މަހު ފީ ނަގާ ގޮތަށް, މާލޭން ކުއްޔަށް ދޫކުރަން ނިންމާފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ފުރަތަމަ އުޅުނީވެސް މަހު ފީ ދައްކައިގެން ޕާކު ކުރެވޭ ގޮތަށް ސްލޮޓްތަކެއް ދޫކުރާށެވެ. އެއީ 211 ޖާގައެވެ. އެ ސްލޮޓްތައް އިއުލާންކޮށް ކުރިމަތިލި މީހުންގެ މެދުގައި ގުރުވެސް ނެގިއެވެ. ނަމަވެސް އެ ގުރު ނެގީ އިންސާފުން ނޫން ކަމަށް ބުނެ, އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން, އެ ކޮމިޝަނުން އެންގީ އަލުން ގުރު ނަގާށެވެ.
އޭސީސީގެ އެންގުމާ އެއްގޮތަށް އަލުން ގުރު ނެގުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކައުންސިލުން ނިންމި ނަމަވެސް ސިޓީ ކައުންސިލުން ފަހުން އިއުލާނެއް ނެރެ, އެ ގުރު ނެގުން ފަސްކުރިއެވެ. ސަބަބެއް ކަމަށް ބުނީ, އިދާރީ ގޮތުން ކަންތައްތަކެއް ނުނިމި ހުރުމެވެ. ނަމަވެސް ފަހުން އެ ގުރު ނަގާފައިވާ ނުވާ އިރު, ކައުންސިލުން ފަހުން ވަނީ 1000 ޕާކިން ސްލޮޓް ވިއްކަން ނިންމައިފައެވެ.
ނަމަވެސް އެކަން އެލްޖީއޭއާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހުއްޓުވައިފައެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, އެ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އެއީ މަހު ފީ ދައްކައިގެން ކުއްޔަށް ދޫކުރާ ސްލޮޓްތަކެއް ކަމަށާއި އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕުތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭނެ ކަމަށް ބުންޏެވެ. އެ ސްލޮޓްތަކުގެ ތެރެއިން 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން, ކޮންމެ މީހަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަކަށް އެދެވޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ, މި ހުޅުވާލި ފުރުސަތަކީ ގަރާޖުގެ ގޮތުގައި ދޫކުރާ ސްލޮޓްތަކެއް ނޫން ކަމަށެވެ. ނަމަވެސް މި ފުރުސަތުގައި ދޫކުރާނީ ކިހާ ސްލޮޓެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު