ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ސްޓެލްކޯ ބޯޑުގެ ކުރީގެ ޗެއާމަން އަލްމަރުހޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފުތަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވައި ރައީސް ސޯލިހު ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހުލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވައިފައެވެ. އަދި ހިދުމަތުގެ ދާއިރާގައި މަރްހޫމް ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ހިދުމަތުގައި ދެމިހުންނެވި އިންޖިނިއަރެއްގެ ގޮތުގައިކަމަށާއި ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވެސް ވަނީ އެ ދަފްތަރުގައި ބަޔާނެއް ލިޔުއްވާފައެވެ. މުޣުނީ ލިޔުއްވި ބަޔާނުގައި ވަނީ ޗެއާމަން ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، އަވަހާރަވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ޗެއާމަން ރަޝީދަކީ، އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާ ހުރި، އަހުލާގު ރަނގަޅު ހީވާގި ބޭފުޅެއް ކަން ފާހަގަ ކުރައްވައި ރަޝީދު އަވަހާރަވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށް އަދި މުޅި ގައުމަށްވެސް ލިބުނު ގެއްލުމެއް ކަމަށް މުޣުނީގެ ބަޔާނުގައި ވެއެވެ.
ސްޓެލްކޯގެ ކުރީގެ ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ބޯޑް މެންބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން ރަޝީދުގެ އާއިލާގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެެވެ.
މުހައްމަދު ރަޝީދު އަވަހާރަވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހުއެވެ. ރަޝީދު ސްޓެލްކޯގެ ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު ބޭއްވި އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރު މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، އެ ކުންފުނީގެ ސީއީއޯ ގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ. އެކުންފުނީގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ. ރަޝީދު އަވަހާރަވުމާއި ހަމަޔަށްވެސް ހުންނެވީ ސްޓެލްކޯ ބޯޑުގެ ޗެއާމަން ކަމުގެ މަގާމުގައެވެ.
ސްޓެލްކޯ އިން ބުނީ ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއި ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް، ރަސްމީ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި އެ ކުންފުނީގެ ހެޑް އޮފީހުން ސޮއި ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު