ގއ. ދާންދޫގައި އުމުރުން ދުވަސް ވީ މީހެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެ ވަނަ ފަހަރަށް ޖަހައިފި އެވެ.
ރާއްޖޭގައި ވެކްސިންގެ ބޫސްޓާ ޖަހާފައިވަނީ އެންމެ ޑޯޒެކެވެ.
ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި އުމުރުން 82 އަހަރުގެ އަންހެނެއްގެ ގަޔަށް ބޫސްޓާ ޑޯޒް ދެ ފަހަރަކަށް ޖަހާފައިވާ ކަމަށެވެ.
އާސިފް ވިދާޅުވީ މީގެ ކުރިން އެ އަންހެން މީހާގެ ގަޔަށް ބޫސްޓާ ޑޯޒް ޖަހާފައިވީނަމަވެސް އެކަން ސިއްހީ މަރުކަޒުގެ މީހުންނަށް އޮޅިގެން ރެކޯޑު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން އިދާރީ އޮޅުމެއްގެ ސަބަބުން އަލުން އަނެއްކާވެސް ދެވަނަ ފަހަރަށް ޖެހުނީ ކަމަށެވެ.
"އަޅުގަނޑަށް ބޮޑަށް ބެލެވެނީ އިދާރީ އޮޅުމަކުން ކަމަށް. އެއީ ގަސްދުގަ އެވަރު ކަމެއް ނުކުރާނެ. ދެން ހަތަރު ވަނަ ޑޯޒެއް ޖެހުނުކަން އެނގުނު ހިސާބުން އެ ދައްތަ އެޑްމިޓްކޮށްގެ ވަރަށް ގާތުން ހާލު ބަލަމުންދަނީ. އެޗްޕީއޭގެ އިރުޝާދާއެކު އަމަލު ކުރަމުން އެދަނީ. ރޭގަވެސް އަޅުގަނޑު ދިޔައިން އެ ދައްތަގެ ހާލު ބަލާލަން. ބުނީ ވަރަށް ރަނގަޅޭ. އެއްވެސް ކަމެއް ގޯސްކޮށް ނުދެޔޭ. މިއަދު ހެނދުނުވެސް މިއައީ މަރުކަޒަށް ގޮށް ދައްތަގެ ހާލު ބަލާފަ. ބުނީ އިރާދަކުރެއްވިއްޔާ އެއްވެސް އުދަނގުލެއް ނުވެޔޭ." އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ދާންދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިސްމާއިލް ލަތީފަށް "ވަން" އިން ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައިނުވާތީ އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި މިކަން ހިނގައި ދިޔައީ ކިހިނެއްތޯ ބެލުމަށް މެސެޖު ކުރުމުންވެސް އަދި މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓި އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލަ ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަނާ ގުޅިގެން އެ މީހާގެ ހާލު ގާތުން ބަލައި، ބަލަން ޖެހޭ ކަންކަމާއި ދޭން ޖެހޭ އިރުޝާދުތަކާއި ހަދަންވީ ގޮތް ކިޔައިދެމުން އަންނަ ކަމަށެވެ.