ހދ. ކުމުންދޫއަކީ ގާތްގަނޑަކަށް 1500 އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ބޮޑުމިނުގައި 187.9 ހެކްޓަރު ހުރެއެވެ. މި ރަށުގެ ވަށައިގެން، މުރަކައިގެ ނަލަ މަންޒަރުތަކާއި ރީތި ގަސްގަހާގެހީގެ އިތުރުން ދޮންވެލީގެ ހިތްގައިމު ގޮނޑުދޮށްތަކާއި ރީތި ފަޅުތައް ވެއެވެ.
ރަށުގެ ހިތްގައިމު މުޖުތަމައުގެ ތައުލީމީ ހަރަކާތްތަކާއި އިގުތިސޯދީ ހަރަކާތަތަކަކީ ރަށު ރައްޔިތުންގެ އަސްލު ދިރުމެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްރަށްވެހިންނަށް ރަށު ކައުންސިލުންދޭ އަހައްމިއްޔަތުކަމެވެ. އެގޮތުން ކުމުންދޫ ސޯމާ/ އާދަމް އިސްމާއިލް (އާދަމްބެ) އަށް 100 އަހަރުފުރުން މިދިޔަ ހަފުތާގެ ބުދަދުވަހު އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
"ވަން" އާ ވާހަކަދައްކަމުން އާދަމްބެ ބުނީ އެއީ ބޮޑު ސަޕްރައިސެއް ކަމަށެވެ.
އިސްރަށްވެހީންގެ ބޮޑުބެރުގެ ހަރަކާތުގައި ޖުމުލަ 30 އިސްރަށްވެހިން ބައިވެރިވިއެވެ. އިސްރަށްވެހީންނާ ގުޅޭ ކުޅިވަރުގެ ހަރަކާތްތަކާއެކީ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުތައް ވެސް ކުރިޔަށްގެންދިޔައެވެ. އެ ހަރަކާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުމުންދޫ ހެލްތު ސެންޓަރު، ޖެންޑާ މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ ބައިވެރިވިއެވެ.
" ކުމުންދޫ ކައުންސިލުން އިންތިޒާމު ކުރި ހަވީރަކީ އާދަމް އިސްމާއީލަށް މި އަހަރުގެ ޖެނުއަރީ މަހު 100 އަހަރު ފުރައިފައިވާތީ އެކަން ފާހަގަކުރުމަށް ބޭއްވި ހަވީރެއް. އެއީ އެބޭފުޅުންގެ އަގުވަޒަންކުރުމާއި އެބޭފުޅުންނާ އެކު ވަގުތު ހޭދަކޮށް އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލު ހޯދުމަށް ކުރިޔަށް ގެންދިޔަ ހަވީރެއް." ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު "ވަން" އަށް ދެއްވި ފޯން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ކައުންސިލުގެ ރައީސް ވެސް އާދަމްބެ ސިފަކުރަނީ ސިއްހަތު ރަނގަޅު އެންމެންނާވެސް ގުޅޭ މީހެއްގެ ގޮތުގައެވެ.
މިހާރު އެ ރަށުގައި 80 އަހަރުން މަތީގެ ދެ ރަށްވެއްސެއްގެ އިތުރުން 90 އަހަރުން މަތީގެ އެއް ރައްޔިތަކު އުޅޭ ކަމަށް ރަށު ކައުންސިލުގެ ރައީސް "ވަން"އަށް ދެއްވި ފޯނު އިންޓަވިއުގައި ވިދާޅުވިއެވެ.
އާދަމްބެ "ވަން" އަށް ދިން ފޯނު އިންޓަވިއުގައި ބުނީ، ޒުވާން އުމުރުގެ ގިނަ ދުވަސްތައް ހޭދަކުރީ ކަނޑުމަތީގައި ކަމަށެވެވެ. އުމުރުން 13 އަހަރުން ފެށިގެން ބޯޓުފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައެވެ. ގިނައިން ކައި އުޅުނީ ގެރިމަހާއި ކުކުޅެވެ.
"ފްރާންސް، ލަންޑަން، ޔޫރަޕް، ޖަރުމަން، ރަޝިޔާ، ޗައިނާ، ޖަޕާން، ސިންގަޕޫރު، ސައުތު އެފްރިކާ، މިތަންތަނަށް އެންމެ ފަހަރަކު ނޫން ދެތިން ފަހަރަކު ދެވުނު." އުމުރުގެ ދެބައިކުޅަ އެއްބައި އެކަމުގަ ހޭދަވީ." ހަޔާތުގެ އެންމެ މުހިންމުބައި ކަމުގައިވާ، ދަތުރުފަތުރުގެ ތަޖުރިބާއާއި ގުޅޭ ގޮތުން އާދަމްބެ ބުންޏެވެ.
އޭގެ ފަހުން ހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކައްކާއެއްގެ ވަޒީފާ އަދާކުރިއެވެ. ރިސޯތުތައް ހެދުމުގައި ކޮންޓްރެކްޓް މަސައްކަތުގައިވެސް ދުވަސްތައް ހޭދަކުރިއެވެ.
އެންމެ ދުރު ހަނދާންތަކުގެ ތެރޭގައި، ކަޅުއޮއްފުންމި ބަންނަން އުޅުނު ހަނދާނާއި މުހައްމަދު އަމީން ދައުރުގައި އެ މަނިކުފާނު އެ ރަށަށް ކުރެއްވި ޒިޔާރަތް އަޑުއަހަން ކައިރީ ކުރި ގެއެއްގެ ފުރާޅުމައްޗަށް އަރައި އޮތް ހަނދާން އާދަންބެ ފޯނުން ކިޔައިދިނީ ސަކަ ހީލުމަކާ އެކީގައެވެ. އަމީން ސިފަކޮށްދެމުން އާދަމްބެ ބުނީ އެއީ ހިކިކޮށް، ކުޑަކޮށް، ދޮންކޮށް ހުންނަ މީހެއްކަމަށެވެ.
"ޒޯން މުބާރާތެއް ބާއްވައިގެން. ކުޑަކަމުން މީހުން އުޅޭ ހިސާބަކަށް ނުކުންނާކަށް ނުކެރުނު. ގެއެއްގެ ފުޅަށްމަތީ ފުރާޅުމައްޗަށް އަރައި ބަލަހައްޓައިގެން އޮތީ." އާދަންބެ ބުންޏެވެ.
އާދަންބެގެ އުމުރުން މިހާރު 100 އަހަރު ފުރިފައިވާއިރު ތިން ފިރިހެން ދަރީންނާއި ހަތަރު އަންހެން ދަރީން އަދި ހަތް ކާފަދަރިން އެބަތިއްބެވެ. އެއް ކުއްޖަކީ ކުމުންދޫ ސްކޫލު ޕްރިންސިޕަލެވެ. ދެވަނަ ކުއްޖަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ކުއްޖެކެވެ. އަދި ތިންވަނަ ފިރިހެން ކުއްޖާ މަސައްކަތް ކުރަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައެވެ.
އާދަންބެގެ ފިރިހެން ދަރިފުޅު، ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އާދަމް "ވަން" އަށް ދިން ފޯނު އިންޓަވިއުއެއްގައި ވިދާޅުވީ ބައްޕަ ފާހަގަވަނީ ވަރަށްވެސް މަސައްކަތްތެރި، ހީވާގި، ދަރީންދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ގޮތުއި ކަމަށެވެ.
އަންހެން ދަރީންގެ ތެރެއިން ތިން ކުދީންނަކީ ބައްޕަގެ މުރާލި މިޒާޖުން ތަރުބިއްޔަތު ވެފައި ތިބި، ގޭތެރޭގެ މަސައްކަތްތާއި އެމީހުންގެ ދަރީންގެ ޒިންމާތައް ފުރިހަމަޔަށް ނަގާ، މުރާލި މީހުންނެވެ.
އުމުރުން 100 ފުރިފައިވީނަމަވެސް، ބައްޕަ މިހާރުވެސް ހަވީރު ފިންޏަށް ރަހުމަތްތެރީން ކައިރިއަށް ޖޯލިފައްޗަށް ޒިޔާރަތްކުރާ ކަމަށް އާދަމް މުހައްމަދު ބުންޏެވެ. އާދަމް މުހައްމަދު ދެކޭ ގޮތުގައި، ބައްޕަގެ އުފާވެރިކަމާއި ދުޅަހެޔޮ ކަމުގެ އަސްލު ސަބަބަކީ ރަށުގެ ހިތްގައިމު މާހައުލެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް