ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި މާކޯ އަސެންސިއޯ ޖެހި ހިތްގައިމު ގޯލާއެކު ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރެއާލްއިން ލަލީގާ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ހަ ޕޮއިންޓުގެ ލީޑެއް ގައެވެ. ލީގުގެ އެއް ވަަނައިގައި ރެއާލަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތީ 23 މެޗުން 47 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާއެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސްއަށް 22 މެޗުން 40 ޕޮއިންޓް ލިބިފައި ވާ އިރު، މި ހަފުތާގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރި ބާސެލޯނާ ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ.

ރޭގެ މެޗަށް ރެއާލް ނުކުތީ ކަރިމް ބެންޒެމާ، ވިނީޝިއުސް ޖޫނިއާ، ކަސެމީރޯ އަދި ލޫކަސް ވަޒްކޭޒް ނެތިއެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ރެއާލްގެ ހަމަލާތައް ފާހަގަކުރެވުނު އިރު، އިސްކޯ އާއި އަސެންސިއޯ ޖެހި ބޯޅަތައް ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ ވަނީ މަތަކޮށްފައެވެ.

ރެއާލުން ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަަނަ މިނިޓްގައެވެ. އޭރިއާ ބޭރުން ވާތު ފައިން އަސެންސިއޯ ޖެހި ބޯޅަ ގޯލަށް ވަންއިރު، ކީިޕަރު މެކްސިމިއާނޯ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގެ ފަހު ކޮޅުގައިވެސް ނުރައްކާތެރި ހަމަލާތައް ރެއާލްގެ އެޑެން ހަޒާޑާއި، ޓޯނީ ކްރޫސްގެ ފަރާތުން ފެނުނު އިރު، އެ ހަމަލާތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ.