މާލޭ ސަރަހައްދުގައި 5000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށާއި އިތުރު 2000 ޔުނިޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ވަނީ އޭގެ އިންތިހާއަށް ގޮސްފައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ކަމުން މާލޭ ރަށްވެހިންނަށް ހާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން 2000 ގޯތި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބޯހިވާހިކަން އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު