މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިން ކުރުމުގެ ދައުވާތަކެއް ދައުލަތުން ކޮށްފިއެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމު، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފު، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުއެވެ. އެ މީހުން ޓްރެފިކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިންނެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކު ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އެއީ މަސްތުވާތަކެތި ޓްރެފިކު ކުރި މައްސަލައަކާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާކުރަން ކޯޓަށް ފޮނުވި ފުރަތަމަ ފަހަރު ކަމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ހަތަރު މީހުންގެ މައްޗަށް ދައުވާ އިއްވައިފައެވެ. ދައުވާއަށް ޖަވާބުދާރީވާން މައްސަލަ ބައްލަވާ ގާޒީ ދެއްވި ފުރުސަތުގައި ހަސަން ލޫތުގެ ވަކީލު އަލީ ޝާހު ވިދާޅުވީ އޭނާގެ މުވައްކިލު ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި ދައުވާގައި ބުނާ ގިނަ އަދަދެއްގެ ފައިސާއަކީ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅޭ ފައިސާކަމަށް ޝާހު ވިދާޅުވިއެވެ.

ދައުވާލިބޭ ހަސަން ރަޝީދު ވެސް ތަމްސީލު ކުރައްވަނީ ޝާހު ކަމަށްވުން، ދައުވާއަށް ޖަވާބުދާރީވަމުން ޝާހު ވިދާޅުވީ، އޭނާގެ މުވައްކިލައަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އަނިޔާކޮށްފައިވަނީ އާއިލާގެ މެންބަރުން ކުރިމަތީގައި ކަމަށެވެ. ޝާހު ވިދާޅުވީ އަނިޔާކޮށްގެން ނުވަތަ ގަދަބާރުން ހޯދާ ހެކިތަކައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ދައުލަތުން ކުރާ ދެ ދައުވާއަށް އޭނާގެ މުވައްކިލު އިންކާރުކުރާކަމަށް ޝާހު ވިދާޅުވިއެވެ.

މައްސަލައިގައި ދެން ހިމެނޭ ޝާނިޔާ އިބްރާހީމު އާއި އިސްމާއިލް ޝަރީފަކީ ދެމަފިރިންނެވެ. އެ މީހުންގެ ދިފާއީ ވަކީލަކީ އިސްމާއީލް މުހައްމަދުއެވެ. މުވައްކިލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލު އިސްމާއީލް ވިދާޅުވީ، މުވައްކިލުން ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އިންކާރުކުރާ ސަބަބުތައް ބަޔާންކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ މަރުހަލާ ނިމުމުން ދެން ގާޒީ ނިންމެވީ ހެކި ހާމަކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް ޝާހު 2:00 ޖަހާއިރަށް އެހެން އަޑުއެހުމަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެ މަރުހަލާ އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ގާޒީ ވަނީ ދިފާއުން އެދުނު ގޮތަށް ދައުވާއަށް އިންކާރުކުރާ ސަބަބު ބަޔާންކޮށް ދިނުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތުގައި ދިފައީ ހެކި ތައްޔާރުކުރުމަށް ވެސް ގާޒީ ވަނީ އަންގަވައިފައެވެ. މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހެކި ހާމަކުރުމާއި، ދިފާއު ހުށަހަޅާ ހެކިތައް ހާމަ ކުރުމެވެ. ވަގުތު އޮވެއްޖެނަމަ ހެކިތަކައް ރައްދު ދިނުމުގެ މަރުހަލާ ކުރިއަށް ގެންދާނެއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.