ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޕްރެކްޓިސްރޫމްތަކާ އެކު ހުނަރުވެރީންނަށް އާ ދޮރުތަކެއް ހުޅުވާލަނީ

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިޔުޒިކް ޕްރެކްޓިސްރޫމްތަކާ އެކު ހުނަރުވެރީންނަށް އާ ދޮރުތަކެއް ހުޅުވާލަން ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގައުމެއްގެ ތަސްވީރަކީ، އެ ގައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް ކަމަށެވެ.

"ތާރީހާއި، ސަގާފަތާއި، އާދަކާދަ އުވުނަނުދީ، ކުލަ ގެނުވައިދެނީ، އެމީހުންގެ ކުލަފިއްސާއި، ރާގާއި، ޅެންބަހުރުވައިން. ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާ ގާތަށްވެސް، އެމީހުން ގެނެސްދެވިފައި ނުވާކަމީ، އަޅުގަނޑުމެންގެ ފުށުގައި އޮތް ހުސްކަމެއް. އެ ހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިން،" ރައީސް ވިދާޅުވިއެވެ.

އެކަމަށްޓަކައި، ޒަމާންވީ އޮލިމްޕަސް، ޒަމާނީ ފެންވަރަށް ތަރައްގީވެ، މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު، ހުނަރުވެރިންނަށް އާ ދޮރުތަކެއް މި އަހަރު ހުޅުވާލެވޭނެ ޖަމަށާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން، ހއ. ތ. އަދި ނ. އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށްވެސް ރއީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ގައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން ކަމަށެވެ.

"އެ ހަލުވިކަން ހޯދުމަށްޓަކައި ކުޅިވަރުގައި ކުރިފަޅަންޖެހޭ. ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ. ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް. ގާއިމުކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަން ފަހިވާނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވުނު ބައިނަލްއަގުވާމީ ޕެރަ-އޮލިމްޕިކްސްގައި ރާއްޖެ ފުރަތަމަފަހަރަށް ބައިވެރިވި ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިއީ އެ މުބާރާތް ބާއްވާތާ 54 އަހަރުވީ ދިގު މުއްދަތުގައި، ދިވެހި ޕެރަ އެތުލީޓުން ރާއްޖެ ތަމްސީލުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ ޓާފް މަސައްކަތް ނިންމައި ހުޅުވިއްޖެ. ގައުމީ ފެންވަރުގެ މެޗްތައް، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުޅެވޭނެ. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެކުވެނިތައް ގާއިމުކުރުން މި އަހަރު ކުރިއަށްދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ދަށުން ފުރަމާލޭގެ ގަލޮޅު ރަސްމީ ދަނޑު ތަރައްގީ ކުރުން ހިމެނޭ ކަމަށާއި، ޓޭބަލްޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްގީ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.