- "ބާލުގާ އަލުން ދިރުވާނީ މިސާލެކޭ ބާޣުދޭ އުލޫމުގެ ހުރިހާ އަބީރެކޭ
- ހެޔޮ ސައާދަތެއްގެ މާތް އަސާސަކީ އިލްމުކަން ޔަގީނެމީ މޮޓޯއަކީ"
ދުވަހެއްގައިވެސް ހަނދާން ނުނެތޭނެ ބަސްތަކަކާއި ރާގެކެވެ.
"ކުދީންނޭ.. އެނބުރޭ ގަލެއްގައި ފެއްސެއް ނުޖަހާނެ! ކާމިޔާބީގެ ތަޅުދަނޑިއަކީ އިހުލާސްތެރިކަމާއި ކެތްތެރިކަން! ހުރިހާ ކަމެއްގެ ހައްލު އޮންނާނީ އެކަމެއްގެ ހައްލު ހޯދަން މަސައްކަތް ކުރަން އެނގިގެން،"
އަދިވެސް މިއަދުވެސް ބޮޑު ކަމެއް ދިމާވެގެން ހައްލު ނުވެގެން އުޅޭ ކޮންމެ ހިނދެއްގައިވެސް ސިކުނޑީގައި ގުގުމާލާ އަޑަކީ އަޅުގަނޑުގެ ލޮބުވެތި ނާޒިރު، އަލްމަރުހޫމު އަލީ ލުތުފީގެ މި އިރުޝާދެވެ.
"ތިއިން ކޮންމެ ދަރިވަރަކީ މި ނާޒިރުގެ ނުއުފަންނަ ދަރިއެއް. ފަހަރެއްގައިވެސް މި ވާހަކަތައް މި ކިޔައިދެނީ ސަބަބެއް ނެތިއެއް ނޫން. ކޮންމެ ދަރިއަކު ކުރާ ކަމަކީ އަނެއް ދަރިއަކަށް އިބުރަތެއް. އިސްލާމްދީނާއި ގާނޫނު ހުއްދަނުކުރާ އެއްވެސް ކަމަކަށް އަރައިގަނެވުނިއްޔާ، އެކަމަކުން ތައުބާ ނުވާހާ ހިނދަކު ދެ ދުނިޔޭގެ ބާއްޖަވެރިކަމެއް ނެތް،"
އަމިއްލަ އާއިލާގެ ތެރެއިންވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ރަނގަޅު ރީތި އުފާވެރިކަމެއް ވިޔަސް، އިންސްޓަންޓް އެސެމްބްލީއަކަށް ގޮވައި އެ ވާހަކައެއް ހިއްސާ ކުރާ ފަދައިން ދެރަ ހުތުރު ނިކަމެތި ހިތާމައެއް ވިޔަސް ހިއްސާ ކުރެއްވުމަކީ އެ މަރުހޫމުގެ އުސޫލުތަކުގެ ތެރެއިން އެއްކަމެވެ. ރޭގަނޑުގެ އިޝާ ނަމާދަށްފަހު ކައިގެން ރަށުތެރޭގައި ހިންގަވައި ބައެއް ގޭގެއަށް ޒިޔާރަތްކުރައްވަވައި، ދަރިވަރުންގެ ހާލު ބެއްލެވުމަކީ ނާޒިރު ކުރެއްވި ތަފާތު އެތައް ކަންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަމެކެވެ. އެއްވެސް ކުއްޖަކަށް ދުންފަތުގެ އިސްތިއުމާލު ކުރަން ނުކެރެނީ އެއްވެސް ގޮތަކުން އެކަން ނާޒިރަށް އެނގިލައްވައިފިއްޔާ ސަސްޕެންޑުވާނެކަމުގެ ބިރު އޮތުމުންނެވެ. ހަމައެހެންމެ ރޭގަނޑު ނުވައެއްގެ ފަހުން ގެއިން ބޭރުގައި އުޅުމާއި ދަންވަންދެން ހޭލާ ތިބުމަކީވެސް ސުކޫލުގެ ޓާމް ރިޕޯޓު ފޯމުގެ 'ސުލޫކު' ބައިން މާކުސް މަދުވާކަމެއް ކަމުން އިޝާ ނަމާދަށްފަހު ކައިގެން ފިލާވަޅުތައް ނިންމުމަށްފަހު އަވަަހަށް ނިދުމަށް ދަރިވަރުން ސަމާލުވެއެވެ.
ރާއްޖެއާއި ރައްޖެއިން ބޭރުގައިވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އެކި ދިމާތަކުގައި ތަފާތު އެކި ދާއިރާތަކުން ޝަރަފުވެރި، ފަހުރުވެރި ދިވެހި ދަރިން އުޅޭ އިރު، އޭގެ ތެރެއިން ގިނަ ދަރިންނަކީ ނޫރާނީ ސުކޫލުގެ މުސްކުޅި ދަރިވަރުންކަމަށްވުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ތާރީހު ދުށް، ވަރަށްވެސް ތަފާތު މި ސުކޫލާއި މި ސުކޫލުގެ ބާނީ އަދި ހުރިހާ ގަވާއިދުތަކާއި ހުރިހާ އާދަތައް އުފެއްދި ހުނަރުވެރިޔާ މަރުހޫމު އަލީ ލުތުފީއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ހިންގުންތެރިއެކެވެ. އެއްފަހަރާ އެތައް ކަމެއް ހިންގަމުން، ބަލަހައްޓަމުން އަދި ހުދު އަމިއްލައަށް އަމަލީގޮތުން ބައިވެރިވަމުން ދިއުމަކީ އާދައިގެ، ހަމަކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ގައިމެވެ.
މިހާރުގެ ސުކޫލުތަކުގެ ކަރިކިއުލަމާއި ސިލަބަހަށް ބަލައިލުމުން މީގެ އެތައް އަހަރެއް ކުރިން ނޫރާނީ ސުކޫލުގައި ކިޔަވައިދެވުނީ، އޭރު ލިޔުމުން ފެންނަން ނެތަސް، މިހާރުގެ ބެލެނިވެރިން އެކަންތަކަށް ދަރިން އަހުލުވެރި ކުރުވަން ބޭނުންވާ ހުރިހާ ކަމެއްހެން ހިމެނޭ، މިހާރު ފެންނަން މިއޮތް ކަރިކިއުލަމަށް ހަމަ މިފަދަ ސިލަބަހަކަށް ކަން ހާމަވެއެވެ. އަމިއްލައަށް ހުރިހާ ކަމެއްވެސް ކޮށްގެން އިލްމާ އެއްވަރަށް ހިލްމުވެސް ލިބިގެން ދިރިއުޅުމުގެ މައިދާނަށް ނުކުތުމަކީ ނޫރާނީ ސުކޫލުގެ ސިޔާސަތެވެ.
މަދަރުސަތުލްސަނިއްޔާ (މިހާރުގެ އަމީނިއްޔާ ސުކޫލު)، މަޖީދިއްޔާ ސުކޫލުގެ ފަހަތުން ރާއްޖެތެރޭގެ އެދުރުގެތަކުގެ މައްޗަށް ކޮޅަށް ނެގުނު އައްޑުއަތޮޅު ހިތަދޫ މަދުރަސާދޮށުގޭ ހުސައިންރަހާގެ އަމިއްލަ ބިމެއްގައި ހުޅުވުނު ހުސައިނިއްޔާ އަހަރުތަކަކަށްފަހު ހުއްޓި، އިތުރު ސުކޫލެއް ނެތި އަނެއްކާވެސް އެދުރުގެތަކުގައި ކިޔަވައިދެވެމުން ދަނިކޮށް، 26 ޖުލައި 1971 ގައި އައްޑޫ ސިޓީގެ، އެވާގްރީން، މަރުހޫމު އަލީ ލުތުފީގެ ގޭގެ ފެންޑާގައި ކުދިންކޮޅެއް ގޮވައިގެން ފެއްޓެވި ސުކޫލަކީ ދިވެހި ތާރީހުގައި ފަނޑުނުވާނެ ދެއްޔަކުން ފަވައިލެވުނު ފަހުރުވެރިވުން ހައްގު މަދަރުސާއެކެވެ. މިއަދު މި ސުކޫލަކީ ސަރުކާރު ސުކޫލަކަށްވެފައި ނޫރާނީގެ ބާނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ނެތެއްކަމަކު އެއީ އެތައް ބައެއްގެ ހިތުގައި ދިރިދިރި ހުރި ނަމެކެވެ.
މަދަރުސަތުއްސަނިއްޔާ އާއި މަޖީދިއްޔާ ސުކޫލާއި ހުސައިނިއްޔާއަށްފަހު ރާއްޖޭގެ ދެކުނުގައި ހުޅުުވިގެން ދިޔަ މި ސުކޫލަކީ މުޅި ރާއްޖެއަށްވެސް ސިހުމެއް ގެނުވި ސުކޫލެކެވެ. އޭރު ތައުލީމުގެ ބައްތިން އަލިކަން ލިބެމުން ދިޔައީ ހަމައެކަނި ރާއްޖޭގެ ފުރަ މާލޭގައެވެ. އެހެންނޫނީ މާލޭގެ އެކި ހިސާބުތަކުގައިވެސް އަދި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ކިޔަވައިދެވެމުން ގެންދިޔައީ އެދުރުގޭގޭގައެވެ. ދިވެހިންގެ ތެރޭގައި މާލޭގެ ރައްޔިތުން ނޫނީ ވަރަށް މަދުބަޔަކަށް ފިޔަވައި އެދުރުދައިތައާއި އެދުރުބޭބެ ނޫން އެހެން އެދުރުންތަކެއް، މުދައްރިސުންތަކެއް އުޅޭ ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. މީހުން ދެކެމުން އައި ގޮތުގައި މުދައްރިސުންނާއި ޓީޗަރުންނަކީ ހަމައެކަނި ބޮޑުންނަށް، ޝާހީ ބޭބޭފުޅުންނަށާއި މުއްސަނދިންނަށް ބުނެދޭން ތިބޭ ބަޔެކެވެ.
ދިވެހިންގެ މި ވިސްނުން ބަދަލުކޮށް، ދިވެހިންގެ ތެރެއަށް އިލްމުގެ އަލިގަދަ ދަންމަރެއް ހިއްޕަވައިގެން ވަޑައިގެންނެވި މަރުހޫމު އަލީ ލުތުފީ، އޭނާގެ ގޭގެ ފެންޑާގައި އަމިއްލަ މަސައްކަތުން ހިތްވަރުން، އަމިއްލަ ތަކެތިން ހުޅުވި ނޫރާނީ ސުކޫލު ވެގެން ދިޔައީ މުޅި ރާއްޖެއަށް އައި އިލްމީ ބަހާރަކަށެވެ. ހަމައެކަނި ރަށުގެ 'އަކުރާއިފިލި' ނޭނގޭ ނުވަތަ ލިޔަން ކިޔަން ނޭނގޭ ކުދިންނަށް ހުޅުވިގެންދިޔަ ތަނަކަށް ވުމުގެ ބަދަލުގައި ނޫރާނީ ސުކޫލު ވީ ރާއްޖޭގެ އިލްމީ އުދަރެހުގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ އެތައް ތައުލީމީ ތަރިންތަކެއް އުފެއްދި ތަނަށެވެ. މި ރާއްޖޭގެ އިލްމީ އުދަރެހުގެ ހަގީގީ އިރަކީ ނޫރާނީ ސުކޫލެވެ. އަދި އެ އުދަރެހުގެ ހަނދަކީ އެ ސުކޫލުގެ ބާނީ މަރުހޫމު އަލީ ލުތުފީއެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕީއެޗްޑީ، އެންމެ ފުރަތަމަ ޑޮކްޓަރު، ދިވެހި ޕްރޮފެސަރު ހަސަން އުގެއިލް، އެންމެ ފުރަތަމަ ޕައިލެޓް، މިހެން ގޮސް ނަން ހުސްކޮށް އެތައް ދާއިރާއަކުން މޮޅެތިމޮޅެތި ދިވެހި ދަރިންތަކެއް އުފެއްދީ ނޫރާނީ ސުކޫލުންނެވެ. ހަމައެހެންމެ މިހާރުވެސް ތާނަ، އަރަބި، ފާރިސީ އަދި އިނގިރޭސި އަތުލިޔުން ޓައިޕްކޮށްފައިވާ ލިޔުމެކޭ އެއްވަރަށް ސާފުވެފައި ރީތިކަމަށް ވަންޏާ އެއީ ކޮންމެވެސް ހިސާބަކުން ނޫރާނީ ސުކޫލާ ކޮންމެވެސް ގުޅުމެއް ހުރި މީހެއް ކަމަށް ވަރަށް ގިނަފަހަރަށް އޮންނަނީ ވެފައެވެ. އިލްމާއި ހުނަރާއި މަސައްކަތްތެރިކަމަށްވެސް ހާއްސަކަމެއް ދިން މި ސުކޫލު މިހާރުވެސް އެބަހުއްޓެވެ. އެހެންނަމަވެސް އެތަނުގެ ބާނީ، އެ ނަމުގެ އަސްލު ހަގީގީ ވެރިޔާގެ ނަމެއް ހަނދާނެއް ނުކުރެވެއެވެ. އުމުރުގެ ފަހުކޮޅުގައި ނޫރާނީ ސުކޫލު ރައްޔިތުންގެ އަމާނާތެއްގެ ގޮތަށް ދިވެހި ސަރުކާރާ ހަވާލުކޮށްލެއްވީ އިތުރަށް އެ ޒިންމާ ނުއުފުއްލެވޭނެތީއެވެ.
ނޫރާނީ ސުކޫލާއި އެ ސުކޫލުގެ ބާނީ، މަރުހޫމު އަލީ ލުތުފީއާ ބެހޭގޮތުން އޭނާގެ އަނބިކަނބަލުން ނިސްރީނު ލުތުފީ ވަނީ "ވަން"އަށް މައުލޫމާތުތަކެއް ހިއްސާކުރައްވައިފައެވެ.
"މިރަށު މީހުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިބޭބެގެ ދަރިވަރުން ތިބިއިރު ސޯޝަލް މީޑިއާގައި އަލިބޭބެއާ ބެހޭގޮތުން އެވަރަށް ބަސްބުނެ ހެދިއިރު ދެކޮޅަށް އެއްޗެކޭ ބުނެލާކަށް ނުކެރުނު. އަދި އެވަރުގެ އެދުރަކު ނިމިގެން ދިއުމުން ހަމަހިމޭންކަމުގެ ސިކުންތުކޮޅެއް ހޭދަކޮށްލާކަށް ނުކެރުނު،"
މައުލޫމާތު ހޯދަން ގުޅައިލުމުން އެންމެ ފުރަތަަމަ އެއްވެސް ވާހަކައެއް ހިއްސާކުރުމާ ދެކޮޅު ހެއްދެވި ނަމަވެސް އިރުކޮޅަކުން ވާހަކަދެއްކުމަށް އެއްބަސްވެލެއްވުމަށްފަހު ވަރަށް ތަފުސީލުކޮށް ކިޔައިދެއްވިއެވެ. ހުދު އެކަމަނާއަކީވެސް މުދައްރިސެކެވެ. އޮފީހުގެ ލިޔެކިޔުންތައް ބެލެހެއްޓެވި ސެކްރެޓަރީއެކެވެ. ކުޑަ އަބުއި ގޮތެއް މިޒާޖުގައި ހުންނެވި ނަމަވެސް އެއީ އެކުވެރި ހިތްހެޔޮ ބޭކަނބަލެކެެވެ.
މަރުހޫމު އަލީ ލުތުފީ، އޭނާގެ ގޭގެ ފެންޑާގައި ހުޅުއްވެވި އާދައިގެ ސުކޫލު، 1980ގެ އަހަރުތަކުގައި އަމިއްލަ ލެއިން އަމިއްލަ މުވައްޒަފުންތަކެއް އުފެއްދުމުގައި ހިތްވަރާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮނިވެފައި ފުރިހަމައެވެ. އެ އަހަރުތަކުގައި އަދަދެއް ނެތްހާ ދަރިވަރުން މި ސުކޫލުން ކިޔަވައިގެން އިތުރަށް މަތީ ތައުލީމު ހާސިލުކުރުމަށް ފުރައިގެން އެކި ދިމަދިމާއަށް ދަތުރު ފަށައިފިއެވެ. އަމިއްލަ ރަށާއި އަމިއްލަ ފަސްގަނޑަށް ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ސުކޫލުން ކިޔަވައި ނިމިގެން މި ސުކޫލުގެ މުދައްރިސުންގެ ގޮތުގައި މަސައްކަތް ފެށި ދަރިވަރުންތަކެއްވެސް ތިއްބެވެ. ވަރަށްވެސް ކުޑަކުޑަ އާމްދަނީއަކަށް މަސައްކަތް ކުރަމުން ދިޔަ މި ލޮބުވެތި ކުދިންނަކީ އެމީހުންގެ ނާޒިރުގެ ހާލަތު ކިތަންމެހާވެސް ރަނގަޅަށް އިހުސާސްކުރި ބައެއްކަން ގައިމެވެ.
ސުކޫލުގެ ބާނީގެ އަނބިކަނބަލުން ނިސްރީނު ލުތުފީއާއި މަރުހޫމު އަލީ ލުތުފީވެސް މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ސުކޫލުގެ ނާޒިރުގެ މަގާމާއި އިނގިރޭސި، ސައިންސް، ހިސާބު އަދި ސޯޝަލް ސްޓަޑީޒްވެސް އަލީ ލުތުފީ ކިޔަވައިދެއްވިއެވެ. އޭގެ އިތުރުން އޮފީހުގެ ހާއްސަ ސެކްރެޓަރީއަކީ އަފީފާ އެވެ. މިއީ 'ލިޔުން' މި މާއްދާގެ ޓީޗަރުވެސްމެއެވެ. އަނެއް ހާއްސަ ހިދުމަތްތަކެއް ކުރެއްވި، އިސްލާމް މާއްދާ އާއި ގުރުއާން މާއްދާގެ އުސްތާޒު، އައްޝައިހު އަލްމަރުހޫމު ހަސަން ހަލީމު (ސުކޫލުގެ ސުޕަވައިޒަރު)، ފާތުމަތު ރަޝީދާ، މަރިޔަމް ސާދާއަކީ ދިވެހި ބަހާއި އަދަބިއްޔާތު އަދި ދިވެހި ތާރީހުގެ މުދައްރިސުންނެވެ.
ދިވެހިބަސް މި ސުކޫލުގައި ކިޔަވައިދެވުނީ ބިޒިނަސް ސްޓަޑީޒް އާއި އާޓްސް ގޮތަށް ސްޓްރީމެއްހެން ފަސްބަޔަކަށް ބަހާލައިގެންނެވެ. ދިވެހި ބަހުގެ ގަވާއިދު، އަދަބިއްޔާތު، ތާރީހާއި ސަގާފަތް، ލިޔުންތެރިކަން އަދި އިމްލާ، މި ފަސްބަޔަށް ތަފާތު ފަސް ފޮތާއި ފަސްގަޑި އޮންނަ އިރު، ލިޔުމާއި ގުރުއާނަކީވެސް ފާސްވާން ޖެހޭ މާއްދާތަކެކެވެ. ބަރާބަރަށް ފާސްވާން ޖެހޭ އެއް މާއްދާއިންވެސް ފެއިލިވެއްޖެނަމަ ރިޕީޓުވެއެވެ. އަދި ނަމާދުގެ ނިޔަތުން ފެށިގެން ނަމާދުގައި ކިޔާ ތަކެއްޗާއި ނަމާދުކުރާނެ ގޮތާއި އިސްލާމްދީނުގެ ފަސްރުކުނުގެ މައުލޫމާތަކީވެސް އެއް ކުލާހުން އަނެއް ކުލާހަށް ފާސްވުމަށްޓަކައި ދަސްކޮށް، ނުބަލައި ކިޔައިދޭން ޖެހޭ ފިލާވަޅުތަކެވެ. ޖެހިޖެހިގެން ތިންފަހަރު ރިޕީޓުވިޔަސް ސަރުކާރުގެ ސުކޫލުތަކުން ވަކިކޮށްލާ ގޮތަށް މި ސުކޫލަކުން ވަކިކޮށެއް ނުލައެވެ. ދެންވެސް ފުރުސަތު ދެއެވެ. މިހެން ގޮސް އެ ސުކޫލުގެ ތަފާތު ކަންތައްތަކުގެ ވާހަކަ ހުސްވުމެއް ނެތްހާ ގިނައެވެ.
ސުކޫލުގެ ގުރޭޑު އެކަކުން ފެށިގެން ގުރޭޑު ހަތަކާ ހަމަޔަށް ވެސް ތިން ޓާމަކު ތިން ޓެސްޓު ނެގޭ އިރު، ހުރިހާ ޕޭޕަރަކީ ސުކޫލުން މުދައްރިސުންނާއި އަލީ ލުތުފީ އެކުވެގެން ތައްޔާރުކުރާ ޕޭޕަރުތަކެވެ. ސުކޫލުގެ ރިޕޯޓު ފޯމާއި ޕޭރެންޓު ޓީޗަރު ފޮތް ނުވަތަ ކޮމިއުނިކޭޝަން ފޮތްވެސް ތައްޔާރު ކުރެވެނީ ހަމަ އަލީ ލުތުފީގެ ބެލެހެއްޓެވުމުގެ ދަށުންނެވެ. ދަރިވަރުން އިޖުތިމާއީ ހޭލުންތެރި ބަޔަކަށް ހެދުމަށް ހާއްސަ ތަންތަނަށް ގެންގޮސް، ރިޕޯޓު ލިޔުއްވުމާއި މިއުޒިކު ކުލާސްތަކެއް ހިންގައި އެކަމަށް ހާއްސަ ޓީޗަރެއް ގެނެވުނެވެ. ސުކޫލު ފަންޑަށް ލާރި ހޯދުމުގެ ގޮތުން ދިދަ ދުވަހެއް ކޮންމެ އަހަރަކު ދިދަ ވިއްކުމަށް ހުޅުވެއެވެ. ކޮންމެ އަހަރަކު ބާއްވަމުން ދިޔަ އަހަރީ ދުވަސް ފާހަގަކުރުމާއެކު ބޭއްވޭ އިނާމު ދިނުމުގެ ޖަލްސާގެ ފަހަތުން ފެށޭ ސްޓޭޖު ޝޯ އަކީ ވަރަށް ކުރިންވެސް ކުރަމުން އައި ކަމެކެވެ. އެ ޝޯ އިން ޓިކެޓު ނަގައިގެން ކުދިންގެ ހުނަރު ބަލާހިތުން ވަންނަ މީހުންގެ އަދަދު ގިނަކަމުން ތިން ރެއަށްފަހު އަނެއްކާވެސް އިތުރު ޝޯތައް ބޭއްވެއެވެ.
ސުކޫލުގެ ޔުނީފޯމާއި ބެޖާއި ބޮލުގައި އައްސާ ބޭންޑުވެސް ތަފާތެވެ. ފިރިހެންކުދިންގެ ޔުނީފޯމުގައި ގުރޭޑު ހަތަރަކުން ފެށިގެން ސޯޓު ފަޓުލޫނު ލާން ޖެހޭނެއެވެ. އަންހެން ކުދިންގެ ޔުނީފޯމުގެ ބައެއް ކަމަށްވާ ބޮލުގައި އައްސާފައި ހުންނަ ބޭންޑެއް ގޮތަށް ވާތުލޮލާއި ދިމާލުން ތިރިއަށް އެއްކަން ވެއްޓިފައި އޮންނަ ގޮތަށް ޓައީއެއް ޖަހާފައި ހުރުމާއި ޓައީވެސް ތިނެސްކަނަށް ހުރުމާއި އިސްޓާކީނު ވަކި ހިސާބަކަށް ބެހެއްޓުން، ކަކުލަށްވުރެ ތިރިއަށް ދެ އިންޗި ދިގުކޮށް ހުރުން ފަދަ އަދި ބުރުގާ ޔުނިފޯމް އޭރު ހުންނަނީ ދިގުކޮށެވެ.
ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކަކީ ނޫރާނީ ސުކޫލުގެ ރަންޒަމާނެވެ. ޔޫކޭޖީން ފެށިގެން ގުރޭޑު ހަތަކާ ހަމައަށް ނޫރާނީ ސުކޫލުގެ ނަމުގެ ދަށުން ތިން ތަނެއް ހިންގަން ފެށުނެވެ. އާއިލީ ފަރާތެއް ކަމަށްވާ 'މަދަރުސާދޮށުގެ' ބޭފުޅެއްގެ ފަރާތުން ދެއްވި ހުސެއިނިއްޔާ ބިމަކީ ޔޫކޭޖީން ފަށައިގެން ފަހުން އެލްކޭޖީއަށްވެސް ކިޔަވައިދެވުނު ޕްރީސުކޫލެވެ. ނޫރާނީ ސުކޫލުގެ ރަސްމީ އިދާރާއާއި އޮފީސް ހުންނަ އެވާގްރީން އަކީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަތަރަކާ ހަމައަށް ކިޔަވައިދޭ ތަނެވެ. އަލީ ލުތުފީގެ ނަމުގައި އަތިރިމަތީގައި ހުރި ބިމެއް ތައްޔާރު ކުރެވުނީ ގްރޭޑް ފަހަކުން މަތީގެ ކުލާސްތަކާއި އެހެނިހެން ހާއްސަ ކުލާސްތަކާއި ބައެއް ކަހަލަ ހަރަކާތްތަކަށް ހުޅުވައިލެވުނު އަތިރީ ސުކޫލަކަށެެވެ. އޭރު ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކާ ހަމައަށް ތިއްބެވި ބޭބޭފުޅުން އާވެ، ޅަޒުވާން ޓީމެއް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
1996ގައި ޕުރިފެކްޓު ބޯޑާއި ގަވާއިދުތައް އިއުލާން ކުރުމުގެ ކުރިން ސުކޫލުގައި އޮންނަ އަނެއް ހާއްސަ ކަމަކީ ޔުނީފޯމުގައި ޖަހާފައި ހުންނަ ބެޖުގެ ވަށައިގެން މާގަނޑެއް އެޅުމާއެކު އެ ބެޖު ބަދަލުވެގެންދާ މޮނީޓަރު ބެޖެވެ. މޮނީޓަރަކީ 1996އާ ހަމައަށް ޕުރިފެކްޓަރުގެ ގަދަރު ދެވިފައި އޮތް މަގާމެކެވެ. ހަމަ މި އަހަރުގައި ސުކޫލުގެ ހަޔަކުން ހަތެއްގެ އިތުރުން އަލަށް މިއަހަރު ތައާރަފުވި ގުރޭޑު އަށެއްގެ ދަރިވަރުންނަށް ހެނދުނުގެ ހަޔަކުން ހަވީރުގެ ހަޔަކާ ހަމައަށް ކޮލެޖު އުސޫލުން ކިޔަވައިދެވެން ފެށުނެވެ. މިއަހަރަކީ ވިދާލި ބޮޑު އަހަރެކެވެ. ސުކޫލުގައި ލައިބްރަރީއެއް ހުޅުވުމާއި ސްކައުޓު، ގާލްގައިޑު، ކެޑޭޓު ހަރަކާތްތައް ފެށުމާއި ޕުރިފެކްޓު ބޯޑާއި މިޔުޒިކު ކުލާހަކާއި ގައުމީ ކުއްލި ވާހަކަ ދެއްކުމުގެ މުބާރާތުގައި ވާދަކުރިއެވެ. ކޮންމެއަކަސް އެ އަހަރަކީ އެތައް ބައިވަރު ގޮތަކުން ނޫރާނީ ސުކޫލުގެ ބޮޑު ހާއްސަ އަހަރެކެވެ.
ދަރިވަރުން މުޖުތަމައުގެ ތެރެއަށް ނުކުމެ ދިރިއުޅުމުގެ މައިދާނުގައި ހަރުދަނާ ކުރުމަށް މަރުހޫމު އަލީ ލުތުފީ ކުރެއްވި ހިދުމަތްތަކުގެ ވާހަކަދައްކައި ހުސްވުމެއް ނެތެވެ.
"ސަރުކާރުން ބޭނުންވީ ސުކޫލު ހުއްޓުވާލަން. އޭރު ސުކޫލު ފެށިގެން އައިއިރު މުޅި އަތޮޅުގަވެސް، ދެކުނުގައި އަދި މުޅި ދިވެހިރާއްޖޭގައިވެސް ރަސްމީ ސިފައެއްގައި ޔުނީފޯމެއްގައި ކިޔަވައިދެވެމުން އައި ހަމައެކަނި ތަނަކީ ނޫރާނީ ސުކޫލު. އެެހެންވީމަ އަލިބޭބެއަށް މުޅި ރަށާއި އަތޮޅާއި، އަނެއްހެން ބުނާނަމަ މުޅި ރާއްޖޭގަވެސް ވަރަށް ތަރުހީބު އޮތް. އޭރު އެގޮތަށް މުޖުތަމައު ތެރޭގައި މީހުންގެ ގަދަރު ލިބިފައި ތިއްބަވާ ބައެއްނަމަ ރައްޔިތުންގެ ލޯތްބާއި ތަރުހީބު އޮންނާނެ. އެކަހަލަ ބޭފުޅުން ކޮންމެވެސް އިޖުތިމާއީ މަސައްކަތެއް ކުރައްވާނެ. ކުދިންނަށް ކިޔަވައިދިނުން، ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް މަންފާ ހޯދައިދިނުން ކަހަލަ ކަންތައް ކުރައްވާނެ. މިސާލަކަށް އަލިބޭބެ، އިދުރީސް، މޫންލައިޓުވިލާ މުހައްމަދު ސައީދު ފަދަ ރައްޔިތުންގެ ލޯތްބާއި ތަރުހީބުގެ ސަބަބުން ރައްޔިތުންގެ މައްޗަށް ބާރު ހިންގަވާ އެހެން ތިއްބެވި ބޭބޭފުޅުން ނައްތާލުން އޭރުގެ ސަރުކާރުގެ ސިޔާސަތަކީ،"
އެތައް ބައިވަރު ގޮންޖެހުންތަކާއި ދަތިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހިނދުވެސް ހިތްވަރު އެލުވައިލެއްވުމެއް ނެތި ސުކޫލާއިގެން ކުރިއަށް ދެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް ކުރެއްވިއެވެ. ސަރުކާރުގެ ސުކޫލުތައް އަތޮޅުތެރޭގައި ހުޅުވި، ބެލެނިވެރިންނަށް އެތަންތަން ރަނގަޅުވެ، ހަރަދުކުރަން ނުޖެހުމުން، ނުހަނު ކުޑަ ހަމަ އެންމެ ސަތޭކައަށްވުރެ ކުޑައެއްޗަކަށް ކިޔަވައިދެއްވަމުން އައި ސުކޫލު ކަމުނުދާން ފެއްޓިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ސުކޫލުގައި އުޅޭނީ އެންމެ މަސައްކަތު މީހެކެވެ. އެއީ ފާހާނާ ސާފުކޮށް ކުޑަކުދިން ބަލިވެ ކަމެއްވެއްޖެ ހާލަތެއްގައި ގެންގޮސް އަޅައިލަން ހުންނަ ދައްތައެކެވެ. ކުލާސްތައް ސާފުކޮށް ކުނިކަހަނީ ދަރިވަރުންނެވެ. ސަރުކާރުގެ ސުކޫލުތަކުގައި އެދުވަސްވަރު ދަރިވަރު ބޯނޭ ފެންތަށިވެސް ގެންގޮސް ދެނީ މަސައްކަތު މީހެކެވެ. އެހެންކަމުން މަޑުމަޑުން މައްސަލަތައް ދިޔައީ ބޮޑުވަމުން، ގޯސްވަމުންނެވެ.
"އަލިބޭބެގެ ސިޔާސަތަކީ ސުކޫލުން ނިމިގެން ނުކުންނަ ދަރިވަރު ދިރިއުޅުމުގެ މައިދާނުގައިވެސް ބޭނުންތެރި ބައެއްކަމުގައި ވުން. އެގޮތަށް މަސައްކަތް ކުރެއްވީވެސް. މިހާރު ސުކޫލު ފޮތުގައި އޮންނަ އެކްޓިވިޓީ، އޭރު ފޮތުގައި ނެތަސް އަމަލީ ގޮތުން އަލިބޭބެ ކިޔަވައިދެއްވި އިރު އެގެންދިޔަ ހަރަކާތްތަކަކީ،"
ނިސްރީނު ލުތުފީއެކޭ އެއްފަދައިން މިހާރުގެ ނޫރާނީ ސުކޫލުގެ ފަރާތުން 'ވަން'އަށް މައުލޫމާތުދެއްވި ކުލްސުމްވެސް ވިދާޅުވީ އެއް ވާހަކަތަކެކެވެ.
"އިލްމީ ބޮޑު ހިދުމަތެއް. އޭރު ކިޔަވަން މާލެ ދާނެ ފުރުސަތު އޮންނާނީ ވަރަށް މުއްސަނދިވީމަ. އެހެންވީމަ ހަމަ ބުނެވޭނީ ވަރަށްވެސް ބޮޑު ގައުމީ ހިދުމަތެކޭ."
މިހާރު ނޫރާނީ ސުކޫލުގެ ތާރީހާއި މާޒީއާ ބެހޭގޮތުން ޑޮކިއުމެންޓްރީއެއްގެ މަސައްކަތްކުރައްވަމުން ގެންދަވާ ނޫރާނީ ސުކޫލުގެ މިހާރުގެ ޕްރިންސިޕަލް ސުލްތާން ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް ބާއްވާ އަހަރީ ޖަލްސާ ނުވަތަ ހާއްސަ ހަފުލާތަކުގައި ސުކޫލުގެ ބާނީގެ ޒިކުރާ އާކުރުމާއި ހިމޭންކަމުގެ ސުކޫތު ގެނައުމަކީ ހަމަ ފެށުނީއްސުރެ ކުރައްވަމުން އަންނަ ކަމެކެވެ.
ތައުލީމީ ދާއިރާގައި 25 އަހަރުވުމުން 1999 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އަލްމަރުހޫމު އަލީ ލުތުފީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވި މި ހިދުމަތަކީ ދުވަހަކުވެސް ފަނޑުވުމެއް ނެތް ދިގުދެމިގެންދާނެ ހިދުމަތެއްކަން ޔަގީނެވެ. އެހެންނަމަވެސް މަރުހޫމު އަލީ ލުތުފީ ކުރެއްވި އެންމެ ބޮޑު އުއްމީދަކީ އެ ސުކޫލު ކުރިއަރުވާނެ އަމިއްލަ ފަރާތްތަކެއް އުފެދުން ނަމަވެސް، އަމިއްލަ އާއިލާއިން ފެށިގެންވެސް އަދި އެހެން ހިސާބަކުންވެސް އެކަން ކުރާނެ އެއްވެސް މީހަކު ނުވަތަ ބަޔަކު ނެތުމުން އެ އުއްމީދުތައް ކަފުނާއެކު ވަޅުލެވިގެން ދިޔައީއެވެ. އެހެންނަމަވެސް އެތައް އަހަރެއް ވަންދެން ހިތްވަރާއި ހިންމަތާއި މިންނަތުން ހިންގަމުން ދިޔަ ސުކޫލު ރައްޔިތުންގެ އަމާނާތެއް ގޮތަށް ސަރުކާރާ ހަވާލުކުރެއްވުމަށް ހަނދާން ނައްތައެއް ނުލައްވައެވެ. އެގޮތުން 10 ޖޫން 2006 ގައި ސަރުކާރާ ރަސްމީކޮށް ނޫރާނީ ސުކޫލުގެ ނަމާއި ހުރިހާ ހައްގަކާއެކު ހަވާލުކުރެވުނެވެ.
"ރައްޔިތުންގެ މުދާ ބަލަހައްޓާނީ ރައްޔިތުން. އަމާނާތެއްގެ ގޮތުއިގަ ސަރުކާރާ ހަވާލުކުރެއްވީ އެގޮތަށް ބުނެފައި،" ސަރުކާރާ ސުކޫލު ހަވާލުކުރެއްވުމާ ބެހޭގޮތުން ނިސްރީނު ލުތުފީ ވިދާޅުވިއެވެ.
ހިޖުރައިން 1405 ވަނަ އަހަރުގެ ރަޖަބު މަހުން 1، މީލާދީ ގޮތުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވީ ދުވަހަކީ ދިވެހިރާއްޖޭގެ އިލްމީ އުދަރެހުގައި ވިދާލި ފަނޑުވުމެއް ނެތް ނޫރާނީ ނާޒިރު، އަލީ ލުތުފީ މި ފަނާވަނިވި ދުނިޔެއަށް ދެމިގެންދާ ސަދަގާތެއްގެ ގޮތުގައި ނޫރާނީ ސުކޫލު ދޫކުރެއްވުމަށްފަހު އަބަދުގެ އަބަދަށް މިދުނިޔެ ދޫކޮށް ދާއިމީ ބަރުޒަހަށް ދަތުރުކުރެއްވި ހިތާމަވެރި ކަރުނަވީ ދުވަހެވެ. ދުނިޔެ ދޫކުރެއްވި އިރު އަނބިކަނބަލަކާއި ފަސް ބޭފުޅުން ތިއްބެވިއެވެ. ރަށުގައި އިންނެވީ އަނބިކަނބަލުން ނިސްރީނު ލުތުފީ އާއި ހަގު ދަރިކަނބަލުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އީއެންޓީ ޑޮކްޓަރު، ޑރ. އައިޝަތު އަލީ ލުތުފީއެވެ. އެހެން ބޭބޭފުޅުން ދިރިއުޅުއްވަނީ ރަށުން ބޭރުގައެވެ.
މި ލޮބުވެތި ހިދުމަތްތެރި ނާޒިރުގެ ޒިކުރާ ތާއަބަދަށް ދެމިހުންނާނެހެން މިގައުމުގެ އިލްމީ އުދަރެހުގައި ހަނދެއްފަދައިން، އިރެއްފަދައިން ފަނޑުވުމެއްނެތި ވާނެއެވެ. މާތްﷲ މި އިލްމީ ބާނީގެ ފާފަ ފުއްސަވައި ލޯބިވާ މީހުންނާއެކު ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލައްވާށި. އާމީން!
މީހުން
މީހުން
މީހުން
މީހުން