ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މާދަމާ ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅުމަށް ނިންމި ހިސާބުން ފެށިގެންވެސް ނިލަންދުއަށް އެކަން ހާއްސަވިއެވެ. ފުޓުބޯޅައިގެ ރޫހެއް އޮތް، ފުޓުބޯޅައިގެ ލޭ ހިނގާ ޒުވާނުންތަކެއް ދިރިއުޅޭ ނިލަންދުއަށް އެއީ ހާއްސަ ކަމެކެވެ. ހާއްސަކޮށް ރަށުގެ ކުޅިވަރުގެ ރޫހަށް ބަލައި، ނިލަންދުއަށް އޮތީ އީދެއް އައިސްފައެވެ.

އަތޮޅު ތެރޭގައި ރަށްތަކަށް މުބާރާތްތައް ގެންގޮސް، އަތޮޅުތެރޭގެ ފުޓުބޯޅަ މާކެޓް ކުރުމަށް އެފްއޭއެމުން ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދާ އިރު، މިއަހަރު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްވެސް ކުޅުނީ ރ. އަލިފުށީގެ ޓާފް ދަނޑުގައެވެ. އެ ރަށްވެސް ފުރިހަމައަށް އެ ފައިނަލަށް ތައްޔާރުވެފައިވާ އިރު، ނިލަންދޫގެ ރައްޔިތުންވެސް އަންނަނީ ޔޫތު ޗެމްޕިއަންޝިޕް ފައިނަލަށް ފޯރީގައި ތައްޔާރުވަމުންނެވެ. ޓީމުތައް އެރަށަށް ދިޔުމާއެކު ބަނދަރުމަތިން ކިޔާފައިވާ ހޫނު މަރުހަބާއިންވެސް އެކަން ސާފެވެ.

"ތައްޔާރީތަކުގެ ތެރެއިންވެސް ދަނޑާ ގުޅޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމި އެފްއޭއެމުން ބަލައި ޗެކުކޮށްފައި. ދެން ވީއައިޕީސްގެ އިތުރުން ޓީމުތަކުގެ އެކޮމޮޑޭޝަންގެ ކަންކަމާ ހުރިހާ ކަމެއްވެސް އެފްއޭއެމުން ވަނީ ޗެކުކޮށް ނިންމާފައި. އެހެންވީމަ އެ ހުރިހާ ކަމެއް މިހާރު މިވަނީ ސެޓުކޮށް ނިމިފައި. އެކިއެކި ޓާސްކް=ުތައް މީހުންނަށް ބަހާލައިގެން ކުރިއަށް މި ގެންދަނީ،" އިވެންޓުގެ "ޖަޑިބު"ގެ ގޮތުގައި ނިލަންދޫގައި ހަރަކާތްތެރިވާ އިބްރާހީމް ހަލީލް "ވަން" އަށް ވިދާޅުވިއެވެ.

ދިވެހި ޕްރިމިއާ ލީގުގައިވެސް ކުރިން ކުޅުނު ފ. ނިލަންދޫއަކީ ކުޅިވަރުގެ ރަށެކެވެ. ހާއްސަކޮށް ފުޓުބޯޅައާއި ވޮލީގެ ރަށެއްގެ ގޮތުގައި ނިލަންދޫ ފާހަގަކޮށްލެވޭ އިރު، ޔޫތުގެ ފައިނަލް އެރަށުގައި ބޭއްވުމަކީ މުޅި ރަށަށްވެސް އައި ބޮޑު އުފާވެރި ކަމެކެވެ.

"އަލިފުށީގެ ފައިނަލްވެސް ބަލައި، އެ ފައިނަލުގެ ތަޖުރިބާގައި ކަންކަން ރަނގަޅުކުރަންވެސް މި އަންނަނީ މަސައްކަތް ކުރަމުން. އުންމީދުކުރަނީ އެއަށްވުރެވެސް އިންތިޒާމު ރަނގަޅުކޮށް ފައިނަލް ނިންމާލުން. މިހާރު ރަށު ތެރެއިން ސިފަވެގެން އަންނަނީ ކުޅިވަރުގެ އީދެއް އައިސްގެން އުޅޭ ގޮތަކަށް. ޒަމާނުއްސުރެ މިރަށު ރައްޔިތުންނަކީ ކުޅިވަރުގެ ކަންކަމަށް އެއްބާރުލުންދީ އުޅޭ ބައެއް. އެއްވަނަ ޑިވިޝަނާ ހަމައަށްވެސް ދެވުނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން. ފާހަގަކޮށްލަން ޖެހޭ މި ރަށުގެ ޓާފް ދަނޑަކީވެސް ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތެއް، ހާއްސަކޮށް ޑޭ ލައިޓް ކްލަބުގެ ވަރަށް ބުރަ މަސައްކަތަކުން އެޅިފައިވާ ދަނޑެއް. އޭރުވެސް އޮތް ޖޯޝު ހަމަ ސިފަވެގެން ދަނީ،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ގައުމީ ފެންވަރުގެ ފައިނަލެއް އެރަށުގައި ކުޅުމަށް ޔޫތު މިނިސްޓްރީއާއި އެފްއޭއެމުން ފަހިކޮށްދިން ފުރުސަތަށް ރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ. ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރާނީ މުބާރާތުގައި އަލަށް ފެނިގެންދާ ސުޕަ ޔުނައިޓެޑް (ސަސް) އާއި މިހާތަނަށް ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ކްލަބު އީގަލްސްއެވެ.