ޕޮލިސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖަހައި ހިންގި ޓެރަރިޒަމްގެ އަމަލަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެބުރުއަރީ ހަތްވަނަ ދުވަހާ ގުޅިގެން ހިންގި ޓެރަރިޒަމްގެ އަމަލުތަކަށް ދިހަ އަހަރު ފުރުމުން އެ ދުވަހު ކަންތައް ހިނގައިދިޔަ ހަނދާންތައް އާކުރަމުންނެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ރައްޔިތުންނަށް ހަނދާން އާކޮށްދެނީ އެމްޑީޕީގެ ހަގީގަތް ކަމަށެވެ.

"ޕޮލިސް ސްޓޭޝަންތައް، ކޯޓުތައް، މުދަލާއި ތަކެތީގައި ހުޅުޖަހައި ހިންގި ޓެރަރިޒަމްގެ އަމަލު. އައްޑޫއަކީ އެންމެ ބޮޑު ގެއްލުމެއް ދިން އެއް ތަން. ރައީސް ނަޝީދާއި އެމްޑީޕީން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ހުޅުޖަހައިގެން ދިން ގެއްލުން ގާތްގަނޑަކަށް 500 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ނިޒާމު ގާއިމުކުރަން ހޯމް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި ރައީސް ނަޝީދަކީ އެއިރުވެސް އަދި މިހާރުވެސް ޝަރުއީ ނިޒާމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރި އަދި ކުރާ ފަރާތް ކަމަށް ޖަމީލް ވިދާޅުވި އެވެ.