ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ހިންގާ ހަރަކާތަށް ފަންޑުކުރާ މީހުން އެނގޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ ދިރާސާއަށް މިއަދު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ, ސީޕީ ވިދާޅުވީ, އެ ހަރަކާތަކީ ބަޔަކު ފަންޑުކޮށްގެން ހިންގާ ހަރަކާތެއް ކަމަށާއި އަދި އެއީ ކޮން ބައެއްކަންވެސް އެނގޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލަކަށް ވަޑައެއް ނުގަންނަވައެވެ.
"އިންޑިއާ އައުޓް ހަރަކާތައް ފަންޑު ކުރަނީ ކޮން ފަރާތްތަކެއްތޯ, ޓީޝާޓުތައް ޕްރިންޓް ކުރަން ހަރަދު ކުރަނީ ކޮަން ބައެއްތޯ, ޓީޝާޓް ގެންނަނީ ކޮން ތާކުންތޯ, ކެމްޕެއިން މެޓީރިއަލް ހަދަނީ ކޮން ތާކުންތޯ, އާޓިކަލްއެއް ޕޯސްޓް ކުރީމަ އެ އާޓިކަލްއަށް ފައިސާ ދެނީ ކާކުތޯ މި އެއްޗެހި އަޅުގަނޑުމެންނަށް އެނގޭ... މިކަމާ ގުޅޭ ފުދޭވަރެއްގެ ކޮމްޕްރެހެންސިވް އަންޑަސްޓޭންޑިންއެއް އަޅުގަނޑުމެންނަށް އެނގޭ," ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މި ހަރަކާތުގައި މާލެއަށް ނިސްބަތްވާ ގޭންގުތަކުގެ އިސް ފަރާތްތައްވެސް ބައިވެރިވާ ކަމަށާއި އެކަހަލަ ގުރޫޕުތަކާއި ވަކިވަކި މީހުން ހަރަކާތުގައި ބައިވެރިކުރުވުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ހެކިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"އެފަދަ ފަރާތްތައް (ގޭންގުތަކުގެ އިސް މީހުން) ގުރޫޕެއްގެ ގޮތުގައާއި ވަކިވަކި އިންޑިވިޖުއަލް ލެވެލްގައިވެސް މިއަދު މިވާހަކަ ދެކެވޭ ހަރަކާތުގެ (އިންޑިއާ އައުޓް ހަރަކާތުގެ) ތެރެއަށް ވެއްދުމަށްޓަކައި ކުރާ މަސައްކަތް ވަރަށް ސާފުކޮށް ފެންނަން އެބަހުރި. މަންޒަރުތަކުންވެސް އެބަހުރި, ފޮޓޯވެސް އެބަހުރި. ކޮންކޮން ބައެއްކަންވެސް އިނގޭ. މަންޒަރުތައް ރެކޯޑްވެސް ކުރެވިފައި އެބަހުރި," ސީޕީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, އިންޑިއާ އައުޓް ހަރަކާޓުގައި ގޭންގުތަކުގެ މީހުން ބޭނުންކުރަމުންދާކަން އެ ހަރަކާތުގައި އިސްކޮށް އުޅޭ ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނަށް އަންގާފައިވާނެ ކަމަށާއި އަދި އެކަމަށް ޖާގަ ނުދޭނެކަންވެސް އަންގާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު