ކުޅިވަރު

އެކުވެރިކަމުގެ ފުރަތަމަ ވޮލީ މެޗުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ރާއްޖެއާއި ބަންގުލަދޭޝް ވޮލީ ޓީމުން ކުޅެން އޮތް އެކުވެރި ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.

ގައުމީ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ރާއްޖޭގެ ވޮލީ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ރޭގެ މެޗު އަނބުރާލި ފަހަތުން އަރައި ތިން ސެޓު ގެންގޮސްގެންނެވެ. ރޭގެ މޮޅަކީ ބަންގުލަދޭޝް ވޮލީ ޓީމު ކައިރީގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން 2016 ވަނަ އަހަރަށްފަހު ހޯދި ފުރަތަމަ މޮޅެވެ. އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އެފަހަރު ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި ނަމަވެސް އޭގެ ފަހުން އޭގެ ފަހުން ގައުމީ ޓީމު ވަނީ 2016، 2018 އަދި 2021 ވަނަ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ސެންޓްރަލް ޒޯން މުބާރާތުގައި ކުޅުނު މެޗުތަކުން ސީދާ ތިން ސެޓުން ބަލިވެފައެވެ.

ކޯޗު އަހުމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. އެ ސެޓު އަތުން ދިޔަ ނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރައި އަނެއް ސެޓުތައް 19-25، 20-25 އަދި 22-25 އިން ގެންގޮސްފައެވެ.

ފުރަތަމަ ސެޓުގައި ބަންގްލަދޭޝް ފޯމުގައި ފެނުނު ނަމަވެސް ދެވަނަ ސެޓުގައި ރާއްޖޭގެ ގިނަ ހަމަލާތައް ފެނުނީ ކާމިޔާބު ކޮށެވެ. އާދަން ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އަދި އަލީ ހުޒާމް (ހުޒާންޓެ)ގެ އެޓޭކްތައް ރަނގަޅުކޮށް ފެނުނު އިރު، އެ އެޓޭކްތައް ހިފަހައްޓަން ބަންގުލަދޭޝްއަށް މުޅި މެޗުގައިވެސް އުނދަގޫތަކާ ކުރިމަތިވިއެވެ.

މެޗުގެ ތިންވަނަ ސެޓުގައިވެސް ރާއްޖެ ވަރުގަދަކޮށް ފެނުނު އިރު، އެ ސެޓުގައި ހުޒާންޓޭގެ އެޓޭކްތައް ހުއްޓުވަން ބަންގްލަދޭޝް ޓީމުން ހާއްސަ ސަމާލުކަމެއްދީ ގިނަ ބްލޮކްތަކެއް ކުރި ނަމަވެސް ކާއްޓޭގެ ހަމަލާތައް ފެނުނީ މާ ބޮޑަށްވެސް ނުރައްކާ ކޮށެވެ. މުޅި މެޗުގައިވެސް ކާއްޓޭ ވަނީ މޮޅަށް ކުޅެ އެ ފޯމު ދަމަހައްޓައިފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާއެކު ބަންގުލަދޭޝްއާ ދެކޮޅަށް ވޮލީ ޓީމުން ކުޅޭ މެޗުތަކުގެ ތެރެއިން އަދި ދެމެޗު މާލޭގައި ކުޅޭނެއެވެ. ފުރަތަމަ މެޗު ރޭ އޮތް އިރު، ދެވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގައެވެ. އަދި ފަހު މެޗު އޮތީ ހުކުރު ދުވަހުގެރޭގައެވެ.