭޝަނާ ގުޅިގެން ވަރަށް ގިނަ ކަންކަން ކިޔައިދޭ ކަމަށެވެ. އަދި މި ފަދަ އޮޕަރޭޝަނެއް ކޮށްފައި ތިބި ކުދިންގެ މައިންބަފައިން ގުޅާފައި އޭނާ އޮޕަރޭޝަން ކުރި ހޮސްޕިޓަލާއި ހަރަދު ހިނގި ވަރާއި ޑޮކްޓަރުންނާއި ދެން މިކަމުގައި އެމީހުންނަށް ލިބިފައި ހުރި ހުރިހާ މައުލޫމާތެއް ހިއްސާ ކުރާ ކަމަށެވެ.

ހިރާ އަދި ހައިރާގެ ހިތުގެ އޮޕަރޭޝަނަށް އެހީވާން ބޭނުންވާ ފަރާތްތަކުން 7770000046202 ފާތިމަތު ޝަޒުރާ (ދެ ކުދިންގެ މަންމަ) އަދި ދެކުދިންގެ މާމަ، ފާތިމަތު ޝަކީލާގެ ޑޮލަރު އެކައުންޓު 7730000371659 އަށް ޖަމާކޮށްދިނުމަށް އާއިލާއިން ވަނީ އެދިފަ އެވެ.