އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށެވެ.

މަހުލޫފްގެ މައްސަލަ މީގެ ކުރިން ކޯޓުން މަޑުޖައްސާލާފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. ނަމަވެސް ކޯޓު އޮފިސަރު ކޮވިޑުން މިހާރު ރަނގަޅުވެފައިވާތީ އާއި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓާ ޑޯޒްވެސް ޖަހާފައިވާތީ މަހުލޫފުގެ ޝަރީއަތް އަލުން ބާއްވަން ކޯޓުން ނިންމީ މިދިޔަ ހަފުތާގައެވެ.

މަހުލޫފުގެ މައްސަލަ ޕީޖީން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ދައުލަތުގެ ފަރާތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު، އޭރު ސަރުކާރާ އެއްކޮޅަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ. އެ ފައިސާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.