ސްރީލަންކާ މިވަގުތު އޮތީ ދުވަހަކުވެސް އިގްތިސާދީ ގޮތުން އެގައުމު ނުވެއްޓޭހާ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ހުރިހާވެސް ސަބަބަކީ ކޮވިޑުގެ އާލަމީ ވަބާއެވެ. ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގެ އެކްސްޓަރނަލް ރިޒާވް ވަނީ 1.6 ބިލިއަން ޑޮލަރަށް ތުނިވެފައެވެ. ގައުމުގެ ފޮރިން ރިޒާވް ތުނިވަމުން ހުސްވަމުންދަނީ ހައިރާންވާހާ ހަލުވި މިނެއްގައެވެ. ސަވަރިން ޑިފޯލްޓަކަށް ދާން ޖެހުމުގެ ބިރަކީ މިހާރު ހަގީގީ ބިރެކެވެ. ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ލަންކާގެ ސްޓޭޓަސް ސީސީ ރޭޓިންއަށް ދަށްކޮށްފައެވެ. މިއީ ސަވަރިން ޑިފޯލްޓެއްގެ ފެންޑާޔާ ހަމަވުމެކެވެ. ލަންކާގެ ތާރީޚުގައި އަދި ދުވަހަކުވެސް ޑިފޯލްޓް ވެފައެއް ނެތެވެ. އެހެންނަމަވެސް މިއީ އެކަން ބަދަލުވެ މުޅި ގައުމު ބަނގުރޫޓްވާނޭ ފަހަރުކަމަށް ހުރިހާ ތަޖުރިބާކާރުންވެސް ދަނީ ބުނަމުންނެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭންކުން ބުނާގޮތުގައި ހުސްވިއަހަރު ނިމުނުއިރު ގައުމުގެ ފޮރިން ރިޒާވް ހުރީ 3.1 ބިލިޔަން ޑޮލަރުގައެވެ. ބޭރުގެ ދަރަނި އަދާކުރުމަށް ވަކި އަދަދެއް ވަނީ އެކަށައެޅިފައެވެ. ބެލަންސް އޮފް ޕޭމަންޓުގެ ސީރިއަސް މައްސަލަތަކެއް ކުރިމަތިވަމުންދިޔަ ކަމަށް ވިޔަސް ދަރަނި އަދާކުރުމުގައި ކުރާންޖެހޭ ކަންކަން ކުރުމާއި އަމާޒަށް ވާސިލްވުމުގައި ނަތީޖާ ނެރެވޭނޭ ކަމަށްވެސް ރައީސް ރާޖަޕަކްސާގެ ސަރުކާރުން ދަނީ ބުނަމުންނެވެ. މާލީ ވަޒީރު ބަސިލް ރާޖަޕަކްސާ ވަނީ މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި 1.2 ބިލިޔަން ޑޮލަރުގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް އިއުލާން ކުރައްވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ޚާއްސަ އެލަވަންސްތައް ވެސް ހިމެނެއެވެ.
ގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަން ސަރުކާރުން ގުޅުވަނީ ކޮވިޑުގެ އާލަމީ ވަބާއާއެވެ. މިކަމަކީ އިގްތިސާދީ ގޮތުން ސަރުކާރުގެ ސިޔާސަތު ދޯހަޅިވެގެން މެދުވެރިވި ހާލަތެއް ނޫން ކަމަށާއި ހުރިހާވެސް ސަބަބަކީ ކޮވިޑު ކަމަށް ސަރުކާރުން ބުނެއެވެ. ތެދެކެވެ. ދައުލަތަށް އާމްދަނީ ލިބޭ ހުރިހާ ދާއިރާއަކަށްވެސް ކޮވިޑުގެ ހިޔަނި ވަނީ އެޅިފައެވެ. ތައްޔާރީ ހެދުން އެކްސްޕޯޓްކުރުމާއި ސައިފަތާއި ހަވާދުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ހުރަސްތަކެެއް ވަނީ ކުރިމަތިވެފައެވެ. ބޭރު ގައުމުތަކުގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން އެމީހުންގެ އާއިލާތަކަށް ފޮނުވާ ފައިސާގެ މިންވަރުވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި ހަގީގަތް މިހެން އޮތަސް ބަައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކޮވިޑަކީ އަސްލު ސަބަބެއް ނޫނެވެ. އަސްލު ސަބަބަކީ ސަރުކާރުގެ ދޯދިޔާ ސިޔާސަތެވެ.
ސްރީލަންކާގެ ދަރަނީގެ މައްސަލަތައް ގުޅިފައިވަނީ ޗައިނާއިން ނަގާފައިވާ ގިނަގުނަ ބިޔަ ލޯނުތަކާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިޔަސް އެއީ މުޅިއަކުން ހަގީގަތެެއް ނޫނެވެ. ދަރަނީގެ އެންމެ ބޮޑުބައެެއް ގުޅިފައިވަނީ މާކެޓް ބޮރޯވިންގާއެވެ. އިންޓަރނޭޝަނަލް ސަވަރިން ބޮންޑުގެ ސިފައިގައެވެ. އެއީ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދުގެ ދެބައިކުޅަ އެއްބައެވެ. މިފަދަ ދަރަނިތައް ޚަލާސްކުރުމުގައި މިމަހު ފަހުކޮޅުވެސް 500 މިލިޔަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު 1 ބިލިޔަން ޑޮލަރު ދައްކަން ޖެހެއެވެ. މިއަހަރު މި ޑެޑްލައިންތަކާ އެއްގޮތަށް ދަރަނި އަދާކުރީމާ ގައުމަށް ބޭނުންވާ އަސާސީތަކެތި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާއެއް ނުހުންނާނެއެވެ.
ތެލާއި ބޭސް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ ތާށިކަން ކުރިމަތިވާއިރު ކާނާގެ ބާވަތްތައްވެސް ކުރިއަށްވުރެ މާގިނައިން މިއަހަރު އެތެރެކުރަން މަޖުބޫރުވާނޭ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެއީ ހުސްވި އަހަރުގެ މެއިމަހު ދަނޑުވެރިކަމާ ބެހޭ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލަކާއި ގުޅިގެން އޮގަނިކް ފާމިން ތައާރަފުކުރެވިފައިވާތީ މިއަހަރު ދަނޑުވެރިކަމުގެ އުފެއްދުންތައް ބޮޑުތަނުން މަދުވާނޭ ކަމަށް ކުރެވޭ ހީތަކުގެ ސަބަބުންނެވެ. މިހާރުވެސް މިލްކު ޕައުޑަރު ފަދަ ބޭރުން އެތެރެކުރާ މުހިއްމު ބާވަތްތައް ވަނީ ބާޒާރުގައި މަދުވެފައެވެ. ލިބުން ދަތިވެފައެވެ. އަތްނުފޯރާ ހިސާބަށް އަގުތައް އުފުލިފައެވެ. މިހާރުވެސް މިހިސާބުގައި މިކަންކަން ހުރީމާ އިތުރު ބާވަތްތައް އެތެރެކުރަން ޖެހުން ވާނީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުމަކަށެވެ. ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަކަށެވެ. ތެލާއި ގޭހަކީ މިވަގުތުވެސް ލިބުން ފަސޭހަ އެއްޗެއްކަމުގައި ނުވެއެވެ.
އިދިކޮޅު ފަރާތްތަކުންނާއި އަދި އިގްތިސާދީ ކަންކަމުގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިވަގުތު ސަރުކާރަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި މަޝްވަރާކޮށްގެން އައު ލޯނުތަކެއް ނަގައިގެން ބޭރުގެ ދަރަނި އައުގޮތަކަށް ބައްޓަން ކުރުމެވެ. ދަރަންޏާއި ގައުމީ ބޭނުންތައް ގުޅުވައިލަން ވަގުތީގޮތުން އައު ގޮތްތަކެއް ހޯދުމެވެ. އެކަމަކު ސަރުކާރުން މިކަމަށް އެއްބަހެއް ނުވެއެވެ. އައިއެމްއެފުން ލޯނުތަކެއް ނަގައިގެން ކަންކަން ނުކުރިއަސް މިހާލަތުން އަރައިގަތުމަށް ބޭނުން ކުރެވޭނޭ އެހެން ވަސީލަތްތައް އެބަހުރިކަމަށް ސަރުކާރުން ބުނެއެވެ. އައިއެމްއެފުން ލޯނު ދިނަސް ދެނީ ވަރަށް ގިނަ ޝަރުތުތަކާއެކުގައެވެ. ފައިސާ ޚަރަދުކުރެވޭގޮތް ވަރަށް ސާފުކޮށް ފެންނާން އޮތުމަކީ ޝަރުތެކެވެ. ރާޖަޕަކްސާގެ ސަރުކާރަކީ މިގޮތަށް ހާމަކޮށް ފެންނާން އޮންނަ އުސޫލުން މާލީކަމެއްވިޔަސް އަދި އެނޫން ކަމެއް ވިޔަސް ކުރުމުގައި މިހާތަނަށް ނަމޫނާ ދައްކާފައިވާ ސަރުކާރެއް ނޫނެވެ.
ސްރީލަންކާގެ އިގްތިސާދަށް ޚާއްސަ ނޫހެއް ކަމަށްވާ ޑެއިލީ ފައިނޭންޝަލް ޓައިމްސްގެ އެޑިޓޯރިއަލްގައި ދާދި ފަހުން ލިޔެފައިވާ ގޮތުގައި ހައްލަކީ އައިއެމްއެފްގެ އެހީތެރިކަން ހޯދުމެވެ. އެނޫން އެހެން ގޮތެއް ނެތެވެ. މީގެ ކުރިން އައިއެމްއެފުން ލޯނު ނަގައިގެން ދަތި އުނދަގޫ ހާލަތްތަކެއް ތަޖުރިބާކުރަންޖެހި އެކަމުގެ ހިތިކަން ހަނދާނުން ނުފިލިޔަސް މިވަގުތު ކުރިމަތިވެފައިވާ ހާލަތަށްވުރެ ގޯސް ހާލަތެއް އައިއެމްއެފްގެ ފަރާތުން ކުރިމަތި ނުވާނެ ކަމަށްވެސް ބުނެއެވެ. އައިއެމްއެފުން ޕެކޭޖެއް ދީފިނަމަ ކުރިމަތިވާން އޮތް ގޮންޖެހުމަކީ ޚަރަދުކުރާގޮތް ފެންނާން އޮތުމާއި ވެލްފެެއަރ އާއި ސޯޝަލް ސާރވިސް ފަދަ ޕްރޮގްރާމްތައް މަޑުޖައްސައިލަން ޖެހުމެވެ. ސިޔާސީގޮތުން މިއީ ސަރުކާރަށް ވަރަށް ގިނަގުނަ ފާޑުކިޔުންތައް އަމާޒުވެގެންދާނޭ ކަމެކެވެ. މިކަން ވަނީ ކުރިން ތަޖުރިބާވެސް ކުރެވިފައެވެ.
ކޮވިޑުގެ ސަބަބުން އިގްތިސާދު ހީނަރުވި ހިސާބުން ފެށިގެންވެސް ސްރީލަންކާއިން ދަނީ އިންޑިޔާގެ އެހީތެރިކަމަށް އެދެމުންނެވެ. ދަރަނި ފްރީޒް ކުރުމާއި ކަރަންސީ ސުވޮޕާއި ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމަށް އިމަޖެންސީ އެލްސީފަދަ ކަންކަން ހަމަޖެއްސުމުގައެވެ. ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައިވެސް ލަންކާގެ މާލީ ވަޒީރު އިންޑިޔާއަށް ވަޑައިގެން އެއްބަސްވުންތަކެއްގައި ސޮއިކުރެެއްވިއެވެ. އިންޑިޔާއިން ބުނާ ގޮތުގައި އަދި އަބަދުވެސް ބުނަމުން އަންނަ ގޮތުގައި އިންޑިޔާ ދެމިއޮންނާނީ ރަނގަޅު އަވަށްޓެރިއެއްގެ ގޮތުގައި ލަންކާގެ ރައްޔިތުންނާއެކުގައެވެ. ލަންކާއަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އިންޑިޔާ އޮންނާނީ ބަރޯސާކުރެވޭ މިތުރެެއްގެ ގޮތުގައެވެ. އެހެންވީމާ މިއަދުގެ މި ހާލަތުން އަރައިގަތުމަށް އިންޑިޔާއިން ސްރީލަންކާއަށް ފުރިހަމަ އެއްބާރުލުމެއް ދޭނެއެވެ.