ށ. ފޭދޫގައި ކައުންސިލުން ތަރައްގީކުރަމުން އަންނަ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖަހައިފިއެވެ.

ފޭދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެރަށުގައި ތުއްތު ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ކައުންސިލުން ތަރައްގީކުރަމުން އަންނަ ޕްރީ ސްކޫލަށް ރޭގެ ވަގުތެއްގައި ކަޅު ތެޔޮ ޖަހައި ގެއްލުން ދީފައިވާ ކަމަށެވެ.

ޕްރީ ސްކޫލަށް ކަޅުތެޔޮ ޖެހި މައްސަލަ ކުށްވެރިކޮށް ފޭދޫ ކައުންސިލުން ބުނީ، އެފަދަ އަމަލުތަކުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ތުއްތު ކުދިންނަށް ތައުލީމުދިނުމަށް އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ލަސްވެ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވެގެންދާ ކަމަށެވެ.

ފޭދޫ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖެހީ ކޮން ބައެއްކަން ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ފޭދޫ ކައުންސިލުގެ ރައީސް، އަހުމަދު ރައިޝަމް މިއަދު "ވަން" އަށް ވިދާޅުވީ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖެހި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.