ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ބަލިވި ފަރާތްތަކުން ކުރަންވީ ކަމަކީ އަމިއްލައަށް ހެދިފައިވާ ގޯސްތައް ދެނެގަނެ ދެން ފަހަރަކުން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެކެވެ. އެ އިންތިހާބުގައި ޕީޕީއެމުން ބަލިވެފައިވާއިރު، ޕީޕީއެމުން ވަނީ، އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބާ ޖަމާލުއްދީނުގަައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ، އިންތިހާބަކުން އަބަދުވެސް މޮޅުވާނީ އެއް ފަރާތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"އެންމެ ބޮޑަށް މަސައްކަތްކުރެވުނު ފަރާތަކަށް އެންމެ ބޮޑަށް ރައްޔިތުންގެ ތާއީދު ހޯއްދެވުނު ފަރާތަށް ކާމިޔާބު ލިބިގެންދާނީ. ދެން ކާމިޔާބު ނުލިބުމުގައި ކިތަންމެ ސަބަބުތަކެއް ހުރެދާނެ. އެކަންތައްތައް ގަބޫލުކުރައްވާފައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވަން ގަސްތުކުރައްވާއިރު އެ ކަންތައްތަކީ ތަޖުރިބާއެއްކަމުގައި ބައްލަވައިގެން ވަޑައިގެންނެވޭނެ ރޭއްވެވުންތަކެއް ރޭއްވުމަކީ އަމިއްލަފުޅަށް އެންމެ ރަނގަޅު ގޮތް" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، އިންތިހާބުތަކުން ބަލިވާ ފަރާތްތަކުން އެކަމުގެ އިލްޒާމު އެހެން ފަރާތްތަކަށް ކުރާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ، ބަލި ގަބޫލުކޮށް ހިތްވަރާއެކު ދެން ފަރަހަކަށް މަސައްކަތް ކުރުން ކަމަށެވެ.
ފުއާދު ވިދާޅުވީ، އިންތިހާބާ ގުޅޭ ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ޝަކުވާއަކީ އެމްއެންޕީން ހުށަހެޅި ޝަކުވާއެއް ކަމަށާއި ބާކީ ހުރިހާ ޝަކުވާއަކީ ޕީޕީއެމުން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ. ފުއާދު ވިދާޅުވީ، އެ ޝަކުވާތަކުގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ، އެ ޝަކުވާތައް ބަލައިފައި ނުވާ ކަމަށެވެ.
ފުއާދު އިތުރަށް ވިދާޅުވީ، އިންތިހާބުތަކާ ގުޅިގެން ހިންގާ މަޝްރޫއުތައް ހުއްޓުވޭނީ ކެންޑިޑޭޓް އެ މަޝްރޫއުތައް ހިންގާނަމަ އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު