ރާއްޖޭގެ ޖަލުތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، މިއަހަރުގެ ތެރޭގައި އެފަދަ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ފައްޓަވަމުން އަސްލަމް ވިދާޅުވީ، އެ ކޮމިޓީން މިދިޔަ އަހަރު ބަލަމުންދިޔަ ގިނަ މައްސަލަތަކެއްގެ ތެރެއިން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަމިއްލަ ބައެއް މީހުންގެ ފަރާތުން ކޮމިޓީއަށް ލިބިފައިވާ ސިޓީތަކުގައިވެސް ޖަލުތަކުގައި ދޭ އަނިޔާތަކުގެ ޝަކުވާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޖަލުތައް ހިނގަމުންދާ ނިޒާމު ހަރުދަނާކުރުމަށް އެކަންކަން ދިރާސާކުރުމަށް މިއަހަރުގެ ތެރޭގައި ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އަވަސް މުސްތަގުބަލެއްގައި އިތުރު ބައްދަލުވުމެއް ބާއްވައި، ދިރާސާގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ތާވަލެއް ރާއްވަވާނެ ކަމަށެވެ.