އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ޝަރީއަތް އަންނަ ހަފުތާއަށް ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ކުރިއަށްގެންދިއުން މަޑުޖެހިފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން މިއަދު ބުނީ މަހުލޫފް މައްސަލަ ފަސްކުރީ އެ މައްސަލައަކީ ގިނަ ބަޔަކު އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރާ މައްސަލައަކަށް ވެފައި އެމީހުން ކޯޓް ރޫމަށް ވައްދައި، ކޯޓް ރޫމް މެނޭޖު ކުރާ ސެކްޝަން އޮފިސަރަށް ކޮވިޑް ޖެހިފައިވާތީ ކަމަށެވެ.

ކޯޓު އޮފިސަރު ކޮވިޑުން މިހާރު ރަނގަޅުވެފައިވާ ކަމަށާއި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓާ ޑޯޒްވެސް ޖަހާފައިވާތީ މަހުލޫފުގެ ޝަރީއަތް އަލުން ބާއްވަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ވަނީ މަހުލޫފުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ ދިހަވަނަ ދުވަހުގެ މެންދުރުފަހު 1:30 އަށް ތާވަލުކޮށްފައެވެ.

މަހުލޫފުގެ މައްސަލަ ޕީޖީން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ދައުލަތުގެ ފަރާތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ. އެ ފައިސާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.