ޚަބަރު

މާލެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގައި މާދަމާއިން ފެށިގެން ހުރިހާ ދުވަހެއްގައި ކިޔަވައިދެނީ

ރިފާ ހަލީލު

ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޗްޕީއޭ އިން އެކުލަވައިލައިފައިވާ ގައިޑްލައިނާ އެއްގޮތަށް ޖާގަ ހުރި ބައެއް ސްކޫލްތަކުން މާދަމާ އިން ފެށިގެން ހުރިހާ ދުވަހެއްގައި ކިޔަވައިދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން 2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔަވައިދިނުން ސްކޫލުތަކުގައި ފަށާއިރު، މަދުވެގެން ހަފުތާއަކު ދެ ދުވަހު ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެން ކިޔެވުން ކުރިޔަޑް ގެންދާ ގޮތަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ސްކޫލުގައި ބާއްވާ ހުރިހާ ހަރާކާތެއްގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި މާސްކު ނަގައިގެން ބާއްވަން ޖެހޭ އެއްވެސް ހަރަކާތެއް ސްކޫލުތަކުގައި ނުބޭއްވުމަށް އަދި ސްކޫލުތަކުގައި ކިޔަވައިދޭ ދަންފަޅިތައް ކުރުކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ. އެކަމަކު ސްކޫލްތަކުން ޖާގަ އޮތް މިންވަރަކުން ކުދިން ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވައިދެވޭނެ ގޮތްތައް ހެދުމުގެ އުސޫލު އެ ސްކޫލަކުން ނިންމުމުގެ ބާރު އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް ދީފަ އެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުނު އިރު ސްކޫލްތައް ހުޅުވުނު ނަމަވެސް ދަރިވަރުން ސްކޫލަށް ހާޒިރުވާ އަދަދު ބޮޑުތަނުން ދަށްވެފައިވާ ކަން ގިނަ ޕްރިންސިޕަލުން ވަނީ ފާހަގަކުރައްވާފަ އެވެ.

"ވަން" އާ ވާހަކަ ދެއްކެވި ބައެއް ޕްރިންސިޕަލުން ވިދާޅުވީ އެ ސްކޫލްތަކުގައި ހުރިހާ ދުވަހެއްގައި ކިޔަވައިދެވޭނެ ގާބިލުކަން ހުރުމުން އެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހިމް ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ އެ ސްކޫލްގެ ހުރިހާ ގުރޭޑަކުން ވަރަށް ގިނަ ދަރިވަރުން ސްކޫލަށް ހާޒިރު ނުވާ ކަމަށެވެ. ހާޒިރުވާ ދަރިވަރުންނަށް ގައިދުރު ކަމާއެކު ކިޔަވައިދެވޭނެ އިންތިޒާމް އެ ސްކޫލުގައި މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރިންޒީ ވިދާޅުވީ ގިނަ ދަރިވަރުން ހާޒިރުވާނަމަ ކުލާސްރޫމުތަކުން ހޯލްތަކަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ޖާގަ އޮތް ވަރަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ދުވަހު ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދޭން. އެކަމަކު ކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ބަލައިގެން. އެޗްޕީއޭގެ ގައިޑލައިނާ އެއްގޮތަށް. މިސާލަކަށް 32 ކުދިން ތިބޭ ކުލާހަކުން މިހާރު މިއަންނަނީ 25 ވަރަކަށް ކުދިން. އެ ކުދިން ގައިދުރުކޮށް ތިބެވޭނެ އިންތިޒާމް އަޅުގަނޑުމެން ވާނީ މިހާރު ހަމަޖައްސާފަ. ދެން އެއަށްވުރެ ގިނަ ކުދިން އަންނަ ނަމަ ކުލާސްރޫމުތަކުގެ ބަދަލުގައި އެ ކުދިންނަށް ކިޔަވައިދިނުމަށް ހޯލްތައް ރެޑީކޮށްފަ މިހާރު މިވަނީ." އޭނާ ވިދާޅުވި އެވެ.

ހަފުތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ނިންމާފައވާއިރު، ބާކީ އޮންނަ ދުވަސްތަކަކީ އޮންލައިންކޮށް ކިޔަވައިދޭ ދުވަސްތައް ކަމުގައި އެޑިއުކޭޝަނުން ވަނީ ހަމަޖައްސާފަ އެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިިންސިޕަލް ހަސަން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ ސްކޫލުގެވެސް ހުރިހާ ގްރޭޑެއްގެ ކުދިން އެކި ގަޑިތަކުގައި ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަފުތާއަކު ހަތަރު ދުވަހު ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކޮވިޑު ބަލިމަޑުކަމާހެދި ގިނަ ދަރިވަރުންނަށް ސްކޫލަށް ހާޒިރު ނުވެވޭ ކަމަށެވެ. ނަމަވެސް ހާޒިރުވާ އެކި ގުރޭޑުތަކުގެ ކުދިންނަށް ގައިޑުލައިނާ އެއްގޮތަށް ކިޔަވައިދިނުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ދަންފަޅިއެއްގައި ވެސް ކުރިއާ ހިލާފަށް ވަގުތު ކުރު ވާނެ ކަމަށް ވިދާޅުވި އެވެ.

އަހުމަދިއްޔާ އަދި ރެހެންދި ސްކޫލުގައިވެސް ވަނީ ހުރިހާ ދުވަހެއްގައި ދަރިވަރުން ސްކޫލަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ނިންމާފަ އެވެ. އަދި އިތުރު އެހެން ސްކޫލްތަކުގައިވެސް ވަނީ ވަކި ގުރޭޑުތަކެއްގެ ދަރިވަރުން ހުރިހާ ދުވަހަކު ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ނިންމާފަ އެވެ.

އެޑިއުކޭޝަނުން ވަނީ ދަރިވަރުން ހާޒިރުވުމުން ހުން ބަލައި، ސެނެޓައިޒް ނޫނީ ދަރިވަރުން އަތްދޮއްވުމަށް އަންގާފައެވެ. އަދި ކްލާސްރޫމުގައި ދަރިވަރުންނަށް ތިބެވޭނީ ތިން ފޫޓުގެ ދުރުމިނެއްގައި ކަމަށްވެސް ބުނެފައިވެއެވެ.