މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފު ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ކައުންސިލުން މާލޭގައި ވެހިކަލް ޕާކުކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

ސިޓީގައި ވަނީ ޕާކިން ޖާގަ ވިއްކަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށާއި އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރަން ވާނީ ބިމާ ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު، ގާނޫނުން ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށެވެ.

މި މައްސަލަ އެލްޖީއޭ އިން ދިރާސާކުރަން ބޭނުންވާތީ، ޕާކިން ޖާގަތައް ވިއްކުމަށް ކައުންސިލުން ކޮށްފައިވާ މުއާމަލާތަކުގެ ހުރިހާ ލިޔެކިޔުމެއް އަންނަ ހޯމަ ދުވަހުގެ ކުރިން ހުށަހަން ވެސް އަންގާފައިވެއެވެ.

"އިސްވެ ބަޔާންކުރެވުނު ޝަކުވާތަކާ ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި، އެކަން ހިނގަމުން ދަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އޮތޯރިޓީން ބެލުމަށް ބޭނުންވޭ. އެހެންކަމުން މި އޮތޯރިޓީން މި މުއާމަލާތް ބަލައި ވަކި ގޮތެއް އަންގަންދެން ތިޔަ ކައުންސިލުން ކުރިއަށް ގެންދަވާ ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑު ޖެއްސެވުމަށް ދަންނަވަން،" ސިޓީގައިވެއެވެ.

މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިގު މުއްދަތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި ވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ މާލެ އިން ވިއްކާ 1،000 ޕާކިން ސްލޮޓްގެ ތެރެއިން 25 ޕަސެންޓް ޓެކްސީތަކަށް ހާއްސަ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެއީ 250 ޖާގައެވެ. ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހިލޭ ޕާކިން ސަރަހައްދުތަކާއި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމުކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ހުއްދައަކަށް މިހާތަނަށް އެދިފައި ވެސް ނުވާ ކަމަށެވެ. މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދައާ ނުލައި މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހުއެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް، މައްސަލަތަކެއް ދިމާވެ، އެކަން ހުއްޓައިލީ އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެންނެވެ.