ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގިނަ ވޯޓު ފޮށިތަކެއް ބަންދުކޮށް ވޯޓު ގުނަން ފަށައި، ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ވޯޓު ގުނަން ފަށާފައިވާ ކަމަށެވެ.

ފުރަތަމަ ގުނަން ފަށާފައިވަނީ އެންމެ ފުރަތަމަ ބަންދުކުރި، ކޮމަންޑޫގައި ބެހެއްޓި ދެވަނަ ފޮއްޓާއި، ފޯކައިދޫގެ އެއްވަނަ ފޮއްޓެވެ.

ހަބީބު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މާލޭގައި ބެހެއްޓި ކޮމަންޑޫގެ ވޯޓު ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ، ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ ކޮމަންޑުއަށް އެއް ފޮށި އަދި މަރޮށި، ފޯކައިދުއަށް އެއް ފޮއްޓެވެ.

ހަބީބު ވިދާޅުވެފައިވަނީ ބަންދު ނުކުރެވި ވަނީ ހަމައެކަނި މާލޭގައި ބެހެއްޓި ކޮމަންޑޫގެ ވޯޓު ފޮށި ކަމަށެވެެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އޭގެ ތެރެއިން 3:00 އިން ފެށިގެން 4:00 އަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް ހާއްސަ ގަޑިއެއްގެ ގޮތުގައި އޮތީ ކަނޑައަޅައިފައެވެ.