އިންޑިއާގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ހާލަތު އަނެއްކާވެސް ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

92 އަހަރުގެ ލަތާ މަންގޭޝްކަރަށް ކޮވިޑް އަދި ނިއުމޯނިއާ ޖެހި މިދިޔަ މަހުން ފެށިގެން އަންނަނީ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން، ލަތާގެ ޑޮކްޓަރު ޑރ. ޕްރަތީތު ސަމްދާނީ ދިން ބަޔާނެއްގައި ބުނެފައިވަނީ ލަތާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޖެނުއަރީ 8 އިން ފެށިގެން އައިސީޔޫގައި ފަރުވާދެމުން އައިސްފައިވާ ލަތާ މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރަށް ލުމަށްފަހު ހާލަތު ރަނގަޅުވުމުގެ ސަބަބުން މީގެ ހަފުތާއެއް ކުރިން ވެންޓިލޭޓަރުން ނަގާފައެވެ.

ލަތާގެ ހާލަތު ގާތުން ބެލުމަށް ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި ބަތަލާ ޝްރަދާ ކަޕޫރު ހިމެނެއެވެ. ލަތާއަކީ ޝްރަދާ ކަޕޫރުގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ ލަވަކިޔުންތެރިއެކެވެ. ރޭގެ ވަގުތެއްގައި ޝްރަދާ ހޮސްޕިޓަލަށް ޒިޔާރަތްކުރަނިކޮށް ފޮޓޯތައް އާއްމުވެފައިވާއިރު އިއްޔެ ވަނީ ލަތާގެ ކޮއްކޮ ލަވަކިޔުންތެރިޔާ އާޝާ ބޯޝްލޭ ވެސް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ. އޭގެ އިތުރުން ޔޫނިއަން މިނިސްޓަރު ޕިޔޫޝް ގޯޔަލް ވެސް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ލަތާއަށް ހެޔޮ އެދިވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ހާއްސަ މެސެޖެއް އާއިލާއަށް ރައްދުކުރައްވާފައެވެ. ލަތާގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކޮންގްރެސްގެ ރައީސް ސޯނިޔާ ގާންދީވެސް ވަނީ ލަތާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓުވީޓެއް ކުރައްވާފައެވެ.