ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިނުން ރާއްޖެއާއި އިންޑިއާ ރައްޔިތުންނަށް އޮތް ނުރައްކާ ދިރާސާކުރަނީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ރާއްޖެއަށާއި ދެގައުމުގެ ރައްޔިތުންނަށް އޮތް ނުރައްކާ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

އެ މައްސަލަތައް ދިރާސާކުރަން ނިންމީ, އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އިންޑިއާ އައުޓް ކެމްޕެއިނުން ދެރަތަކެއް ލިބިދާނެ!

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ, އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގަތީ އެކަމުން ދެރަތަކެއް ލިބިދާނެތީ ކަމަށެވެ. އަދި ރާއްޖެއާއި ބައިނަލްއަގުވާމީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ ދެކޮޅަށް އިންތިޒާމު ވެގެން ރާއްޖޭގައި ހަރަކާތް ހިންގަން ފަށައިފިނަމަ, އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ޝަހުޝިއްޔަތަަކަށް ފާޑުކިޔިދާނެ ކަމަށާއި ނަމަވެސް ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ ދެކޮޅަށް އިދިކޮޅު ހަރަކާތްތައް އިންތިޒާމުވެގެން ހިންގުމުން, އެގައުމަކުން ދެކޭނެ ގޮތާއި އެގައުމުން ދިވެހިންނާ ދޭތެރޭ އަމަލުކުރާނެ ގޮތަކާއި މިކަންކަމާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާއެއް ނުވަތަ ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ, މި މައްސަލައިގައި ގިނަ މާހިރުންނާ ވާހަކަދައްކަވައި, ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިބާވަތުގެ ހަރަކާތްތައް ހިންގަމުންދޭތޯ ބަލައި, ވިސްނެވުމަށް އެދިވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ބޭރުކުރަން ހުށަހެޅި

އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މަޝްވަރާއަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުޅުވާލުމުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވަނީ އެ މައްސަލަ ބޭރުކުރަން ހުށަހަޅައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި, އެ މައްސަލައަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ މައްސަލައެކެވެ.

އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ތާއީދު ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ފާސްކޮށްފައެވެ.

ދެގައުމުގެ ރައްޔިތުންނަށް އޮތް ނުރައްކާވެސް ބަލަން ހުށަހެޅުމެއް

އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ މަޝްވަރާއަށް ހުޅުވާލުމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ އެ ކެމްޕެއިނުން ގައުމަށް ހުރި ނުރައްކާތައް ދެނެގަތުމުގެ އިތުރުން ރާއްޖެއާއި ދިވެހީންނަށް އެ ހަރަކާތުން ކުރާ އަސަރާއި އިންޑިއާގައި އުޅޭ ދިވެހިންނަށާއި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ހުރި ނުރައްކާތައް ބެލުމަށް ހުށަހަޅުއްވައިފައެވެ.

އޭގެ އިތުރުން އެ ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް ކުރާނެ އަސަރު ހޯދައި ބެލުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ.

އިތުރު ފުރުސަތެއްގައި ޣައްސާން ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދާނަމަ މައްސަލައިގެ އަސްލުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން މިނިވަންކަމާއި ސިޔާދަތަށާއި އިސްގުލާލަށް ކުރާނެ އަސަރުވެސް ދިރާސާގައި ހިމަނަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކުގައި, ބޭރުގެ ސިފައިން ތިބެގެން އެކިކަހަލަ ހަނގުރާމަތައް ފެށި, މިނިވަންކަން ގެއްލިފައިވާ ހާލަތްތައް ހުރުމުން ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތްތޯ ބެލުމަށްވެސް ޣައްސާން ހުށަހެޅުއްވިއެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ އިންތިޒާމު ވެގެން ހިންގާ ހަރަކާތެއް ކަމަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައިވެސް ފާހަގަކުރައްވާފައިވާތީ، އެކަމަށް ހަރަދުކުރާ ބަޔަކުވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ސީދާ ޕީޕީއެމުން ހިންގާ ހަރަކާތެއްކަން އެނގޭއިރު، އެއީ ސިޔާސީ ޕާޓީއަކުން ކުރެވޭނެ ކަމެއްތޯ ބެލުމަށް އިލްޔާސް ހުށަހެޅުއްވިއެވެ.

އެ ދެ ހުށަހެޅުމަށް ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، ނިޔާޒާއި އިލްޔާސް ހުށަހެޅުއްވި އެ ދެކަމަކީ 241 ކޮމިޓީއަށް ދިރާސާ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ހުށަހެޅިފައިވާ މައްސަލައާ ދުރަށް ދެވޭ ކަމެއް ކަމަށެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން ބޭނުންވާ ނަމަ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.