މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމާލާގައި ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ލަސްވާތީ، އެ ހަމަލާގެ ތަހުގީގުގެ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގެ މަހުގެ 14 ވަނަ ދުވަހުއެވެ.
ބޮން ގޮއްވާލި މައްސަލައިގައި އަދުހަމްގެ އިތުރުން ދެން ދައުވާކޮށްފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމު، ފަހުމީ އަލީ، އިސްހާގު، މުހައްމަދު ތަސްލީމު އަދި އަބްދުﷲ އަލިމަނިކެވެ.
އެމީހުންގެ ޝަރީއަތްތައް އަދިވެސް ނިމިފައި ނުވާ އިރު، ކުރިމިނިލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތްތައް ދަނީ ކުރިއަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އައްބާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ލަސްވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ވަރަށްވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އެމީހުންނަށް ދައުވާ އުފުލިތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ހަމައެކަނި ހުކުމްކޮށްފައިވަނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެމީހުންގެ ޝަރީއަތްތައް އެއްކޮށް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާކަންވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުހަމަށް ހުކުމް ކުރެވިގެން ގޮސްފައިވަނީ ތަހުގީގީ މަރުހަލާގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އައްބާސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އައްބާސް ވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމާލާގައި ބޮން ގޮއްވާލި އަދުހަމް ޖަލަށްލުމަކުން، ކުރަން ހުރި މަސައްކަތްތައް އަދި ނުނިމޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު