ބަދުރުއްނަސީރުގެ އަޑުނާހާ ދިވެއްސަކު މިހާރުގެ ދޮށީ އުމުރުގެ މީހުންގެ ތެރޭގައި ވަރަށް މަދުވާނެއެވެ. އޭނާގެ ނަން އަޑުނީވޭ މީހަކުވެސް މަދުވާނެއެވެ. އެހައިވެސް ބޮޑަށް އޭނާ މަޝްހޫރެވެ. އެއީ އެންމެންގެ އެކުވެެރި ބަދުރެވެ. ގިނަބަޔަކަށް ބަދުރު ދަސްވެ އެނގިފައި އޮންނަނީ ރޭޑިއޯގެ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ބަދުރުގެ ނަމާއި ރޭޑިއޯ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ.
ބަދުރަކީ ލިޔުންތެރިއެއް ކަމާއި އޭނާގެ ޝައުގުގެ އެއްބައި ގުޅިފައިއޮތީ ލިޔުންތެރިކަމާއި ޝާއިއުކުރުމާކަން މިޒަމާނުގެ މާގިނަބަޔަކަށް ނޭނގެއެވެ. ދިވެހިރާއްޖޭގައި 1970 ގެ އަހަރުތަކުގެ ތެރޭގައި މަގުބޫލުވެގެންދިޔަ މަޖައްލާއެއް ކަމަށްވާ "އާބާރު" ނެރުމުގައި ބަދުރަކީ ތަނބެކެވެ. އެއީ އެ މަޖައްލާގެ އެއް މުއައްސިސެވެ. "އާބާރު" މިނަމަކީ އެންދެރިމާގޭ އައްބާސް އިބްރާހިމް، ތިނބުރޯޒުގޭ ބަދުރުއްނަސީރު، މަންދު އަބްދު ﷲ ވަހީދު، އަދި ވައިކަރަދޫ ރަޝީދުގެ ނަމުގެ ކުރީއަކުރު ހިމަނައިގެން ކިޔާފައިވާ ނަމެކެވެ. މިއީ އެދުވަސްވަރުގެ ގާތް އެކުވެރިންނެވެ.
އާބާރަކީ އެދުވަސްވަރުގެ ދިވެހިންގެ ވިންދެވެ. ވާހަކަޔާއި ކާޓޫނާއި ހަގީގީ ހާދިސާތައް ގެނެސްދިނުމުގައި ދެވަނައެއް ނެތެވެ. ދިވެހި ނޫސްވެރިކަމަށް ކާޓޫނު ކުރެހުން ތައާރަފުކުރީވެސް އާބާރުންނެވެ. އެދުވަސްވަރަކީ ކުޑަކުޑަ ކަންކަމުގައިވެސް ޖަލަށް ވަންނަން ޖެހުމުގެ ބިރު ބޮޑު ޒަމާނެކެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައި ޒުވާންކަމުގެ ޖޯޝާއެކު ވަރަށް އާދަޔާ ޚިލާފު ކަންކަންވެސް އާބާރުގެ ހިންގުންތެރިން ކުރިއެވެ. އޭގެތެރެއިން އެއްކަމަކީ ރައީސް ނާސިރު ހިކިފިނިފެންމާގޭ ނަސީމާ މުހައްމަދު ކަލޭފާނާއި ކައިވެނި ކުރެއްވުމުން އެކަމަށް އިޝާރާތްކޮށް ޝާއިއުކުރި ކާޓޫނެވެ. އެދުވަސްވަރުގެ ހާލަތަށް ބަލާއިރު މިއީ ވަރަށްވެސް ބިރުވެރި ކަމެކެވެ. ބަދުރުގެ ލިޔުންތެރިކަން ފެންނަ އޭނާގެ އެންމެ ފުރަތަމަ ހަދިޔާއަކީ ކައުންޓް ޑްރެކިއުލާ ވާހަކައެވެ. ހަގީގަތުގައި މިއީ އަޔަލެންޑުގެ ލިޔުންތެރިއެއް ކަމަށްވާ ބްރޭމް ސްޓޯކަރ ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ. އިންސާނުންގެ ލޭބޮއި އުޅުނު ވިލާތުގެ އަމީރެއްގެ ވާހަކައެވެ.
މިވާހަކަ ދިވެހިބަހުން އެންމެ ފުރަތަމަ ގެނެސްދެއްވީ ބަދުރުއްނަސީރެވެ. މިވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ފޮތެއްގެ ސިފައިގައި ނެރުއްވިއިރު ބަދުރު ބޭނުން ކުރެެއްވި ނަމަކީ ބްރޭމް އެވެ. މިއީ ވާހަކައިގެ އަސްލު މުޒައްނިފު ބްރޭމް ސްޓޯކަރގެ ނަމާއި ގުޅޭ ގޮތަށް ބޭނުންކުރި ނަމެކެވެ. ބަދުރާއި ރަޝީދާއި އާދަމްމަނިކާއި، މައިނާ އަހުމަދު ރަޝީދުގެ ނަން ރަމްޒުވާ ގޮތަށް އުފެއްދި ނަމެކެވެ. މިވާހަކަ ޗާޕުކޮށްގެން ނެރުނުތާ ދުވަސްކޮޅެއް ފަހުން ވަރަށް ގިނަބަޔަކު އެދިގެން މިވާހަކަ ސިލްސިލާއެއްގެ ގޮތުގައި 1970 ގެ އަހަރުތަކުގެ ތެރޭގައި މޫންލައިޓް ނޫހުންވެސް ގެނެސްދީފައިވެއެވެ. މޫންލައިޓުގެ އޭރުގެ އެޑިޓަރު މިކަން ކުރެއްވީ ބަދުރުގެ އިޒުނަ ހޯއްދެވުމަށް ފަހުގައެވެ. ބަދުރު ލިޔުއްވީ ނުވަތަ ތަރުޖަމާ ކުރެއްވީ ޑްރެކިއުލާ ވާހަކަ އެކަންޏެއް ނޫނެވެ. ވެނިސް ދަތުރު އަދި ސިއޭނާ ދަތުރުގެ ނަމުގައިވެސް ދެ ވާހަކައެއް ލިޔުއްވައި އާއްމު ކުރެއްވިއެވެ. އެއީވެސް 1970 ގެ އަހަރުތަކުގެ ތެރޭގައެވެ.
މިހުރިހާ ކަމެއް ކުރައްވައި ލިޔުންތައް ލިޔުއްވިއިރުވެސް ބަދުރަކީ ރޭޑިއޯ މޯލްޑިވްސްގެ މުވައްޒެފެކެވެ. ލިޔުންތެރިކަމަކީ ބަދުރުގެ ރަސްމީ ރޭޑިއޯ ވަޒީފާޔާ ވަކިން އަމިއްލަ ޝައުގުގައި ކުރެއްވި ކަމެކެވެ. އުމުރުން މިހާރު 80 އަހަރު ވެފައިވާ ބަދުރުގެ ފުރަތަމަ ވަޒީފާޔަކީ ރޭޑިއޯގެ ވަޒީފާއެކެވެ. އޭރު ކިޔަނީ މާލޭ ރޭޑިއޯއެވެ.
މަޖީދިއްޔާއިން ތައުލީމް ހާސިލް ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުން 1967 ވަނަ އަހަރު ބަދުރު ގުޅިވަޑައިގެންނެވީ ރޭޑިއޯއާއެވެ. އެންމެ ފުރަތަމަ ވަޒީފާޔަކީ ދެނަންބަރު އޮޕަރޭޓަރު ކަމެވެ. އެވަޒީފާގައި ހިމެނެނީ ރިކޯޑުކުރެވިފައި ހުންނަ އަޑުއަޑު މިކްސް ކުރުމެވެ. ރޭޑިއޯއާމެދު ބަދުރުގެ ޝައުގު އުފެދުނީ 1962 ވަނަ އަހަރުއެވެ. ސްކޫލް ދައުރުގައެވެ. ރޭޑިޔޯއިން މާދަރީ ބަހުން ވާހަކަ ދައްކާ އަޑު އަހައިފީމޭ މީހަކު ބުނި ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ބަދުރުގެ އަޒުމަކީ ރޭޑިއޯ ޝަޚުސިއްޔަތަކަށް ވުމެވެ. އެކަން ހަގީގަތަކަށް ހެއްދެވުމަށް މައިޒާން އަހުމަދުމަނިކުގެ އެހީތެރިކަން ހޯއްދެވިއެވެ.
އެދުވަސްވަރު ރޭޑިއޯގެ ކަންތައް ކުރިޔަށް ދިޔައީ ސީދާ ރައީސް ނާސިރުގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނު އަންގަވާ ގޮތަކަށެވެ. ނާސިރުގެ ދަށުން ދެން އެންމެ ފުރަތަމަ އިސްކޮށް ހުންނެވީ ނ.ތ.ހަސަންދީދީއެވެ. ދެ ނަންބަރު އޮޕަރޭޓަރަކަށް ހުންނެވި ބަދުރަށް ޕްރޮގްރާމް އުފެއްދުމާއި އެޒާތުގެ ކަންކަމުގެ ފުރުސަތު ތަނަވަސްކޮށްދެއްވީ ރައީސް ނާސިރެވެ. ރޭޑިއޯ ޕްރޮގްރާމް އުފެއްދުމުގެ ތަމްރީނު ހޯއްދެވުމަށް ބަދުރު ސިންގަޕޫރަށް ފޮނުއްވީ ރައީސް ނާސިރެވެ. ރޭޑިއޯ ޓެލެވިޒަން ސިންގަަޕޫރު، އާރްޓީއެސްގައި ހައެއްކަމަސް ހޭދަކުރެއްވުމަށްފަހު ބަދުރު އެނބުރި ރާއްޖެ ވަޑައިގަތީ ޕްރޮގްރާމް އުފެއްދުމާއި ރޭވުމުގެ ހުނަރުތައް ދަސްކުރައްވައިގެންނެވެ. އެއަށްފަހު ޕްރޮގްރާމް އުފެއްދުމާއެކު މީހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ބަދުރު ފެއްޓެވިއެވެ. ދިވެހި ރޭޑިއޯގައި ކޮންޓެންޓް ރޭވުމާއި ޕްރޮގްރާމްތައް އުފެއްދުމާއި ރޭވުމުގެ ކަންކަމުގައި ތަމްރީނު ދިނުން ތައާރަފު ކުރެއްވި އެންމެ ފުރަތަމަ އެދުރަކީ ބަދުރެވެ.
ބަދުރުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިގައި ހިފި ޕްރޮގްރާމަކީ ބާއްޖަވެރި ހެނދުނެއް، މި ޕްރޮގްރާމެވެ. ބަދުރަކީ ދިވެހިރާއްޖޭގެ އަޑުގެ ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ކަމަށްވިޔަސް އޭނާ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ރޭޑިއޯ ޚިދުމަތުން ވަކިވެވަޑައިގެންނެވީ ރޭޑިއޯ ހިންގުމާމެދު މެނޭޖުމަންޓުގެ ތެރޭގައި އުފެދުނު ޚިލާފުތަކެއްގެ ސަބަބުންނެވެ. ބަދުރަކީ ޒިންމާ އަދާކުރެވޭނެ މާހައުލެއް ނެތިއްޔާ މަގާމުގައި ނުހުންނަވާނެ ބޭފުޅެއްކަން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ހިސާބުންވެސް ސާބިތުކޮށް ދެއްވައިފައިވެއެވެ. ރައީސް ނަޝީދުގެ ދައުރުގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމުން ބަދުރު އިސްތިއުފާ ދެއްވީ ދައުރުގައި ބާކީ ތިންއަހަރު އޮއްވައެވެ. ސަރުކާރުގެ ސިޔާސަތު އޮތްގޮތުން މަގާމުގެ ޒިންމާ އަދާކުރެވެން ނެތުމުންނެވެ. ބަދުރަކީ މަސައްކަތަށް އިޚުލާސްތެރިއެކެވެ. އާއިލީ ތަރުބިއްޔަތުގެ ތެރެއިންނެވެ. ބައްޕަޔަކީ އަހުމަދު ފާމުދޭރި ތަކުރުފާނުގެ އަލީ ނަސީރުމަނިކެވެ. މަންމަޔަކީ އަރިއަތޮޅު ދެކުނުބުރީ މަންދޫ ދޮންމަނިކެއެވެ. ބަދުރުގެ ޚިދުމަތުގެ އަގުވަޒަންކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރުގައި 2020 ވަނަ އަހަރު ނިޝާން ދިޔަމިގިލީގެ އިއްޒަތުގެ ޝަރަަފު އޭނާއަށް އަރުވާފައިވެއެވެ.
އިމާދު ލަތީފު
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް