ރާއްޖެއަށް ގިނަ އަދަދެއްގެ ޑުރަގް އެތެރެކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ލަހުން ލިބުމުން, އެތަކެތި ހޯދިފައި ނުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ފަށާފައިވާ ހަރަކާތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ ދިރާސާއަށް މިއަދު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ, ސީޕީ ވިދާޅުވީ, ފާއިތުވި ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކުޑަ މިންވަރެއް ކަމަށާއި ދާދި ފަހުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ, އެކަމުގެ މައުލޫމާތު ލަހުން ލިބުމުން އެތަކެތި ހޯދިފައިނުވާ ކަމަށެވެ.
"ދާދި ފަހަކުންވެސް ވެއްޖެ ގަބޫލުކުރެވެނީ ތަންކޮޅެއް ފަހުން އެނގުނީމަ ނުހޯދިފައި ވަނީ. ފުދޭ ވަރަކަށް ގިނަ މަސްތުވާތަކެތި އެތެރެކޮށްފަ ވެއްޖެ, ރަށަކަށް. އަރުވާފައި އެރުވިތަނާ ގެންގޮސްފަ ވެއްޖެ. ހޯދިފައިވަނީ ވަރަށް މަދު މިންވަރެއް ކަމަށް ގަބޫލު ކުރެވެނީ," ސީޕީ ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިންގައި ޑްރަގް ޓްރެފިކިންގައި ހިމެނޭ މީހުންގެ ބައިވެރިވުން އޮތް މިންވަރާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލުގައި ސީޕީ ވިދާޅުވީ, އެ ހަރަކާތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ދިހަ ގޭންގުގެ އިސް މީހުން ބައިވެރިވާ ކަމަށެވެ. އަދި އެ ގޭންގުތަކާއި ވަކިވަކި މީހުން އެ ހަރަކާތުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.