(7 ފެބުރުއަރީގެ އަދަދާ ގުޅޭ)
ކޮންމެއަކަސް ބައުރަށުގައި ހުންނަވައިގެން ކަނބާ އެންމެ އިހަށް ކުރެއްވި ކަމަކީ ބައުރަށުގައި އީދު ކުޅިވަރު ކުޅުމުގެ ނަމުގައި އީދު ދުވަސްދުވަހު ބޮޑުތިލަދުންމަތީގެ އެކި ރަށްރަށުގެ އެންމެ ގާބިލް ހުނަރުވެރި ކެރޭ ޒުވާނުން ބައުރަށަށް ގެންނެވުމެވެ. ވިޔަޒޯރު އަތޮޅުވެރިންނަށް ވެދުމާއިގެންނެވެ. މިގޮތުން ރާއްޖެ މިނިވަންކުރުމުގެ ޖިހާދަކަށް އަރަފޯދިގެންވާ ޒުވާނުން ކޮޅެއް ހޮވައިލެއްވުމުގެ ފުރުސަތު ކަނބާ ހޯއްދެވިއެވެ. މިކަމަށް ތާރީޚު އެބަހެކިދެއެވެ. ކަނބާއަށް ފެނިވަޑައިގެންނެވި އެންމެ ކުޅަދާނަ ޒުވާނަކީ އުތީމު ތިންބެއިންގެ ތެރެއިންވެސް މުހައްމަދު ތަކުރުފާނެވެ. ހެވިކަމުގެ ތަމްރީނަށްޓަކައި އިންޑިޔާގެ ބޭދާޅީ އިޚުތިޔާރު ކުރައްވައި އެތަނަށް ބޮޑު ތަކުރުފާނު ފޮނުއްވުމުގެ ފަހަތުގައި ހުންނެވީވެސް ކަނބާ ފިޔަވައި އެހެން ބޭފުޅެއް ނޫނެވެ.
ބޮޑު ތަކުރުފާނަށް ދަރަޖަވެރިކަން ހޯއްދަވައި ދެއްވީވެސް ކަނބާއެވެ. ވިޔަޒޯރު މެދުވެރި ކުރައްވައިގެންނެވެ. ކަޅުއޮށްފުންމިއޭ ކިޔުނު އޮޑި ތައްޔާރު ކުރުމުގެ ޚިޔާލާއި ފިކުރު އުފަންކުރައްވައި އެއޮޑި ބައުރަށުގައި ބަނދެވޭނޭ ހުރިހައި ކަމެއް އިންތިޒާމުކޮށްދެއްވީވެސް ވިޔަޒޯރުގެ ނަންފުޅުގައި ކަނބާއެވެ. ޖިޒީޔާއިގެން ތިލަދުންމަތިން ކަރަޔަށް ދަތުރުކުރާ ބޮޑު އޮޑީގެ ވެރިކަމާއި ނިޔަމިކަން ބޮޑު ތަކުރުފާނަށް ހޯއްދަވައިދެއްވައި އެތެެރެޔާއި ބޭރުން ބާރުގަދަ ރަހުމަތްތެރިން ހޯއްދަވާނޭ ފުރުސަތުވެސް އެތަކުރުފާނަށް ފަހިކޮށްދެއްވީ ކަނބާއެވެ. ހެވިކަމާއި ނިޔަމިކަމާއި ވަރުގަދަ އޮޑިއަކާއި މިހެންގޮސް މިހުރިހާ ކަމަކީ ކަނބާގެ ގައުމީ ޖިހާދުގެ ސްކީމުގެ ތެރެއިން ތަންފީޒުވެގެން ދިޔަ ކަންކަމެވެ. އިއްތިފާގެއް ނޫނެވެ. އެކަމަށް ތާރީޚު ހެކިވެއެވެ.
ވެރިކަމާއި ތޮޅުމަކީ އަދި ވެރިކަމުގެ ޚިޔާލު ކުޅައުމަކީ އާދައިގެ ދިވެހިންނާ އެދުވަސްވަރު އަރަފޯދިގެންވާ ކަމެއް ނޫނެވެ. އެކަހަލަ ކަންކަންވެސް އޮތީ ގަނޑުވަރުތެރޭގެ އަމީރުންނާއި އަމީރާއިންގެ ތެރޭގައެވެ. ކަނބާ އައިޝާއަކީ މިދެންނެވި ޒާތުގެ އެންމެ މަތީ ފަންތީގެ އަމީރާއެކެވެ. ބޮޑު ތަކުރުފާނަކީ ވެރިކަމުގެ ޝާނާއި ޝައުކަތާއި ސިޔާސީ ފިކުރުތަކާ މާދުރުގައި އަތޮޅުތެރެއަށް އުފަންވެވަޑައިގެން އަތޮޅުތެރޭގައި ބޮޑުފުޅުވި ބޭފުޅެކެވެ. އެތަކުރުފާނުގެ ކިބައިގައި ހުރީ ހިތްވަރާއި ކެރުމާއި އިޚުލާސްތެރިކަމެވެ. ސިޔާސީ ހިކުމަތުއަމަލީގެ ބައި އޮތީ ކަނބާގެ ފަރާތުގައެވެ. އެންމެފަހުން ބޮޑުތަކުރުފާނަށް ޝާހީ ހައިސިއްޔަތާއި މީހުންގެ ދެނެގަތުން ހޯއްދަވައި ދެއްވުމަށްޓަކައި ދަރިކަނބަލުން ސިއްތިމާވާޔާއި ކައިވެނިވެސް ކޮށްދެއްވީއެވެ.
ތާރީޚު ހާވައި ބަލައި ދިރާސާކުރާ ހަމައެކަކަށްވެސް މިހިރީޔަކީ ދޮގުކުރެވޭން ހުރި ކަންކަމެއް ނޫނެވެ. ކަނބާ އައިޝާއަކީ އެ ޖިހާދުގައި ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި އަންހެން ބޭފުޅާކަމީވެސް ފާޅުވެ އެނގޭން އޮތް ހަގީގަތެކެވެ. ކަނބާގެ ހިކުމަތްތެރިކަމާއި ކަންކަން ތަދުބީރު ކުރެއްވުމާއި އިންތިޒާމު ކުރެއްވުމާއި އެކަމަނާގެ ހައިސިއްޔަތު ބޭނުން ކުރައްވައިގެން އެކުރެެއްވި އެންމެހައި ކަންކަމާނުލައި ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދު ހަގީގަތަކަށް ނުވީސްކަމާއި ނަސްރާއި ކާބިޔާބީއާ ހަމަޔަށް ވާސިލްނުވެވޭނޭކަމީ ހަމަކުޑަކުޑަ ވިސްނުމަކުންވެސް މޭރުންވާ ހިސާބު ތިލަފަށުގައި އޮތް ހަގީގަތެކެވެ.
މިހުރިހާކަމެއް މިގޮތަށް ފެންނާން ހުރުމާއެކު އަޅުގަނޑުގެ ނަޒަރުގައި ބޮޑު ތަކުރުފާނުގެ ޖިހާދުގެ މައްޗަށް ތާރީޚީގޮތުން ދިރާސާކުރެވި އުފައްދާ ފިލްމެއްގައި ކަނބާގެ ދައުރު ވަރަށް ބޮޑުވާންވާނެއެވެ. ތާރީޚީ ހަގީގަތްތައް ހާމަކޮށް ފެންނާންވާނެއެވެ. ކަނބާއަށް ހައްގުވާ ރޯލު އެންމެންނަށްވެސް ފެނި ސައުފުވާންވާނެއެވެ. ކަނބާގެ ދައުރަކީ ސިއްތިމާވާގެ މަންމާފުޅުގެ ދައުރު އެކަންޏެއް ނޫނެވެ. މުޅި ޖިހާދުގެ މޭސްތިރިއެއްގެ ދައުރެވެ. އެހެންވީމާ ފިލްމުގެ ލޮނުހެޔޮވަރުކުރާ މީހެއްގެ ރޯލުން މައިގަނޑު ރޯލަކަށް ކަނބާ އައިޝާ ގެންނަން ޖެހޭނެއެވެ. އެކަން ނުކުރެވެންޏާ ތާރީޚު އޮޅުން ފިލުވައިދިނުމުގެ ނަމުގައި ފައިސާ ޚަރަދުކޮށްގެން އެއްޗެއް އުފެއްދުމުގެ ބޭނުމެެއްވެސް ނެތެވެ. ގައުމިއްޔަތު ދިރުވޭނީ ސައްހަ ކަންތައްތަކެއްގެ މަތީގައެވެ.
އަޅުގަނޑުމެންގެ މިނިވަންކަމާއި ގައުމިއްޔަތުގެ މަގުގައި ޝަހީދުވެގެންދިޔަ ދިވެހި އަންހެން ސާހިބާ ކަނބާ އައިޝާއަށް މިއަދު މި ދިވެހި ފަސްގަނޑުން ދެވިފައިވާ މަގާމާއި ދަރަޖަ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއެވެ. އެ ކަނބާގެ މަހާނަ އެހެރީ ބައުރަށުގެ ބޮޑުމަގުގެ މެދުގައި ހާމަޔަށެވެ. ޕިކަޕާއި ލޯރިޔާއި ކާރާއި ސައިކަލްތައް އެހެރަ ދަނީ އެމަހާނަ މަތިންނެވެ. އެއްވެސް އިހުތިރާމެއް ގަދަރެއް ނެތެވެ. ކަނބާ އައިޝާ ފަސްދާނުލެވުނީ އެކަމަނާ ޝަހީދުވި ތަނުގައެވެ. މަގުހެދީ އެޔަށްވުރެ މާފަހުން އިހަކަށް ދުވަހުއެވެ. އެހެންވީމާ މަގުމެދުގައި ބަޔަކު އެކަމަނާ ފަސްދާނުލީއެއް ނޫނެވެ. އެކަމަނާގެ މަހާނަމަތިން މާފަހުން ބަޔަކު މަގުހެދީއެވެ.
އަޅުގަނޑު ހިތުން ގައުމީ ޖިހާދުގެ ފިލާވަޅުތައް ކިޔައިދޭން މިލިޔަނުން ޚަރަދުކުރުމުގެ ކުރިން ކަނބާއަށް ހައްގު އިހުތިރާމް އަދާކުރެވޭނޭ ގޮތް ހެދުމަކީ ގައުމިއްޔަތަށް ލޯބިކުރާ މުވާތިނުންތަކެއް އުޅެންޏާ މިވަގުތުވެސް ލާޒިމުކަމެކެވެ. ބަހާއި އަމަލު ދިމާވާނީ އޭރުންނެވެ. އާބަކުރު ރަސްގެފާނުގެ ވާހަކަޔާއި ރަށްދެބައިމަގު ކަޅު މުހައްމަދު މަނިކުފާނާއި ރެއްކާކަމަނާގެ ބުރެއްކާގެ ވާހަކައިން ސްކްރިޕްޓުތައް ފުރިހަމަކޮށްގެން ލިޔެގެން ބަލަންތިބޭ ބަޔަކު ހެއްވައިލުމަށްވުރެ އައުލާކަން ބޮޑީ އެއްވެސް ޝައްކެއް ނެތި ގައުމީ އަބްތާލުންނަށް ހައްގުވާ މިންވަރަށް އިއުތިރާފުވެ އެ މިންވަރު އަދާކުރުމެވެ. އެކަންކަން ނުކުރާހާ ހިނދަކު ގައުމިއްޔަތޭ ކިޔުމުގެ ބޭނުމެއް ނެތެވެ.
(ނިމުނީ)