ކުޅިވަރު

ޔޫރަޕާއި އޭޝިއާ، އަދި އެފްރިކާ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ހުރި ޖެސިކް މާޒިޔާ ކޯޗަކަށް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗަކަށް ސާބިއާގެ މަޔޮޑްރަގް ޖެސިކް ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ޖެސިކަކީ އޭޝިއާ އާއި އެފްރިކާގެ އިތުރުން ޔޫރަޕް ގައުމުތަކުގެ އެންމެ މަތީ ފަންތީގައިވެސް ކާމިޔާބީތައް ހޯދައިފައިވާ ތަޖުރިބާކާރު ކޯޗެވެ. އުމުރުން 63 އަހަރު ޖެސިކް މާޒިޔާއާ ހަވާލުވީ އެޓީމާއެކު ސީޒަން ފެށި މުހައްމަދު ޝިޔާޒް (މޯހަން)، އެ މަގާމުން މިދިޔަ ހަފުތާ ތެރޭ ވަކި ކޮށްފައިވުމުންނެވެ.

ޖެސިކަކީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ތަޖުރިބާ ބޮޑު ކޯޗެކެވެ. ސާބިއާގެ އެންމެ މަތީ ފަންތީގެ ޓީމުތައް ކަމަށްވާ ޕާޓިޒަން އާއި ތުރުކީ ލީގުގެ އަލްޓޭ އެސްކޭއަށް 1974 އިން 1989 އަކަށް ޖެސިކް ކުޅެފައިވާ އިރު، ކެރިއަރުގައި ޓޮޕް ފްލައިޓް 80 އަށްވުރެ ގިނަ ގޯލު ޖެސިކް ކާމިޔާބު ކޮށްފައިވެއެވެ. ޑިފެންޑަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވުނު ޖެސިކް ޖެހި ގޯލުތަކުގެ ތެރޭގައި ޔޫގޯސްލާވިއާ ގައުމީ ޓީމަށް ކުޅެ ޖެހި ދެ ގޯލުވެސް ހިމެނެއެވެ.

ކޯޗިން ކެރިއަރު ޖެސިކް ފެށީ 1993 ވަނަ އަހަރުއެވެ. ސާބިއާގެ ޓީމުތައް ކަމަށްވާ އެފްކޭ އޮބިލިޗާއި އޯއެފްކޭ ބެއޮގްރާޑްގެ އިތުރުން ޕާޓިޒަންއަށް ވެސް ޖެސިކް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާގެ ކޯޗުކަމުގައި ޕާޓިޒަންއިން ވަނީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން ކުޅެފައެވެ.

އޭގެ ފަހުން ޓިއުނީޝުއާގެ އެސްސީ ފަޒިއެއަށް 2001 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި ޖެސިކް ފާހަގަވެގެން ދިޔަ އިރު، ތުރުކީގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލްޓޭއަށްވެސް ޖެސިކް ވަނީ ކޯޗުކަން ކޮށްދީފައެވެ. 2002 ވަނަ އަހަރު އަނެއްކާވެސް ބަލްގޭރިއާގެ ސްލާވިއާ ސޯފިއާ އަށް ޖެސިކް ކޯޗުކަން ކޮށްދިން އިރު، އޭގެ ފަހުން އޭނާ ވަނީ އިރާންގެ ޕެގަ ގިލަންގެ ބެންޗުންވެސް ފެނިފައެވެ.

އެ މަސައްކަތަށްފަހު ޔޫރަޕަށް ގޮސް ބަލްގޭރިއާގެ ސީއެސްކޭ ސޯފިއާގެ ކޯޗުކަމާ ޖެސިކް ހަވާލުވެ އެ ކްލަބާއެކު ތާރީހީ ކާމިޔާބީއެއްވެސް ހޯދިއެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން މެޗެއްގައި 1-0 ގެ ނަތީޖާއަކުން ޔޫރަޕްގެ އެންމެ ގަދަ އެއް ބާރު ލިވަޕޫލް ބަލިކުރުމެވެ. އޭގެ އިތުރުން ޖެސިކްގެ ކޯޗު ކަމުގައި ސޯފިއާއިން ވަނީ ޔޫއެފާ ކަޕުން ލެވަކޫސަން ވެސް ކަޓުވާލައިފައެވެ.

އޭގެ ފަހުންވެސް ޖެސިކް ވަނީ ރޮމޭނިއާ އެއްވަނަ ޑިވިޝަންގެ ޓީމުތަކާއި މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ. 2009 ވަނަ އަހަރު ލީބިއާގެ އަލް އިއްތިހާދަށް ގޮސް ޖެސިކް އެ ކްލަބާއެކު ލީބިއަން ސުޕަ ކަޕްވެސް ޖެހިޖެހިގެން ދެ ފަހަރަށް ކާމިޔާބުކޮށް، ފަހުން 2015 ވަނަ އަހަރު މިޔަންމާގެ ޔަގޮން ޔުނައިޓެޑަށް ގޮސް އެގައުމުގެ ލީގުވެސް ކާމިޔާބު ކޮށްފައިވެއެވެ. ޖެސިކް އެންމެފަހުން މިދިޔަ އަހަރު ހުރީ ލީބިޔާގެ އަލް އަހްލީގައެވެ.

ޖެސިކަކީ މާޒިޔާގެ ބެންޗުން ފެންނާނެ ތިންވަނަ ބިދޭސީ ކޯޗެވެ. މިދިޔަ ދެ ސީޒަންގައިވެސް ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާއަށް މީގެ ކުރިން ކޯޗުކަން ކޮށްދިން ބިދޭސީ ކޯޗުންނަކީ މަރުޖާން ސެކުލޮސްކީ އާއި މިދިޔަ ސީޒަންގައި ޓީމާ ހަވާލުވެހުރި ރިސްޓޯ ވިޑޮކޮވިޗެވެ.