ޚަބަރު

މީރާއިން އުރީދޫއަށް ތިން މިލިއަން ދައްކަން ޖެހޭ ކަމަށް ބުނާ މައްސަަލަ ސިވިލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް: ހައިކޯޓު

އިބްރާހިމް ޒަކީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އުރީދޫއަށް ތިން މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާތީ އަރާ ޖޫރިމަނާ އާއި އިންޓަރެސްޓް ހުރި ކަމަށްބުނެ ޓެކްސް ކްލިއަރެންސް ދިނުމަށް ދެކޮޅު ހެދި މައްސަލައިގައި އުރީދޫން މީރާގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ، އުރީދޫން މީރާއަށް ޓެކްސްގެ ގޮތުގައި އިތުރަށް ދައްކާފައިވާ 17.1 މިލިއަން ރުފިޔާ އަނބުރާ އުރީދޫއަށް ދެއްކުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން އަންގާފައިވީ ނަމަވެސް އޭގެ ތެރެއިން ތިން މިލިއަން ރުފިޔާ ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް މީރާއިން ދައްކާފައި ނުވާތީ އާއި، އެކަމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓަރެސްޓް ހުރި ކަމަށްބުނެ، ޓެކްސް ކްލިއަރެންސް ދިނުމަށް މީރާއިން ދެކޮޅު ހަދާފައިވާ ކަމަށްބުނެ އުރީދޫން ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ. ސަބަބެއް ކަމަށް ސިވިލް ކޯޓުން ބުނެފައިވަނީ، މީރާއިން އުރީދޫއަށް ދެއްކުމަށް އެންގި 17.1 މިލިއަން ރުފިޔާގެ ތެރެއިން، ތިން މިލިއަން ރުފިޔާ ނުދައްކާ ކަމަށް އުރިދޫން ބުނާއިރު 29 ނޮވެމްބަރު 2021 ގެ ތާރީހުގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކޮށްފައިވާތީ، އެ ހުކުމް ތަންފީޒު ވެފައިވާ ކަމަށެވެ. އަދި ޓެކްސް ކްލިއަރެންސް ދިނުމަށް މީރާއިން ދެކޮޅު ހަދާފައިވުމުން، އެކަމުގެ މައްޗަށް އުފައްދާ ހުސޫމަތެއް އޮންނަ ކަމަށްބުނާ މައްސަލައަކީ، ވަކި ދައުވާއެއްގެ ގޮތުގައި ހުށަހަޅައިފިނަމަ ބެލިދާނެ މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އުރީދޫގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ އެ މައްސަލައަކީ ހައިކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެ ކޯޓުން ބުނެފައިވަނީ، އެ މައްސަލައިގައި އުރީދޫން އެ ކޯޓަށް ހުށަހަޅާފައިވާ ހަތަރު ނުކުތާއަށް ބަލާއިރު އެއްވެސް ނުކުތާއެއްގައި، އެ މައްސަލަ ގާނޫނީ ބަހުސަކަށް ހުށަހެޅިފައިވާ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރާ ކަންތައްތައް ހިމެނިފައި ނުވާ ކަމަށެވެ. އަދި އެ މީރާ އާއި އުރީދޫއާ ދޭތެރޭގައި އުފެދިފައިވާ ހުސޫމަތަކީ ފުރަތަމަ މަރުހަލާގެ ކޯޓުތަކުގައި އެކަމާ މެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ފުރުސަތު އޮތްކަމެއް ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.