ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުން މާދަމާ ބޭއްވުމަށް ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު "ވަން" އަށް ބުނީ ރާޝިދު، މެމްބަރުކަމުގެ ހުވާ ކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެދާއިރާގެ ބައި އިލެކްޝަން އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު (ރާޑޯ) އާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީސެވެ.

އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ޕީޕީއެމްގެ ފަތުހީއަށް 1،161 ވޯޓު އަދި ހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާ އިރު، ވޯޓުލާފައިވަނީ 2،932 މީހެކެވެ. ސައްހަ ވޯޓުގެ އަދަދަކީ 2،885 ވޯޓެވެ. އަދި ބާތިލު ވޯޓުގެ އަދަދަކީ 47 އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.