ކުޅިވަރު

ދެވަނަ ޑިވިޝަންގެ މިޑްލްސްބްރާ އަތުން ބަލިވެ ޔުނައިޓެޑް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު ހަތަރު ވަނަ ބުރުގެ މެޗުގައި ޗެމްޕިއަންޝިޕް ޓީމު މިޑްލްސްބްރާ އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗު ޕެނަލްޓީގައި މިޑްލްސްބްރާ ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނު އިރުވެސް ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ގިނަ ޕެނަލްޓީ ތަކަކަށްފަހު ޔުނައިޓެޑު ބަލިވީ ޒުވާން އެންތަނީ އެލަންގާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވެގެންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. ރޮނާލްޑޯގެ 37 ވަނަ އުފަންދުވަހު ކުޅުނު މެޗުގައި އެ ފުރުސަތު ނަގާލެވުމުން ވަރަށް ބޮޑަށް މާޔޫސްކޮށް ޔުނައިޓެޑް ފެނުނު ނަމަވެސް އެޓީމުގެ ޖޭޑަން ސަންޗޯ ވަނީ ހާފު ނިމުމުގެ ކުރިން ލީޑު ނަގައިދީފައެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ސަންޗޯ އޭރިއާތެރެއިިން ޖެހި ބޯޅަ ގޯލަށް ވަނީ މިޑްލްސްބަރާ ކުޅުންތެރިޔަކު ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މިޑްލްސްބްރާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޓް ކްރޫކްސް ޖެހި އެ ގޯލު ޖެހުމަށް ފުރުސަތު ތަނަވަސް ކުރުމުގައި މިޑްލްސްބަރާގެ ޑަންކަން ވަޓްމޯ އަތުގައި ބޯޅައިން ޖެހުމުން އެކަމަށް ޔުނައިޓެޑުން ޝަކުވާ ކޮށް ވީއޭއާރްވެސް ބެލިއެވެ. ވީއޭއާރުން ފެންނަ ގޮތުގައި ޑަންކަން އަތުގައި ބޯޅައިން ވަރަށް ބޮޑަށް ޖެހެއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ޓީމު މުބާރާތުން ކެޓުން ބަލައިނުގަންނާނެ ކަމަށާއި، މިޑްލްސްބްރާއިން ޖެހި ގޯލު ސައްހަ ނުވާނެ ކަމަށެވެ.

"މިޑްލްސްބަރާ އިން ގޯލު ޖެހީ އަތުން ކޮންޓްރޯލް ކޮށްފަ. އެއީ ގޯލަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ،" ރަންގްނިކް ބުންޏެވެ.

ދެހާސް ސަތާރަ ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ޓްރޮފީއެއް ލިބިފައި ނުވާ އިރު، އެ އިންތިޒާރަށް މި ސީޒަނުގައިވެސް ނިމުން އަންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޕްރިމިއާ ލީގުގެ ފުރުސަތު ޔުނައިޓެޑަށް ގާތްގަނޑަކަށް މުޅިން ގެއްލިފައި އޮތް އިރު، ދެން ފުރުސަތު އޮތީ ޔޫރަޕްގެ އެންމެ ވަރުގަދަ މުބާރާތް، ޗެމްޕިއަންސް ލީގުންނެވެ. ގަދަ 16 ގައި ޔުނައިޓެޑު ނުކުންނަން ޖެހޭނީ އަތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.