ފެނަކައިގެ ތ.މަޑިފުށި ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރުކަމުން ވަކިކުރި، އަބުދުﷲ ޔާސިރު، އޭނާ އަދާކުރަމުންދިޔަ މަގާމަށް ނުވަތަ އެއާ އެއް ފެންވަރުގެ މަގާމަކަށް އަނބުރާ ރުޖޫއަ ކުރުމަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބޭރު ކޮށްލައިފިއެވެ.
މިއީ އަށެއް އޭޕްރީލް 2014 އިން ފެށިގެން އަބުދުﷲ ޔާސިރު އަދާކުރަމުންދިޔަ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމުން ވަކި ކުރުމުން އެއީ ގާނޫނާ ހިލާފަށް ފެނަކައިން ކޮށްފައިވާ ކަމެއް ކަމަށްބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށްފަހު، އޭނާ ވަޒީފާއިން ވަކި ކުރުމުގައި ގާއިމު ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލުން ވަނީ ބުނެފައެވެ.
ނަމަވެސް އޭނާ ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް 50000 ރުފިޔާ ފެނަކައިން ނަގައިދިނުމަށް ޔާސިރު އެދިފައިވީނަމަވެސް، އެ މައްސަލައިގައި ސީދާގޮތުން އޭނާއަށް ގެއްލުންވެފައިވާ ކަމާއި، އެއީ ކިހާ މިންވަރަކަށްވި ގެއްލުމެއްކަން ސާބިތު ކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެފައިސާ ނަގައިދޭނެ ހަމައެއް ނެތް ކަމަށްވެސް ޓްރައިބިއުނަލުން ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ، އޭނާ އަދާކުރަމުންދިޔަ މަގާމަށް ނުވަތަ އެއާ އެއް ފެންވަރުގެ މަގާމަކަށް އޭނާ އަނބުރާ ރުޖޫއަ ކުރުމަށާއި، އޭނާއަކީ ވަޒިފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކި ކުރެވުނު ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަ ކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި އެކަންތައްތައް 14 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް 14 ޖުލައި 2021 ގައި ވަނީ ފެނަކައަށް އަމުރު ކޮށްފައެވެ.
ޓްރައިބިއުނަލްގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ފެނަކައިގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ނަމަވެސް އިއްޔެ އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު ޏ.ފުވައްމުލައް މާދަޑު.ސިތާނާ، ހަސަން ފަލާހު ކޯޓަށް ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
އެހެންކަމުން ހައިކޯޓަށް ހާޒިރުވުމަށް ކުރި އަމުރާ ފަލާހުގެ ފަރާތުން ހަވާލުވެ، މަގުބޫލު އުޒުރެއް ނެތި ހައިކޯޓަށް ހާޒިރުވެފައި ނުވާތީ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ފެނަކައިން ހުށަހެޅި ދައުވާފޯމު މި ގަޒިއްޔާބެއްލެވި ފަނޑިޔާރުގެ އިއްތިފާގުން ބާތިލުކޮށްފައިވާ ކަމަށް ހައިކޯޓުން މިއަދު ވަނީ ބުނެފައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު