ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ އަފްހާމް ނަސީރު ނަމަކަށް ކިޔާ ޒުވާނެކެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި، އަފޫގެ ހަށިގަނޑު ފެނިފައިވަނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުންނެވެ. އޭނާގެ ކަރުގައި ތޫނު އެއްޗަކުން ޒަހަމުތަކެއް ހުރި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ލަންކާގެ ފުލުހުން މިއަދު ވަނީ ވެއްލަވައްތަ ބީޗު ސަރަހައްދުން ދެ ފިރިހެނެއްގެ ހަށިގަނޑު ހޯދައިފައެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކަކީ އަފްހާމެވެ.
އަފްހާމްގެ ހަށިގަނޑު ފެނިފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަފްހާމްގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު "ވަން" އަށް މިއަދު ބުނީ ރޭ 8:00 ހާއިރު އަފްހާމް ގެއިން ނުކުމެގެން ދިޔައީ އާއިލާގެ އެހެން ގެޔަކަށް ބަދަލުވާން ކަމަށް ބުނެ ކަމަށެވެ. އެކަމަކު އަފްހާމްގެ ހަބަރެއް ނުވެގެން އެގޭ މީހުންނަށް ގުޅި ކަމަށާއި އޭނާ އެ ގޭގައި ނެތް ކަމަށް ބުނި ކަމަށްވެސް އޭނާ ބުންޏެވެ.
"އަފްހާމް ދިޔައީ ލެޕްޓޮޕް ހިފައިގެން އެހެން އެއްޗެހި ބަލައި އަންނާނަމޭ ކިޔާފައި. އޭގެ ފަހުން ހަބަރެއް ނުވެގެން ގުޅި އިރު ފޯނު ނިއްވާލާފަ. ދެން އޭނާ ބަދަލުވާން އުޅޭ ގޭ މީހަކަށް ގުޅީމަ ބުނީ އޭނާ އެގެއަށް ނުދެޔޭ. ނުވެސް ދެކެމޭ ބުނީ." އޭނާ ބުންޏެވެ.
ލަންކާގައި އަފްހާމް ދިރިއުޅޭތާ ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެ ކަމަށް ވަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު