އެންމެ ކުޑައިރުން ފެށިގެން ދަރިފުޅު ޓިއުޝަނަށް ފޮނުވަން ޖެހެނީ ކީއްވެގެންތޯއެވެ. މިހާރަކަށް އައިސް ކޮންމެ ބެލެނިވެރިޔަކާ ބައްދަލުވިޔަސް ދައްކަން އޮންނަނީ މައިގަނޑު ދެތިން ވާހަކައެކެވެ. އޭގެ ތެރެއިން އެންމެ މުހިންމުކޮށް ދެއްކޭ ވާހަކައަކީ ޓިއުޝަނުގެ ވާހަކައާއި ގުރުއާން ކުލާހުގެ ވާހަކައެވެ.
"ޓިއުޝަނަށް ނުފޮނުވާ ކިހިނެއް ހަދާނީ؟ ފާހެއް ނުވާނެކަން ޔަގީން. ސުކޫލުން ކިޔަވައިދޭ އެއްޗެއް ފުރިހަމައަށް އެނގެނީ ޓިއުޝަނަށް ފޮނުވައިގެން،" މިއީ ބެލެނިވެރިއެއްގެ ހިޔާލެކެވެ.
"ލިޔުން ރަނގަޅުނުވެގެން ޓިއުޝަނަށް ފޮނުވަން ޖެހުނީ. ދެން ވަރަށް ކޮށި ޖުމުލަ ހެދުމަށް. އެއްކޮށްގެން ބަސް އަތުުރާކަށް ނޭނގެ. ފާޑުފާޑުގެ ޗެލެންޖިން އެވޯޑުތައް އޮވޭ. އެއަށް ޕްރެކްޓިސް ކުރުވަން ޖެހޭ. އަޅުގަނޑު ކިތަންމެ ކިޔަވައިގެން ހުއްޓަސް ސުކޫލުތަކުން އެދޭ ފާޑުފާޑުގެ އެއްޗެއްސަށް އަހުލުވެރިއެއް ނޫން. އެހެންނޫނަސް ވަގުތުވެސް ނޯންނަނީ،" މިއީ ޝެކްސްޕިއާ އެވޯޑަށްފަހު ސަލާހުއްދީނު އެވޯޑަށް ކުދިން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއްމާބަނޑު ދެކުއްޖެއްގެ ބައްޕައެއްގެ ހިޔާލެކެވެ.
"ތެދަށް ބުނަންޏާ ކިރިޔާވެސް ސްމާޓް ކުއްޖަކު ޓިއުޝަން ބޭނުމެއް ނުވާނެ. އަޅުގަނޑުވެސް ކުރިން ދިޔައިން ޓިއުޝަނަށް. ޑެޑީ އެކަނި ހުންނަނީ، ވަަރަށް ބޮޑު ފީއެއް އަޅުގަނޑުގެ ހުރިހާ މާއްދާގެ ޓިއުޝަނަށް ދޭ. ދެން ހިތަށް އެރީ ސުކޫލު ޓީޗާސްވެސް ޓިއުޝަން ޓީޗާ ވެސް ޕީޑީއެފް ހަދަނީ އިންޓަނެޓުން ބަލައިގެނޭ. އަޅުގަނޑަށްވެސް ވާނެއޭ، ދެން އެގޮތަށް ޓްރައިކޮށްގެން މިހާރު ހަމައެކަނި ދަނީ 'ކުއާޒާ'އަށް. ދިވެހި ނެޓުން ލިބެން ދަތިވީމަ ދެން އެހެންނޫނަސް އޯލެވެލަށްވެސް ރެޑީވާތީ،" މިއީވެސް ދަރިވަރެއްގެ ތަޖުރިބާއެކެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާތޯއެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރިއަށް ބަލައިލަމާތޯއެވެ. ސްކޫލުގެ އެކިއެކި ހަރަކާތްތަކުގައި އުޅޭ މިންވަރު ވަކި މަދެއް ނޫނެވެ. ދަސްކުރަންދޭ ފިލާވަޅުތަކާއި ގޭގެ މަސައްކަތްތައްވެސް އޮންނަނީ ފުނިޖެހިފައެވެ. މިހާރާ އަޅައިބަލާއިރު އޭރު ގްރޭޑު ހަތަކާ ހަމައަށް ނުދިޔަޔަސް ބަރާބަރަށް ޓާމް ޓެސްޓު ނެގެއެވެ. އެހެންކަމުން ފިލާވަޅުތައް ދަސްކުރުމާއި ފިލާވަޅު ހެދުމަކީ އަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތަށްވުރެ މާބޮޑަށްވެސް ބުރަ އަދި ބޮޑު މަސައްކަތެކެވެ.
"ސްކޫލުން ކިޔަވައިދޭ އެއްޗެއް ހަމަ ނޭނގެ. ޓިއުޝަނަށް ނުފޮނުވައި ކިހިނެއް ހަދާނީ. ކިރިޔާވެސް އެއްޗެއް އެނގެނީ ޓިއުޝަނަށް ފޮނުވައިގެން،" މިއީ ހަމަ އެންމެ ހަ އަހަރުގެ ކުއްޖެއްގެ މަންމަގެ އިހުސާސެވެ.
ގުރޭޑު އެކެއްގެ ކުއްޖަކަށް ސްކޫލުން މުދައްރިސް ބުނެދޭ ފިލާވަޅު ނޭނގެއޭ ބުނުމުން ހައިރާންވާނެކަން ގައިމެވެ.
މީގެ ކުރިންވެސް ޓިއުޝަނުގެ ބޭނުން ހޯދަން ޖެހެއެވެ. ދަށް ގުރޭޑުތަކަށްވެސް ޓިއުޝަނުގެ ބޭނުން ޖެހެއެވެ. އެކަމަކު ތަރައްގީ ވަމުން އަންނަ މި ޒަމާނުގައި، ޓެކްނޮލޮޖީގެ ރޮނގުން ބާރަށް ކުރިއަރައިގެންދާއިރު ޓިއުޝަނުގެ ބޭނުން އިހަށްވުރެ ބޮޑުވުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ.
މީގެ އެތައް ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ވަގުތާއި ހާލަތާއި މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރުމާއި ކުދިން އިންޓަނެޓަށް އަހުލުވެރިކުރުވުމުގައި ހައްދެއް ނެތި އަޅައިނުލެވުމާއި އަމިއްލަ އެތައް ބައިވަރު ކަންތަކާ ހެދި ދަރިންނަށް އަޅައިލާން ޖެހޭވަރަށް އަޅައި ނުލެވުމާއި މިހެން ގޮސް ލިސްޓު ކުރާނަމަ އިނގިލިތަކުން ގުނާ އަދަދު ކުރެވޭ ވަރަށްވުރެ މާގިނަ ސަބަބުތައް އެބަހުއްޓެވެ.
މިއަދު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޓިއުޝަނުގެ ބޭނުން ޖެހިފައި ތިބި އަދި ޓިއުޝަނާ ނުލައި ކުރިއަށް ނުދެވޭ އެތައް ބަޔަކު އެބަތިއްބެވެ. ޓިއުޝަން ނުލިބިއްޖެނަމަ ދަރިންނަށް އެދެވޭ ތައުލީމެއް ނުލިބޭނެތީ ކަންބޮޑުވާ މީހުން މަދެއް ނޫނެވެ. ޓިއުޝަނަކީ މަދަރުސާއެކޭ އެއްފަދައިން އެއް ދަރަޖައެއްގައި މުހިންމުކަން ދޭ ކަމަކަށް މިހާރު މިވަނީ ވެފައެވެ.
"އަސްލު ޓީޗަރުން ދޭ ފިލާވަޅުތައް ދަރިވަރުންނަށް ބުނެދޭން ޖެހޭ ވަރަކަށް ބުނެއެއްނުދޭ. މިއީ ފަނަރަ، ސޯޅަ އަހަރުގެ ބޮޑު ކުއްޖެއް ނޫނެއްނު ޕޭޖު ނަންބަރު ދީފައި، ކިޔާފަ އޭގައި އޮތް ގޮތަކަށް ހަދާށޭ ބުނަން. ނޫނީ މިވެނި އެވެނި ތަނަކަށް ގޮސް މިވެނި އެވެނި އެއްޗަކާ ބެހޭގޮތުން އަމިއްލައަށް ހޯދައި ބަލައިގެން އައިސް ލިޔާށޭ ބުނީމަ ނުވަ އަހަރުގެ ކުއްޖަކު ކުޅިއަށް ގޮސް އެތަން ދިރާސާ ކުރާނީ ކިހިނެއް؟ ހުރިހާ ބެލެނިވެރިންނަކީ އެއްވަރަކަށް ކިޔަވައިގެންވެސް ތިބޭނެ ބައެެއް ނޫންކަން ޓީޗަރުންނާ ސުކޫލުތަކުންވެސް ދަންނަން ޖެހޭނެއެއްނު!" ނުވަ އަހަރާއި ހަ އަހަރުގެ ދެ ފިރިހެން ކުދިންގެ އިތުރަށް ދިހަ އަހަރުގެ އަންހެން ދަރިއެއްގެ މަންމަގެ އިހުސާސް އިވުމުން މިފަދަ ކިތައް ބެލެނިވެރިން ތިބޭނެބާއޭ ހިތަށް އަރައެވެ.
ބައެއް ބެލެނިވެރިންނަކީ ސްކޫލުތަކުން ހުށަހަޅާ ކަންތައް ދަރިން ލައްވާ ކުރުވައި ފިލާވަޅުތައް އެގޮތަށް ހެދުވުމުގެ ގާބިލުކަން ހުރި ބައެއް ނޫނެވެ. ހަމައެހެންމެ ބައެއް ބެލެނިވެރިންނަށް މި ހުރިހާ ކަންތައް ދަރިން ލައްވާ ކުރުވާނެ ވަގުތެއްވެސް ނޯވެއެވެ. އެނގުނަސް ފިލާވަޅު ހެދުވުމަށް ގޭގައި ކުއްޖާ އެއްބާރުލުން ނުދޭތީ ޓިއުޝަނުގެ އެހީ ހޯދަން ޖެހޭ ބެލެނިވެރިންވެސް މަދެއް ނޫނެވެ. މުދައްރިސުންނަށް ފިލާވަޅުތައް ބުނެދޭން ޖެހޭ ވަރަށް ބުނެނުދެވުމަކީ މައްސަލައަކަށް ވާއިރު، ކުލާހުގައި ތިބޭ ކުދިންގެ އަދަދު ގިނަކަމުން ފަހަރަކު ކުއްޖަކަށް ބުނެދޭން ޖެހޭ މިންވަރަށް ބުނެނުދެވުމަކީވެސް ދިމާވާ މައްސަލައެކެވެ. އެކަމަކު މިއަދު އިންޓަނެޓުން މައުލޫމާތާއި ބޭނުންވާ ކޮންމެ ދާއިރާއަކުން މަންޒަރުތަކަށް ދާންދެން ނުހަނު ފަސޭހަކަމާއެކު ފެންނަން ހުރި އިރު މިފަދަ ކަންތައް ދިމާވުމުން ދޭހަވަނީ ފަރުދީ ޒިންމާ އަދާ ނުކުރެވޭ މިންވަރެވެ.
ދަރިފުޅުގެ އަތަށް އައިޕެޑު ނުވަތަ ފޯނު ދީފައި ގޭތެރޭގެ ކަންތަކުގައި ހޭބޯނާރައި އުޅޭ އިރު، ދެން އެ ދަރިފުޅު އެއާ ދުރުކުރަން މަސައްކަތް ކުރަން ޖެހޭނެ ދުވަހެއް އަތުވެދާނެ ކަމަކަށް ވިސްނައެއް ނުލެވެއެވެ. ތިމާއަކީ ވަޒީފާއަކަށްދާ ބުރަ ތާވަލެއްގައި އުޅޭ މީހަކަށް ވާނަމަ ދަރިފުޅު އެ ތާވަލަށް ފުށު ނާރާ ގޮތަށް ހާނާނެ ގޮތެއް ހޯދުމަކީ ތިމާގެ ޒިންމާއަކަށް ނުވޭތޯއެވެ. ބޮޑު އަގު ދީފައި ދަރިފުޅު ޓިއުޝަނަށް ފޮނުވަން މި ޖެހެނީ ގޭގައި ފިލާވަޅަށް މަސައްކަތް ނުކުރާތީއެވެ. އެހެން ވާން މެދުވެރިވި ސަބަބަކީ ކޮބައިތޯ ދެނެގަތުން މުހިންމު ނޫންތޯއެވެ.
"ކުދިންގެ ފެންވަރު ހަމަ ދަށޭ ބުނެވޭނީ. ހިއެއް ނުވޭ ސުކޫލަކަށް ކިޔަވަން ދާ ކުދިންހެނެއް. އަތުލިޔުން ހަމަ ވަރަށް ހަޑި. އިނގިރޭސި އަކުރުތައް ލިޔަން ޖެހޭ ގޮތާއި ގަވާއިދުތަކެއް ނޭނގޭ. ތާނަ އަމުދުން ހަމަ އެއްގޮތަކަށްވެސް ނޭނގެ. ބުނާނެ ސުކޫލުގައި ޓީޗަރު މައްސަލަ ނުޖައްސައޭ، ވަކި ގޮތަކަށް ލިޔާކަށް ނުބުނެއޭ،" ކުޑަކުދިންނަށް ޓިއުޝަންދޭ ޓީޗަރަކު ކިޔައިދިން ގޮތުން ގްރޭޑު އެކަކަށް ދާއިރު ކުއްޖާގެ ލިޔުމަށް މާބޮޑު ސަމާލުކަމެއް ސުުކޫލުން ދެވިފައެއް ނޯވެއެވެ. ދެން މިވާ ގޮތަކީ ގުރޭޑު އެކަކަށް ދިއުމުން ބައިވަރު ފިލާވަޅުތަކާއި އެތައް ލިޔުންތަކެއް ލިޔަން ޖެހުމުން ކުއްޖާއަށް އެކަން ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
"ހުރިހާ ގުރޭޑެއްގެވެސް އިސްލާމް، ދިވެހި ވަރަށް ގޯސް. ހާއްސަކޮށް ބޮޑެތި ގުރޭޑުތައް. ޓެސްޓާ ކައިރިކޮށްފަ ވަރަށް ހާސްވެގެން ކުދިން އުޅުނީ. ދެން ޓެސްޓު ނަތީޖާ ލިބުނު ފަހުން ކުދިންގެ ބެލެނިވެރިން ހަމަ އާދޭސްކުރި ދިވެހި، އިސްލާމް ރަނގަޅުކޮށްދިނުން އެދިގެން. ވަރަށް ދެރަވާން ޖެހޭ މައްސަލައެއް މިއީ. ކޮވިޑުގެ ސަބަބުން އައި ލޮކްޑައުންގެ ވަރަށް ބޮޑު ރޯލެއް އެބައޮތް ކުދިން މިހާ ދަށަށް ދިއުމުގައި. މިހާރު މަޑުމަޑުން ރަނގަޅުވަމުން އަޔަސް އެއް އަހަރު އެއްކޮށް އަލުން ކިޔަވަން ޖެހޭ ވަރުގަ ކުދިން މިތިބީ،" މުދައްރިސްކަމުގެ ރޮނގުން މާސްޓާސް ހަދައިގެން، ކިޔަވައިދެމުން އަންނަތާ އަށެއްކަ އަހަރުވެފައިވާ ތަޖުރިބާކާރު ޓީޗަރަކު 'ވަން'އިން ކުރި ސުވާލަކަށް ޖަވާބުދެމުން ބުންޏެވެ.
މުޖުތަމައު ތެރޭގައި ކަންބޮޑުވުން އިތުރުވަމުން އަންނަ ޓިއުޝަނުގެ މައްސަލައާ ބެހޭގޮތުން އޮޅުންފިލުވުމަށް ޓިއުޝަންދޭ ފަރާތްތަކާއި ޓިއުޝަނަށް ފޮނުވާ ފަރާތްތަކާއި އަދި ބައެއް ދަރިވަރުންގެ ހިޔާލުވެސް 'ވަން' އިން ހޯދީމެވެ. ހަގީގަތުގައި މިއީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ މައްސަލައަކަށް ވިޔަސް މި މައްސަލަ ހައްލުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސުވާލަކީ ޓިއުޝަނާ ނުލައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެބާވައެވެ. ސުކޫލުތަކުން ބުނެދޭ ބުނެދިނުމުން އިމްތިހާނުތަކުން އެކަށީގެންވާ ނަތީޖާއެއް ހޯދުމަށް ފޮތްތަކާއި އިންޓަނެޓު ބޭނުންކޮށްގެން ފުދޭކަށް ނޯންނާނެ ބާވައެވެ.
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ