ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު މެންބަރުން ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މިހަފުތާގައި ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބައިވެވަޑައިގަންނަވާ، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިހަފުތާގައި ފަސް ބިލެއްގެ މަސައްކަތް މަޖިލީހުގައި ފަށާނެ ކަމަށެވެ.

އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގުވާމީ ވިޔަފާރި ކުރުމުގެ ބިލު ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނެސްފައިވާ ބަދަލުގެ ގޮތުގައި، ހައިޑްރޮގްރެފިކްސާވޭ އޮފީހެއް އެ މިނިސްޓްރީގައި ގާއިމުކުރުމުގެ މައްސަލަ މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މިއަހަރުގެ މަސައްކަތް ފެށިގެންދާއިރު، ކޮމިޓީތަކުގައި 16 ބިލު އެބައޮތް ކަމަށެެވެ.