އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ދެވަނަ ޖާގަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އިން ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗު ސަސްއިން ކާމިޔާބު ކުރީ ޕެނަލްޓީ ޝޫޓް އައުޓުން މޮޅުވެގެންނެވެ. ސަސްއިން ޕެނަލްޓީގައި ޔޫވީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުންނެވެ.
މިއީ މީގެ އަހަރެއް ކުރިން ފުރަތަމަ ޑިވިޝަނަށް އައި ސަސްއިން ވާދަކުރި ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕެވެ. އެޓީމުން ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް ގޮސްފައިވާ އިރު، އަންނަ އާދިއްތަ ދުވަހު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅޭ ފައިނަލުގައި ނުކުންނަން ޖެހޭނީ މުބާރާތް ހަތަރު ފަހަރު ހޯދާފައިވާ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.
މެޗުގެ ކުރީކޮޅުގައި ޔޫވީގެ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދާއި ޒައިޝާން އަޝްރަފުގެ ނުރައްކާތައް ފާހަގަވި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ފެނުނީ ހުޝިޔާރުކޮށެވެ. އަނެއްކޮޅުން ސަސްއަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ރަނގަޅު ފުރުސަތެއް ނުހޯދިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ޔޫވީގެ ޒައިޝާންއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔަ އިރު، ސަސްއަށް ދެވަނަ ހާފުވެސް ނިންމާލަން ޖެހުނީ ރަނގަޅު ހަމަލާއެއް ނުއުފެއްދިއެވެ.
ޕެނަލްޓީގައި ޔޫވީގެ ފުރަތަމަ ޕެނަލްޓީ ޒައިޝާން ފޮނުވާލި އިރު، އެ ޕެނަލްޓީ ސަސްގެ ގޯލްކީޕަރު މީސަމް މަތަކުރިއެވެ. ސަސްގެ ފުރަތަމަ ޕެނަލްޓީ ސާލިފް ހުސެއިން ޖެހި އިރު، ޓީސީ ގޯލްކީޕަރު ޝައިބާން ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. ޔޫވީގެ ކެޕްޓަން މުހައްމަދު ޒައިން ސުޖާއު ޖެހި ޕެނަލްޓީ ވެސް ކީޕަރު މީސަމް މަތަކުރި އިރު، ސަސްގެ ދެވަނަ ޕެނަލްޓީ އިޝްއާފް މުހައްމަދު ފިރާގު ވަނީ ގޯލަށް ވައްދާލައިފައެވެ. ޔޫވީގެ ތިން ވަނަ ޕެނަލްޓީ ލަމާން ޒުހައިރު ކާމިޔާބުކޮށް އެޓީމަށް އުންމީދު ދަމަހައްޓައިދިން އިރު، ހިތްވަރު ލިބުނީ ސަސްގެ ތިން ވަނަ ޕެނަލްޓީ އަހުމަދު އައިހަމް މޫސާ ބޭރަށް ޖެހުމުންނެވެ.
ޔޫވީގެ ހަތަރު ވަނަ ޕެނަލްޓީ ޒަހުވާން މުހައްމަދު ގޯލަށް ވައްދާލި އިރު، ސަސްގެ ހަތަރު ވަނަ ޕެނަލްޓީ ވިޝާހު ވަނީ ކާމިޔާބުކޮށްފައެވެ. ދާދި ހަމަހަމަކޮށް ގޮސް ސަސްއަށް މޮޅުވާން ފުރުސަތު ލިބުނީ ޔޫވީގެ ތިބްޔާން ޖެހި ޕެނަލްޓީ މީސަމް މަތަކުރުމުންނެވެ. ސަސްގެ ފަސް ވަނަ ޕެނަލްޓީ ޖަހައި އެޓީމު ފައިނަލަށް ގެންގޮސް ދިނީ އަލީ ޒާލިފެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ