ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން މިދިޔަ ހުކުރު ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވަވާފައެވެ. މި މަންޒަރު ޓީވީތަކުން ބަލަންތިބެފައި ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ މީހުން އަވަސްވެގަތީ ހުޅަނގާއި އިރުމަތީގެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ ހަތިޔާރުގެ ވާދަވެރިކަން އިތުރުވެ ފިނިހަނގުރާމައެއްގެ އުދާސްތައް އިތުރުވެފައިވާ މިދަނޑިވަޅުގައި ޗައިނާ އާއި ރަޝިޔާގެ އިއްތިހާދަކުން ދުނިޔެއަށް އަތުވެދާނެ ނުވަތަ އަންނާނެ ބަދަލުތަކެއްގެ ތަސްވީރު ކުރެހުމަށެވެ. ޔަގީން ކަމަކީ ހުޅަނގުގެ ބާރުތަކާ ދެކޮޅު ހެދުމުގައި ޗައިނާ އާއި ރަޝިޔާއިން ގާއިމު މިކުރަނީ އައު އިއްތިހާދެއް ކަމެވެ.
މި އިއްތިހާދުގެ މަގުސަދަކީ އެެއްބަޔަކު އަނެއް ބައެއްގެ ކިބައިން ވާގި ލިބިގަތުމެވެ. ޗައިނާ އާއި ރަޝިޔާގެ ސަމިޓު މިއައީ ވަރަށްވެސް ތާރީޚީ މުނާސަބަތެއްގެ ވަގުތުގައެވެ. އެމެރިކާގެ ރައީސް ރިޗަޑް ނިކްސަން ޗައިނާއަށް ވަޑައިގެން ޗައިނާގެ ވެރިޔާ މާއޯ ޒެޑޮންގާއި ބައްދަލު ކުރައްވައި އެދުވަސްވަރުގެ ރަޝިޔާ އެކަހެރި ކުރުމަށްޓަކައި ބިންގާ އެޅުނު އެކުވެރިކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބު ވަގުތެއްގައެވެ. ރައީސް ނިކްސަނާއި މާއޯގެ ސަލާން ކުރެއްވުމުން އޭރުގެ ދުނިޔެ ވަރަށް ބޮޑަށް ގުޑައި ދުނިޔޭގެ ކަންކަން އޭރު ތަރުތީބުވެ ބައްޓަންވެފައި އޮތްގޮތަށް ވަރަށް ބޮޑު ބަދަލެއް އައެވެ. ރޫސީންގެ އާރާއި ބާރަށް އުނިކަން ގެނެވުނެވެ.
ޒަމާން މިއޮތީ ބަދަލުވެފައެވެ. މިއަދު ޗައިނާ އޮތީ އެދުވަސްވަރުގެ ރޫސީވިލާތް އޮތް މަގާމުގައެވެ. މިއަދު ހުޅަނގުން މަސައްކަތް ކުރަނީ ޗައިނާގެ ނުފޫޒު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށެވެ. އައު ފިނި ހަނގުރާމައެއް ފެށިފައިވާއިރު އިރުމަތީގެ ބޮޑު ބާރަކީ މިއަދު ޗައިނާއެވެ. އެހެންވީމާ ރޫސީވިލާތާއި ޗައިނާއަށްވެސް އެއްބައެއްގެ އެހީތެރިކަން އަނެއް ބަޔަކަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. ޔުކްރޭނުގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ރޫސީވިލާތާ ދެކޮޅަށް ވެސް ވަނީ ތެދުވެފައެވެ. ނޭޓޯގެ އައްޑަނަ ބޮޑުކުރަމުން ފުޅާކުރަމުންގޮސް ރޫސީވިލާތުގެ އިމާ ހަމަޔަށްވެސް ފުޅާކޮށްފިއެވެ. އެހެންވީމާ ވަރުހުރި އެހެން ބައިވެރިޔަކު އެބަ ބޭނުންވެއެވެ. އެ ގައުމަކީ ޗައިނާއެވެ.
ރައީސް ޕުޓިން އާއި ރައީސް ޝީގެ ބައްދަލު ކުރެއްވުމަކީ 2013 ވަނަ އަހަރުން ފެށިގެން މި ދެބޭފުޅުންގެ 38 ވަނަ ބައްދަލުވުމެވެ. މިފަހަރުގެ ބައްދަލުވުން ކުރީގެ ހުރިހާ ބައްދަލުވުމަކަށްވުރެ މުހިއްމެވެ. އެގޮތަށް މުހިއްމުވާ މައިގަނޑު ސަބަބަކީ މި ދެ ލީޑަރުންނަށްވެސް ޚާރިޖީ ދާއިރާގައި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ގޮންޖެހުންތަކެވެ. ޗައިނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައެވެ. ރޫސީވިލާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޔުކްރޭނުގެ މައްސަލައެވެ. މި ދެގައުމަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ އަދި ބިރަކީ ހުޅަނގެވެ. އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނެވެ.
ޗައިނާއަށް ވެސް އަދި ރޫސީވިލާތަށް ވެސް ހުޅަނގުން ކުރިމަތިކުރާ ފިއްތުންތައް ފެތެނީ އެއް ގިންތިއަކަށެވެ. ހުޅަނގުގެ ނިޔަތަކީ އެއް ނިޔަތެކެވެ. އެހެންވީމާ މިކަންކަމާ ކުރިމަތިލައި ކުޅިފަސް އަތުލުމުގެ ގޮތުން ޗައިނާ އާއި ރޫސީވިލާތުންވެސް ވަނީ ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ދެ ގައުމުގެ ވިސްނުން އެއްގޮތްކުރުމާއި ދެގައުމު ގުޅިގެން އެއް އަޑަކުން ވާހަކަ ދެއްކޭނެ ގޮތެއް ރޭވުމުގެ މަސައްކަތް ފަށައިފައެވެ. ޚާރިޖީވަޒީރުންގެ މަޝްވަރާތަކެއް ނިކަން ދޭތެރެ އަވަސްކޮށް ބާއްވަމުން އައިސް އީރާނުގެ މައްސަލަޔާއި އުތުރު ކޮރެޔާގެ މައްސަލަޔާއި އަފްޣާނިސްތާނުގެ މައްސަލަޔާއި މިޔަންމާގެ މައްސަލަ ފަދަ ކަންކަމުގައި ވިސްނުމާއި ސިޔާސަތު ވަނީ މިހާރު ވަރަށް އެއްގޮތް ކޮށްފައެވެ.
ޔުކްރޭނުގެ މައްސަލައިގައި ޗައިނާ ކަހަލަ ގައުމެއްގެ ތާއީދު ރޫސީވިލާތަށް ލިބުމަކީ ރައީސް ޕުޓިންއަށް ވަރަށް ބޮޑު ހިތްވަރެކެވެ. ޔުކްރޭނުގެ މައްސަލައިގައި ޗައިނާއިން ގެންގުޅެނީ ރޫސީވިލާތަށް ތާއީދު ކުރުމުގެ ސިޔާސަތެކެވެ. އަނެއްކޮޅުން ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ރޫސީވިލާތުން ވެސް ގެންގުޅެނީ ޗައިނާއަށް ތާއީދު ކުރުމުގެ ސިޔާސަތެކެވެ. އެހެންވީމާ މިހާރުވެސް ޑިޕްލޮމެޓިކް ގޮތުން އެއްބަޔަކު ދަނީ އަނެއް ބަޔަކަށް ވާގިވެރިވަމުންނެވެ. ރައީސް ޕުޓިން ބެއިޖިންގަށް މިފަހަރު ވަޑައިގެންނެވި ވަގުތަކީ ބެއިޖިން ވިންޓަރ އޮލިމްޕިކްސް ހުޅަނގުގެ ގައުމުތަކުން ބޮއިކޮޓްކޮށް ޗައިނާ އެކަހެރިކުރުމުގެ މަސައްކަތް އައު އުސްމިނަކަށް ގެންގޮސްފައިވާ ދަނޑިވަޅެކެވެ. އެހެންވީމާ ރައީސް ޕުޓިން މި ދަނޑިވަޅުގައި ބެއިޖިންގަށް ވަޑައިގަތުމަކީވެސް ޗައިނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ކާމިޔާބެކެވެ.