މާލޭ އުތުރުފަރާތުގެ ފަޅުތެރޭ ލަފައިފޭބުމަށް ސިޓީ ކައުންސިލުން ގެނެސްފައިވާ ބަދަލާއެކު އެތަނުގައި އަޅާފައި ހުރި ހުރިހާ ސަތަރި ދޯނިތަކެއް ނަގަން އެންގިފައިވަނީ އޮޅުމަކުން ކަމަށާއި، މުދާ އުފުލުމަށް މިހާރުވެސް ބޭނުންކުރާ ދޯނިތައް ނުނަގާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ އެ ސަރަހައްދުގައި ބިދޭސީން ގެދޮރު ހަދައިގެން ދިރިއުޅެން ދޯނިތައް ބޭނުން ކުރަމުން އަންނަ ކަމަށާއި، އެ ފަދަ ބައެއް ދޯނިތަކުގައި އިންޖީނުވެސް ނެތް ކަމަށެވެ. އަދި އެ ފަދަ ދޯނިތައް އެ ސަރަހައްދުގައި އަޅާފައި ބޭއްވުމުން އެ ސަރަހައްދުގެ ފަޅުތެރެ ބޭނުންކުރަން އެހެން އުޅަނދުތަކަށް ދަތިވާ ކަމަށާއި، އެ ސަރަހައްދުން ނަގަން ނިންމާފައިވަނީ އެފަދަ އުޅަނދުފަހަރު އެކަނި ކަމަށެވެ. އަދި މުދާ އުފުލުމަށް މިހާރުވެސް ބޭނުންކުރާ ދޯނިފަހަރުތައް ނަގަން ލިޔުން ދެވިފައިވަނީ އޮޅުމަކުން ކަމަށްވެސް މޭޔަރު ވިދާޅުވިއެެވެ.
"އެއްވެސް ދޯންޏަކަށް ޖާގަ ގެއްލޭ ގޮތަކަށް ނަހަދަން. ބައެއް އޮޅުންތައް ވެސް އެބައުޅޭ މިކަމުގަ. ފޮރިން މިނިސްޓްރީ ކައިރީގައި އަޅާ ދޯނިތައް، އެބޭފުޅުންނަށްވެސް ލިޔުންދެވިފައިވާ ކަމަށް ވަނީ. އެއީ އެކަމަކު އޮޅިގެން ކުރެވުނު ކަމެއް. ބޭނުންވަނީ އެ ސަރަހައްދުގައި ބިދޭސީން ގެދޮރުހަދައި، ނިދައި ހަދާ ދޯނިތައް ނަގަން" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އުތުރު ފަޅުތެރޭގައި ޖާގަ ތަނަވަސް ކުރުމުގެ ގޮތުން ނަސަންދުރަ ކުރިމަތީން ފެށިގެން މަސްވެރިންގެ މައިޒާނާއި ދެމެދު ހުރި ދޯނިތަކުގެ ތެރެއިންވެސް ނަގަން ނިންމާފައިވަނީ ބައެއް ދޯނިތައް ކަމަށާއި އެ ދޯނިތައް ނަގަން އޮޑިވެރިންނާއި މަޝްވަރާކޮށް ދޯނިތައް ބަދަލުކުރާނެ ޖާގަވެސް އެފަރާތްތަކަށް މިހާރު ދައްކާފައިވާނެ ކަމަށެވެ. އެއީ ވިލިމާލެ ފަޅާއި ހުޅުމާލެ ފަޅު ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އިއްޔެއިން ފެށިގެެން މާލެ އުތުރު ފަޅަށް ލަފައިފޭބުމުގެ ހިދުމަތް ބަދަލުކޮށް ސިޓީކައުންސިލުން ވަނީ އެ ސަރަހައްދު މާލެ ދަތުރުކުރާ ލޯންޗް ފެރީތަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެސް، އެކަން ސާކިއުލާ އަކުން ކުރިން އަންގާފައެވެ. އެބަދަލާއުކު އެ ސަރަހައްދުގައި އަޅާފައި ހުރި ދޯނިތަކުގެ ވެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސިޓީ ކައުންސިލަށް ފާޑުކިޔާފައެވެ.
އުުތުރުފަރާތުގެ ފަޅު ބޭނުންކުރާނެ ގޮތްތަކަށް ބަދަލު ގެނެސް ސިޓީ ކައުންސިލުން އަންގާފައިވަނީ މި މަހުން ފެށިގެން ލޯންޗް ފެރީތަކަށް ޕަސިންޖަރުން ބޭލުމަށް ބޭނުން ކުރަން ޖެހޭނީ މަސްވެރިންގެ މައިޒާނުގެ އިރުމަތިން ނަސަންދުރަ އާ ދެމެދު ކަމަށާއި، ޕަސިންޖަރުން އެރުވުމަށް ބޭނުންކުރަން ޖެހޭނީ މަސްވެރިންގެ މައިޒާނުން ފެށިގެން ހުޅަނގަށް ފޮރިން މިނިސްޓްރީ އާ ދެމެދު ޖެޓީތައް ކަމަށެވެ. އަދި ފަސިންޖަރުން އަރައި ފައިބާ ވަގުތު ނޫން ވަގުތެއްގައި މިސަރަހައްދުގެ ތޮށިގަނޑުގައި އެއްވެސް އުޅަނދެއް މަޑުކުރުމާއި އަޅާފައިވެސް ބާއްވައިގެން ނުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު