ރައްޔިތުން ހޮވި މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރުވެސް ރައްޔިތުމީހާއަށް ދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގައި ސޮއިކުުރަން ފަށާފައިވާ އީ ޕެޓީޝަނަށް، 1242 މީހުންގެ ސޮއި ހަމަވެއްޖެއެވެ.
އަމިއްލަ ފަރާތެއް ކަމަށްވާ، ހ.ޕްލިޒެންޓްވިލާ މުހައްމަދު ޖަލާލު ނަސީމުގެ މި ޕެޓިޝަންގައި ބުނެފައިވަނީ، ފުރިހަމަ ދިމުކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން ރައްޔިތުން ތަމްސީލު ކުރާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ގުޅިފައި ކަމަށާއި، 2024 ވަނަ އަހަރު ތަސްދީގުކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ކުލަ (ޕާޓީ) ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ފަދަ ރަނގަޅު ކަންތައްތަކެއް ހުރި ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ މެންބަރު ހޮވި ރައްޔިތުންނަށް އެ ބާރު ނުލިބޭގޮތަށް، މެންބަރު ނިސްބަތްވާ ޕާޓީން އެ މެންބަރު ވަކި ކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށްވެސް ބުނެފައިވެއެވެ.
ޕެޓިޝަންގައިވާގޮތުން މެންބަރު ގޮނޑިއާ ދުރަށް ލުމުގެ ބާރު އޮންނަން އެންމެ އައުލާކަން ބޮޑީ އެ ގޮނޑީގައި މެންބަރު ބޭންދި ރައްޔިތުމީހާ އަތުގައެވެ.
ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިސްރާބު ކަމަށާއި، އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނަ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީ ނޫން ކަމަށާއި، ތަމްސީލު ކުރަނީ ދާއިރާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ތަމްސީލު ކުރަނީ އޭނައަށް ވޯޓު ލީ މީހުންނާއި ނުލާ މީހުންނާއި، އޭނާގެ ފިކުރަށް ނިސްބަތްވާ މީހުންނާއި، ނިސްބަތް ނުވާ މީހުންނާއި، އެކި ޕާޓީތަކުގެ މެންބަރުންނާއި އެއްވެސް ޕާޓީއަަކަށް ނިސްބަތް ނުވާ މީހުން ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހަށް މެންބަރު ހޮވޭއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެންބަރު ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންގެ އަތުގައި އޮތުން ކަމަށްވެސް ޕެޓިޝަންގައި ވެއެވެ.
ޕެޓީޝަންގައި ބުނެފައިވަނީ، ރައްޔިތުން ހޮވި މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރުވެސް ރައްޔިތުމީހާއަށް ދިނުމަށްޓަކައި، މެންބަރުން ހޮވޭ ގޮތާއި އެ މެންބަރުން ވަކިކުރެވޭ ގޮތް ހިމެނޭ ގާނޫނުތައް އިސްލާހުކޮށްދޭން ޖެހޭ ކަމަށެވެ.
އެ ގާނޫނުތައް އިސްލާހު ކޮށްދޭން ޖެހޭނީ، މެންބަރު ނިސްބަތްވާ ދާއިރާގެ (ކަނޑައެޅޭ އިންސައްތައެއްގެ) ވޯޓުލެވޭ ރައްޔިތުންގެ ލިޔުމަކުން އެ މެންބަރު ވަކިކުރުމަށް ("ރިކޯލް") ވޯޓަކަށް އެދެފިނަމަ ރިކޯލް ވޯޓެއް ބޭއްވުމަށް މަގުފަހިވާގޮތަށް ކަމަށާއި، ހަރަދު ކުޑަކުރުމުގެ ގޮތުން ހުސްވާ ގޮނޑިއަށް އާ މެންބަރަކު ހޮވަން ވަކި އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި، މެންބަރު ވަކި ކުރާނެތޯ ނޫންތޯ ނިންމުމާއި އެކު ވަކި ކުރާނަމަ އެހެން ކެންޑިޑޭޓުންނަށް، ވޯޓުލައި މެންބަރަކު ހޮވޭގޮތަށް މަގުފަހިވާގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
އޮންލައިންކޮށް އާއްމުންނަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) އެއް މިދިޔަ ފެބްރުއަރީ މަހު ތައާރަފުކުރި ފަހުން، މުޅި މަޖިލީހުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އީ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
އެ ދުވަހުގެ ޖަލްސާގައި ދެ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރިއެވެ.
އެއް ޕަޓިޝަނަކީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ.
އަނެއް ޕެޓީޝަނަކީ އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓިޝަނެކެވެ.
މަޖިލީހަށް ހުށަހަޅާ އީ ޕެޓީޝަނަށް މަޖިލިސް ތަޅުމުގައި ބަހުސްކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަވުމުން އެ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސްކުރަން ޖެހޭކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނާނީ، ޕެޓިޝަން ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުގައެވެ. އަދި އެ ޕެޓިޝަނަށް ބަހުސް ކުރަންޖެހޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް